ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީއިން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާކަމަށެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިހުލާސްތެރިކަމާއެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ. ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެމީހަކު އަމިއްލައަށް، އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެކަމަށް އިނާމު ދިނުމުގެ އުސޫލުގައިވަނީ ބަޔާންކުރައްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ ހަމައެކަނި "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މެއި މަހުގެ 6 އިން ފެށިގެން އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާ ހަމައަށްކަމަށް http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
އިނާމަށް ހުށަހަޅާއިރު، ހުރިހާ މައުލޫމާތުތައް ފުރިހަމަކޮށް، އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކުގައި އިނާމަށްއެދޭ ފޯމު ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީންވަނީ އެދިވަޑައިގަންނަވާފައެވެ. އިނާމު ދިނުމަށް ކަނޑައެޅުމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ބަލާ ކަންކަމުގެ ތެރޭގައި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ޤާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.
އަދި އެ މުއައްސަސާއިން ކުރިއަށްގެންދިޔަ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޚިދުމަތްކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބަލާނެކަމަށް އޫސުލުގައިވަނީ ބަޔާންކުރައްވާފައެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަޤީން ކުރައްވާނެކަމަށް އެ އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.




