އިބްރާހިމް ހަމީދު
ކުޅުދުއްފުށީގެ ސްކޫލުތަކަށާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން އެމްއެންޑީއެފްގެ ނޯދަން އޭރިޔާއާއި ހދ އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެން މަލްޓި މީޑިޔާ އެވެއާރނަސް ޕުރޮގްރާމެއް ފަށައިފި އެވެ.
މި ޕުރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން ރޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، މޮޅު މީހަކަށްވާނީ ހަމައެކަނި މަތީ ސަނަދެއް އޮތުމުން ނޫންކަމަށާއި މޮޅު މީހަކަށްވާނީ އެމީހަކާ ހަވާލުކުރެވޭ ކަންތައް ކުރެވޭ މީހުންނަށް ކަމަށެވެ. އަދި މިފަދަ ޕުރޮގްރާމެއް ކުޅުދުއްފުއްޓަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ނޯދަން އޭރިޔާގެ އޮފިސަރ އިންޗާރޖް ލެފްޓިނެންޓް މުހައްމަދު ފަރީން ވިދާޅުވީ މަލްޓި މީޑިޔާއަކީ މިޒަމާނުގައި އެއާނުލާ ނޫޅެވޭނެ އެއްޗެއް ކަމަށާއި މަލްޓި މީޑިޔާގެ ދާއިރާއަކީ މުހިއްމު ދާއިރާއަކަށް ވިޔަސް އެދާއިރާއިން ގިނަ ބަޔަކު ތަމްރީނުވެފައި ނެތްކަމަށެވެ. އޭގެ ސަބަބަކީ އެދާއިރާގެ ކޯސްތަކުގެ އަގުބޮޑުކަމާއި މަލްޓި މީޑިޔާގެ ދާއިރާއިން ތަޢުލީމު ލިބިފައިވާ މާހިރުން މަދުވުންކަމުގައި ވިދާޅުވިއެވެ.
ރޭ ފެށި މަލްޓި މީޑިޔާ ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ ކޮރަލްޑްރޯ، ޕޮޓޯޝޮޕް އަދި ތްރިޑީ އެނިމޭޝަން ކަމަށް އެމްއެންޑީއެފްގެ ނޯދަން އޭރިޔާއިން މައުލޫމާތު ދެއެވެ. ކުޅުދުއްފުށި އޮންލައިނަށް މަޢުލޫމާތު ދެމުން އެޕުރޮގްރާމުގެ ކޯޑިނޭޓަރ އަބްދުލް ހަމީދު އަލީ ވިދާޅުވީ އެކޯހަށް ބައިވެރިން ހޮވުމަށް ކުޅުދުއްފުށީގެ ސްކޫލުތަކަށާއި ކުލަބު ޖަމިއްޔާތަކުގެ އިތުރުން ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށް ފުރުޞަތު ހުޅުވާލިކަމަށެވެ. 68 ބައިވެރިންނާއެކު ހަތަރު ދަންފަޅިއަކަށް ބަހާލައިގެން 21 ދުވަހުގެ މުއްދަތަށް ހިންގާ މިޕުރޮގްރާމުގައި ކިޔަވައި ދޭނީ އެމްއެންޑީއެފްގެ ޕްރައިވެޓް މުހައްމަދު ޔާމިން ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފްގެ ނޯދަން އޭރިޔާއިން އިސްނަގައިގެން މިފަދަ ކޯސްތަކެއް މީގެ ކުރިންވެސް އުތުރުގެ ސަރަހައްދުގެ ރަށްރަށުގައި ވަނީ ހިންގާފައެވެ. އެމްއެންޑީއެފްގެ ނޯދަން އޭރިޔާގައި ހިމެނެނީ މާލޭގެ އުތުރުގެ 07 އަތޮޅެވެ.