ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް ބުރޫނާރެނެކަން ކަށަވަރުކޮށް، ދައުލަތުގެ ހަރަދުތައް އެކަށޭނެ މިންވަރެއްގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައި ވަނީ، އާމްދަނީ މަދުވުމާއި، ރިކަރަންޓް ހަރަދު އިތުރުވުމާއި، ރިޒާވުން ފައިސާ ބޭރުވާ މިންވަރު އިތުރުވުމުގެ ސަބަބުން އުފެދިފައިވާ ފަރަގު ކުޑަކުރުމަށްޓަކައި ހަރަދުތައް އެކަށޭނަ މިންވަރެއްގައި ބެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި ބަޖެޓު ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް މިހާރު ވެސް ދަނީ ތަންފީޒުކުރަމުންނެވެ. އަދި ހަރަދުތައް އިސްލާހުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެކުލަވާލައި، އެކަންކަން މިހާރު ދަނީ ދިރާސާކުރަމުންނެވެ. މީގެ އިތުރުން، މާލީ ދާއިރާ މެދުވެރިކޮށް ބޭރު ފައިސާއިން ކުރާ ހަރަދުތަކާއި ބޭރު ފައިސާ ބޭރުވާ މިންވަރު މެނޭޖުކުރުމުގެ ސިޔާސަތުތައް ވެސް ދަނީ މުރާޖަޢާކުރަމުންނެވެ.
މާލީ ވުޒާރާގެ އަންދާޒާތަކުން ދައްކާގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، 2026ވަނަ އަހަރަށް ލަފާކުރި ބަޖެޓަށްވުރެ ތެލުގެ ސަބްސިޑީއަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
މި ހާލަތާ ގުޅިގެން ހުށަހެޅިފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ ދައުލަތުގެ ކޭޝް ފްލޯއާއި، ބަޖެޓާއި އަދި ރިޒާވަށް ކުރިމަތިވާ ޕްރެޝަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މިއީ ބޭރުގެ މާޙައުލަށް އަންނަ ބަދަލުތަކާ އެއްގޮތަށް ސަރުކާރުން އިޖާބަދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އަދި މި ގޮންޖެހުންތައް މެނޭޖުކުރުމަށްޓަކައި އިތުރު ފައިނޭންސިންގ ހޯދުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.




