twitterviber whatsapp telegramfacebookyoutube instagram
5th June 2026

އޭޝިއާގެ ގަދަބާރު ޖަޕާން، ވޯލްޑްކަޕުން ފެންނާނެ އެންމެ ތަފާތު ޓީމު؟

މުޙައްމަދު އަހުމަދު
Jun 5, 2026

އެންމެ ފަހުން ގަތަރުގައި އޮތް ފީފާ ވޯލްޑްކަޕުގައި ހަޖިމޭ މޮރިޔަސޫގެ އިރުޝާދުގެ ދަށުން ޖަޕާނުން ދުނިޔެ ހައިރާންކޮށްލި ކާމިޔާބީއެއް ވަނީ ހޯދާފަ އެވެ.

ގަދަ 16 އަށް ދަތުރުކުރުމަށް ޖަޕާނުން މިދިޔަ ވޯލްޑްކަޕުގައި ކުރި ދަތުރުގައި އެޓީމުން ވަނީ ދުނިޔޭގެ ގަދަބާރުތައް ކަމަށްވާ 4 ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ސްޕެއިން ބަލިކޮށްފަ އެވެ. ގަދަ 16 އަށް ދަތުރުކޮށް އެޓީމު އެބުރުން ބަލިވީ ހަމައެކަނި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ އަތުންނެވެ. އަދި އެފަހަރު މާބޮޑަށް ސަމާލުވެގެން ކުޅުމަށް މޮރިޔަސޫ ގެންގުޅުނު ކުޅުމުގެ ސްޓައިލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެހެންނަމަވެސް އެނޫން ގޮތަކަށް އެކަން ކުރެވިދާނެކަމާމެދު ދެބަސްވުން އުފެދެ އެވެ. އެއީ ދޮގެއް ނޫނެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކައުންޓަރ އެޓޭކިން ގޭމެއް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. މުބާރާތުގައި ޖަޕާނު ބަލިވި ހަމައެކަނި މެޗަކީ 1 - 0 ކޮސްޓަރީކާ އަތުން ބަލިވި މެޗެވެ. އެބައްޔާއެކު ގްރޫޕު ސްޓޭޖުން ކުރިއަށް ދިއުމަށް ކުރި އުއްމީދުތައް ކޮންމެވެސް ވަރަކަށް ޖަޕާނަށް ބަނަވި އެވެ.

އެކަމަކު އެއަށްފަހު ވޭތުވެދިޔަ 3 އަހަރެއްހާ ދުވަހުގެ މުއްދަތުގައި މޮރިޔަސޫ ގެންގުޅެފައިވަނީ ކުރިން ގެންގުޅުނު ކުޅުމުގެ ވައްޓަފާޅިއެއް ނޫނެވެ. ކުރިން ކޮންވަޒޭޓިވް ގޭމެއް ކުޅުނު ޖަޕާނުން ކުޅެފައިވަނީ ގޯސްތައް މަދުކޮށް ލީޑެއް އޮތްނަމަ ބޮޑެތި ފުރުސަތުތަކުގައި ކުރިއަށް ގޮސް ލަނޑު ޖެހުމުގެ ބަދަލުގައި ލީޑު ރައްކާތެރިކޮށްގެން ކުޅުނު ކުޅުމެކެވެ. ނަމަވެސް މިހާރު ވަރަށް ބޮޑަށް ކުޅުން ބަދަލުވެފައިވުމަކީ މިފަހަރުގެ ވޯލްޑްކަޕުގައި ފެންނާނެ އެންމެ ތަފާތު ޓީމަކަށް ޖަޕާނު ވެގެންދާ މައިގަނޑު ސަބަބެވެ.

މޮރިޔަސޫއަށް އަދިވެސް ކަމުދަނީ ޑިފެންސަށް 5 ކުޅުންތެރިން ލައިގެން ކުޅުމެވެ. އެހެންނަމަވެސް ޓީމުގެ ކުޅުންތެރިންނަށް ބަލާ އޭނާ ޓީމު އަތުރާ ގޮތުން ޖަޕާނުގެ ފޯމޭޝަނަކީ 1-4-2-3 އެވެ. ރަނގަޅު ތިން ކުޅުންތެރިންގެ ޑިފެންސަކަށް މޮރިޔަސޫ ބޭނުންވާކަން ބަދަލެއް ނުވެ އެވެ. ތިން ކުޅުންތެރިންގެ ޑިފެންސުގެ ކުރިން ރަނގަޅަށް އަތުރާލައިގެން ކުޅޭ މިޑްފީލްޑް ޑުއޯ، ހާއްސަކޮށް ކެޕްޓަން ވަޓާރޫ އެންޑޯގެ ދަށުން އޮތުމަކީ ޑިފެންސަށް ލިބޭ އިތުރު ރައްކާތެރިކަމެކެވެ.

މައިގަނޑު އެންމެ ބޮޑު ތަފާތެއް އަންނަނީ ވިންގް ބެކުންނެވެ. ވޯލްޑްކަޕަށް ކޮލިފައިވުމަށް ވާދަކުރި އޭޝިއަން ކޮލިފަޔާސްގައި މި މަގާމު ތަކުގައި މޮރިޔަސޫ ގިނައިން ބޭނުން ކުރީ ރިޓްސޫ ޑޮއާން އާއި ކައޮރޫ މިޓޯމާ އެވެ. ކުރިއަށް ޖެހިގެން އޮފެންސިވް ގޭމެއް ކުޅޭ މިދެކުޅުންތެރިންނަށް ކޮލިފައިންގައި ބޭނުންވާ ހާލަތްތަކުގައި ޖެހުނީ ޑިފެންސިވް ކުޅުމެއް ކުޅޭށެވެ. ނަމަވެސް ޖަޕާނުން ކުރީގައި އޮންނަ ވަގުތުގައި ހަމަލާ އުފެއްދުމުގެ ގާބިލުކަން އޭގެ އެންމެ ފުރިހަމައަށް ބޭނުން ކުރުމުގެ ފުރުސަތު އެކުޅުންތެރިންނަށް މޮރިޔަސޫ ދިނެވެ.

ނަމްބަރު 10 ގައި ކުޅޭ ދެކުޅުންތެރިންނާއެކު ނަމްބަރު 9 ލައިނުގެ ކުރީގައި އޮންނައިރު މޮރިޔަސޫ އާންމުކޮށް ފަސް އެޓޭކަރުން އޭނާގެ ފުރަތަމަ 11 ގައި ހިމަނަ އެވެ. އަދި އެއީ އެންޑޯއާއި އޭނާއާއެކު ސެންޓްރަލް މިޑްފީލްޑަރު ޕޮޒިޝަނަށް ކުޅޭ ކުޅުންތެރިޔާ ސަޕޯޓަށް ޖެހުމުގެ ކުރިންނެވެ.

އޭގެ މާނައަކަށްވަނީ ޖަޕާނު އަތުގައި ބޯޅަ އޮންނައިރު އެޓީމުގެ 7 ކުޅުންތެރިން އެންމެ ކުރިއަށް ޖެހިގެން އޮންނައިރު ދަނޑުގެ މެދެއްހާ ހިސާބަށް ތިން ޑިފެންޑަރުން ޖެހި ޕޮޒެޝަން ހިފަހައްޓަ އެވެ. ހާއްސަކޮށް އިދިކޮޅު ޓީމު ޕްރެޝަރަށް ވެއްޓޭ ހާލަތްތަކުގަ އެވެ.

ޖަޕާނުން އެޓޭކިން ކުޅުމުން އެމީހުންނަށް ވޯލްޑްކަޕާ ހަމައަށް ކުރި ދަތުރުގައި ވަރަށް ބޮޑު ތަފާތެއް ދެއްކި އެވެ. ކޮލިފައިންގެ 16 މެޗުން އެޓީމު 54 ގޯލު ޖެހިއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ 3 ލަނޑެވެ. ގިނަ ބަޔަކު ޖަޕާނުން ކޮލިފައިން ޑޮމިނޭޓްކުރާނެ ކަމަށް ބެލިކަމުގައިވީ ނަމަވެސް މިހާ ފުރިހަމަ ކުޅުމެއް ދެއްކި ދެއްކުމަކީ ގިނަ ބަޔަކު ހައިރާންކޮށްލި ކަމެކެވެ.

ކޮލިފައިންގެ ތިންވަނަ ބުރުގައި އޭޝިއާގެ އެންމެ މޮޅު 18 ޓީމު ވާދަކުރި ބުރުގައި ވެސް ޖަޕާނުން ވަނީ 7 - 0 ން ޗައިނާ، 6 - 0 ން އިންޑޮނޭޝިއާ އަދި 5 - 0 ން ބަހްރޭން ބަލިކޮށްފަ އެވެ. އެހެންނަމަވެސް ވޯލްޑްކަޕަކާ ހަމައަށް އާދެވޭއިރު މިހުރިހާ ކަމެއް ސީދަލަކަށް ނޯންނާނެ އެވެ. ހާއްސަކޮށް ޖަޕާނަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޓަކޫމީ މިނަމީނޯއަށް މިދިޔަ އަހަރު ފަހުކޮޅު ދިމާވި އޭސީއެލް އިންޖަރީއަކާ ގުޅިގެން މިފަހަރުގެ ވޯލްޑްކަޕު ނުކުޅެވުމެވެ.

މިކަމުގެ ހައްލަކަށް އެންމެ ފަސޭހަކޮށް ޖަޕާނުން ގެންނާނެ ބަދަލަކަށް ބެލެވިފައިވާ އޮތީ މިޓޯމާ ނަމްބަރު 10 ގެ މަގާމަށް ކުރިއަށް ޖެއްސުމަށްފަހު ވާތްފަރާތު ވިންގްބެކްގެ މަގާމު ޑައިޒެން މައެޑާ ނުވަތަ ކެއިޓޯ ނަކަމޫރާ ލައްވާ ކުޅުވުމެވެ. އެހެންނަމަވެސް ހެމްސްޓްރިންގަށް ދިމާވި އަނިޔާއަކާ ގުޅިގެން މިޓޯމާއަށް ވޯލްޑްކަޕު ކުޅުމުގެ ހުވަފެން ނިމިފައިވުމުން މޮރިޔަސޫ ދެން ޖެހޭނީ އެހާ ފުރިހަމައަށް ކުޅެވެމުން އައި ސިސްޓަމް ބަދަލުކުރާށެވެ.

މިއީ ބޮޑު ގޮންޖެހުމަކަށްވާނެއިރު މި ސްޓައިލުގައި ކުޅެ އެކުވެރިކަމުގެ މެޗުތަކުގައި ވޭތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައި ޖަޕާނުން ދުނިޔޭގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް އަދި ޔޫރަޕުގެ ގަދަބާރު އިންގްލެންޑް ވެސް ބަލިކުރި އެވެ. ދެ ތަރިންނަށް ވޯލްޑްކަޕް ނުކުޅެވުމުން ގެއްލުންތައް ދެއްކި ނަމަވެސް އެކުޅުންތެރިންނާ ނުލައި ވެސް ސިސްޓަމް ކުރިއަށްދާން ޖެހެ އެވެ. އަދި މިވަގުތު އުފެދޭ އެންމެ ބޮޑު ސުވާލަކީ މޮރިޔަސޫ ދެން ކަންތައް ކުރާނެ ގޮތާމެދު އުފެދޭ ސުވާލެވެ،

ކޮލިފައިންގައި އެހާ މޮޅު ކުޅުމެއް ދައްކާ ކޮލިފައިން ފޭވަރިޓްސްގެ ގޮތުގައި އޮތް ޖަޕާނަށް ނުރައްކާތެރި އެޓޭކިން ކުޅުމެއް ކުޅުމަކީ އުދަނގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް ވޯލްޑްކަޕުގެ ޕްރެޝަރު މާ ބޮޑުވާނެ އެވެ. އަދި ސުވާލަކީ އެހާލަތުގައި ވެސް އެކުޅުން ޖަޕާނަށް ދެއްކިދާނެ ކަމެވެ. ޖަޕާނުގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނައިރު ފުދޭވަރަކަށް އެޓީމުން ސަމާލުވާން ޖެހޭއިރު ޓިއުނީޝިއާއާއި ސްވިޑަން މެޗަކީ ވެސް ފަސޭހަ ކޮށްލެވޭނެ މެޗުތަކެއް ނޫނެވެ. އެހެންނަމަވެސް އެމެޗުތަކަކީ އެމީހުންގެ ފުރިހަމަ ކުޅުން ދައްކާ ޑޮމިނޭޓް ކުރެވޭނެ މެޗުތަކެވެ.

ޖަޕާނުގެ މައިގަނޑު ގޯލަކަށް މިފަހަރުވާނީ ވީހާވެސް ދިގު މުއްދަތަކަށް މުބާރާތުގައި ދެމި އޮތުމަށް ކަމަށްވާއިރު ތާރީހު ދައްކާގޮތުން އާންމުގޮތެއްގައި މުބާރާތުގައި ކުރިއަށްދަނީ ތަފާތު ބަލާހިތްވާ މޮޅު ފުޓްބޯޅައެއް ކުޅޭ ޓީމުތަކެވެ. ވޯލްޑްކަޕާ ހަމައަށް ޖަޕާން އައިސްފައިވާ ގޮތަށް ބަލާފައި ޖަޕާނުން ވަނީ އެޓީމަކީ މިމުބާރާތުގައި ފެންނާނެ އެންމެ ތަފާތު ޓީމުކަން ސާބޮތުކޮށްދީފަ އެވެ. އެއީ ދެ ތަރިންނާއި ނުލާ ކުޅެން ޖެހުނު ކަމުގައިވީ ނަމަވެސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355