ރޭ މެންޗެސްޓަރ ސިޓީއިން ބާންލީ ބަލިކޮށް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ބާންލީއަށް ރެލިގޭޝަން ޔަގީންވެއްޖެ އެވެ.
މިބައްޔާއެކު ބާންލީއަށް މިވަނީ ވުލްވުސްއާއެކު މިއަހަރު ޕްރިމިއާ ލީގުގެ ރެލިގޭޓްވާނެކަން ޔަގީންވެފަ އެވެ. ވޭތުވެދިޔަ ދެތިން ހަފްތާގައި ބެލެވިފައި އޮތީ ރެލިގޭޝަނުގެ ފަހު ޓީމަކަށް ވާނީ ލީޑްސް، ނޮޓިންހަމް ފޮރެސްޓް، ވެސްޓް ހޭމް އަދި ޓޮޓެންހަމް ތެރެއިން ޓީމެއްކަމަށެވެ.
ކިރިޔާ ރެލިގޭޝަނުން ނުގޮސް މިޓީމުތައް އޮތް ނަމަވެސް ބޯންމައުތު މެޗު އެއްވަރުވުމާއެކު ލީޑްސް ވަނީ 7 ޕޮއިންޓް ހޯދާ 40 ޕޮއިންޓް މާކް ހަމަކޮށްފަ އެވެ. މިއާއެކު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 40 ޕޮއިންޓް މާކާ ހިސާބުން ޓީމެއް ރެލިގޭޝަނުގެ ބިރުން ސަލާމަތްވީ އެވެ.
ނަމަވެސް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ލީޑްސްގެ ބޮސް ޑެނިއަލް ފާކް ބުނީ ދުނިޔޭގައި ގިނަ ތަޖުރިބާތައް ކުރެވިފައިވާކަމަށާއި އެހެންކަމުން އުފާފާޅުކުރާނީ ހިސާބުތަކުން ޔަގީންވީމަކަމަށާއި އަދި އަވަސް ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެމީހުންނަށް 40 ޕޮއިންޓް ލިބިއްޖެ ކަމަށާއި އަދި ހުރިހާ މުބާރާތަކުން ބަލިނުވެ ހަތް މެޗު ހަމަވެއްޖެކަމަށް އަދި އޭނާގެ އުއްމީދު ބޮޑުކަމަށާއި އެހެންކަމުން ފަހު ހަތަރު ގޭމުން ބަލިވާންވީ ކީއްވެކަމަށް ސުވާލު އުފައްދާފަ އެވެ.
އެލަންޑް ރޯޑްގައި ބާންލީ އަތުންވީ މޮޅާއެކު ހިސާބުތަކުން ދައްކާގޮތުން ލީޑްސް އޮތީ ރެލިގޭޝަނުން ސަލާމަތުންނެވެ. އެހެންނަމަވެސް އަދިވެސް ފާކް އުފާފާޅުކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް އެބައޮތެވެ.
97 ވަނަ މިނެޓުގައި މެޗު އެއްވަރުކޮށްލެވުމުން ކުރާ އުފާފާޅުކުރުންތައް ބޮޑުވުމަކީ އެންމެން ވެސް އުއްމީދުކުރާ ކަމެކެވެ. އެކަމަކު ވިޓާލިޓީ ސްޓޭޑިއަމްގައި ލީޑްސް ކުޅުންތެރިންނަށް އެއީ ޕޮއިންޓަކަށް ވުރެ މާބޮޑު މުހިންމުކަމެކެވެ.
އެ މެޗުން އެއްވަރުވުމާއެކު 18 ވަނައިގައި އޮތް ޓޮޓެންހަމަށް ވުރެ 9 ޕޮއިންޓް އެޓީމުން ވަނީ ކުރިއަށް ޖެހިލައިފަ އެވެ. އަދި އެހާ މަދު އަދަދެއްގެ މެޗުތައް ބާކީ އޮއްވާ އެ ތަފާތު ވާނީ ޕްރިމިއާ ލީގުގައި އެޓީމު ދެމި އޮންނަން ގާތްގަނޑަކަށް ޔަގީންވެގެންދާނެ ތަފާތަކަށެވެ.
އޮޕްޓާ ސުޕަކޮމްޕިއުޓަރ އިން ދައްކާގޮތުގައި ފާކްގެ ލީޑްސް ރެލިގޭޓްވުމުގެ އޮތީ 0.21 ޕަސެންޓްގެ ޗާންސެކެވެ. ނޮޓިންހަމް ފޮރެސްޓަށް 4.27 ޕަސެންޓްގެ ޗާންސެއް އޮތްއިރު ވެސްޓް ހޭމްއަށް 38.58 ޕަސެންޓްގެ ޗާންސެއް އޮތްކަމަށް ދައްކަ އެވެ. އަދި 56.93 ޕަސެންޓާއެކު ރެލިގޭޓްވުމުގެ ބިރު އެންމެ ބޮޑީ ޓޮޓެންހަމަށެވެ.
ޓޮޓެންހަމްގެ ބޮސް ޑި ޒާބީ ވަނީ އޭނާގެ ޓީމުން ހޮނިހިރު ދުވަހު ބްރައިޓަންއާ އެއްވަރުވުމުން ރެލިގޭޓް ނުވާނެކަން ޔަގީންވާ އުސޫލަކުން ވާހަކަދައްކާފަ އެވެ. އަދި ސީޒަން ފަހުކޮށް ފަހު 5 ގޭމުން މޮޅުވާނެކަމަށް ބުނެފަ އެވެ.
އެހެންނަމަވެސް މިސީޒަނުގައި ޓޮޓެންހަމްގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމަށް ބަލާފައި ހުރިހާ ހެއްކެއް ވެސް އަމާޒުވަނީ އެޓީމުގައި އެވަރުގެ ކާމިޔާބީއެއް ހޯދުމުގެ ފެންވަރު ނެތް ކަމަށެވެ.
އެންމެފަހުން ޓޮޓެންހަމުން ޕްރިމިއާ ލީގުގައި ކުޅުނު 15 މެޗުން ވެސް މޮޅުނުވާއިރު މިއަހަރު ވެސް އެޓީމު މެޗަކުން މޮޅުވެފައި ލީގުގައި ނެތެވެ. އަދި 26 އޮކްޓޫބަރަށް ފަހު މޮޅުވީ އެންމެ ދެމެޗުންނެވެ.
އަންނަ ހޮނިހިރުގައި ލީގުގެ ފުލުގައި އޮތް ވުލްވުސް އަތުން މޮޅުވުން އެޓީމަށް ވަރަށް މުހިންމުވާނެ އެވެ. މެޗަކުން މޮޅުނުވެ އެޓީމުން އެންމެ ގިނަ ދުވަހު އޮތް ސީޒަނުގެ ނަތީޖާއާ އެމެޗުން ބަލިވެއްޖެނަމަ އެއްވަރުވާނެ އެވެ. އެއީ މީގެ 91 ވަރަކަށް އަހަރުކުރިން 1934 އަދި 1935 ވަނަ އަހަރާ ދެމެދު އެވެ.




