ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
މި ދަތުރުފުޅަކީ އަންނަ މަހުގެ 3 ވަނަ ދުވަހުން 6 ވަނަ ދުވަހަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް ސްރީލަންކާއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ދެމިހުންނެވީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި ހިއްސާވާ މުހިންމު ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ފުރިހަމަ އަޒުމުގައިކަމަށާއި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، ފާއިތުވި އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި ފާހަގަކުރާކަމުގައިވެސް ރައީސް އޮފީހުން ބުނެ އެވެ.




