ފީފާ ވޯލްޑްކަޕުގެ ތަށި އިނގިރޭސިން އުފުލާލިތާ 60 އަހަރުވެފައިވާއިރު މިއަހަރުގެ ވޯލްޑް ކަޕް ފެށެން ކައިރިވެފައި އޮއްވާ އުފެދެނީ ހަމަ އެއް ސުވާލެކެވެ. އެއީ ތޯމަސް ޓުޝެލްގެ ޓީމުގައި އޮތް ހުނަރު ފައިނަލާ ހަމައަށް ވާސިލްވުމަށް ބޭނުން ހިފާ ކާމިޔާބީ ހޯދޭނެ ތޯ އެވެ.
އެކި މަގުތައް ވޯލްޑްކަޕެއްގެ ފޯރި ބަދަލުކޮށްލަ އެވެ. ނުރައްކަލުން ފުރިގެންވާ ދަތުރުތަކާއި ގަދަބާރުތަކުގެ މެދުގައި ފެންނަ ވަރުގަދަ ކުރިމަތިލުންތަކެވެ. މިހުރިހާ ކަމެއް މިފަހަރު އިންގްލެންޑް ޓީމަށް ބަރޯސާ ވަނީ ގްރޫޕް ސްޓޭޖުގައި އެޓީމު ދައްކާ ކުޅުމާ ނެރޭނެ ނަތީޖާ އަކަށެވެ. އަދި މުބާރާތުގެ އެހެން ގަދަބާރުތަކުން ނެރޭ ނަތީޖާ ތަކަށެވެ.
އެހެންކަމުން ގްރޫޕް އެލްގެ އެއްވަނަ ހޯދައިގެން އިންގްލެންޑުގެ ކުރިމަތީގައި އޮތީ ކޮން ކަހަލަ ރާސްތާ އެއް ބާވަ އެވެ. އަދި އެއްވަނަ ނުހޯދިއްޖެނަމަ މަންޒަރު ބަދަލުވާނީ ކިހިނެއްބާ އެވެ. އެހެންކަމުން މިދައްކާލަނީ މިފަހަރުގެ ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދުމަށް އިންގްލެންޑުން ކުރަން ޖެހޭ ދަތުރާއި ދިމާވެދާނެ ހާލަތްތަކެވެ.
ގްރޫޕުތަކުގެ އުދަނގޫކަމަށް ބަލާފައި ބުނާނަމަ އިންގްލެންޑް ހިމެނޭ ގްރޫޕް އެލް އަކީ ޖުމްލަ ގޮތެއްގައި މެދުމިނެއްގައި އޮތް ގްރޫޕެކެވެ. އެހެން ގްރޫޕުތަކަށް ބަލާފައި ކޮންމެހެން އުދަނގުލެއް ވެސް ނޫނެވެ.
އެހެންނަމަވެސް ދުނިޔޭގެ ފީފާ ރޭންކިންގެ ގަދަ 11 އޮތް ދެޓީމެއް ހިމެނޭ 2 ގްރޫޕު ވޯލްޑްކަޕުގައި މިފަހަރު އޮތްއިރު އިންގްލެންޑްގެ ގްރޫޕް އެލް އެލިސްޓުގައި ހިމެނެ އެވެ. އަނެއް ގްރޫޕަކީ ބްރެޒިލާއި މޮރޮކޯ އަދި ސްކޮޓްލޭންޑް އޮތް ގްރޫޕް ސީ އެވެ.
ކްރޮއޭޝިއާއަކީ ދުނިޔޭގެ ރޭންކިންގެ 11 ވަނަ އޮތް ޓީމަށްވާއިރު މިއީ ޓުޝެލްއާއި އިންގްލެންޑަށް ޗެލެންޖަކަށް ވާނެ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ސެމީގައި އިންގްލެންޑް ކެޓީ ލޫކާ މޮޑްރިޗާއި ކްރޮއޭޝިއާ އަތުން ބަލިވެ އެވެ.
އެހެންނަމަވެސް ގްރޫޕުގެ ފުރަތަމަ މެޗުން ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދިއްޖެނަމަ ގްރޫޕުގެ އެއްވަނަ ހޯދުމަށް އިންގްލެންޑަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެންދާނެ އެވެ. ނަމަވެސް މޮޅު ނުވެއްޖެނަމަ މުޅި މަންޒަރު ބަދަލުވާނެ އެވެ.
އިންގްލެންޑަށް ގްރޫޕު އެލްގެ އެއްވަނަ ލިބިއްޖެނަމަ އެޓީމުން ނުކުންނަން ޖެހޭނީ ދެވަނަ ބުރަށް އެންމެ ގަދަ 3 ވަނަ ޓީމުގެ ގޮތުގައި ކޮލިފައިވާ 8 ޓީމުންކުރެ ޓީމަކާ ދެކޮޅަށެވެ.
އެހެންނަމަވެސް މިއަދަދަކީ ސަތޭކައިން މަތީގެ އަދަދެކެވެ. 495 ތަފާތު އެކި ގޮތް، މި ނަތީޖާ ދެނެގަތުމަށް އެބައޮތެވެ. އެނގޭކަމަކީ އިންގްލެންޑުން ނުކުންނަން ޖެހޭނީ ގްރޫޕް އީ، އެޗް، އައި، ޖޭ ނުވަތަ ކޭއިން ތިންވަނައިގައި ނިންމާ ޓީމަކާ ދެކޮޅަށެވެ.
މިމެޗު އޮންނާނީ ޖުލައި 1 ވަނަ ދުވަހު އެޓަލާންޓާގަ އެވެ. ދެން ނަތީޖާ ނުކުންނާނެ ގޮތަކަށް ބަލާއިރު މިސާލަކަށް ޖަރުމަނު، ސްޕެއިން އަދި ފްރާންސާއި އާޖެންޓީނާގެ އިތުރުން ޕޯޗުގަލުން އެޓީމެއްގެ ގްރޫޕުން އެއްވަނަ ހޯދައިފިނަމަ ކުރަކާއޯ، ކޭޕް ވާޑް، އިރާގް، ޖޯޑަން އަދި އުޒްބެކިސްތާނަށް ކޮލިފައިވުމަށް އުދަނގޫވާނެ އެވެ.
އެހިސާބުން ގަދަ 32 ވަނަ ބުރުގައި އިންގްލެންޑުން ނުކުންނަން ޖެހޭނެ ކަމަށް ލަފާކުރެވޭ 10 ޓީމަކީ ގްރޫޕް އީއިން އައިވަރީ ކޯސްޓް ނުވަތަ އެކުއަޑޯ، ގްރޫޕް އެޗުން ސައުދީ ނުވަތަ އުރުގުއޭ އަދި ގްރޫޕް އައި އިން ނޯވާ ނުވަތަ ސެނެގާލާއި ޖޭއިން އަލްޖީރިއާ އަދި އޮސްޓްރިއާގެ އިތުރުން ކޭއިން ކޮލަމްބިއާ ނުވަތަ ޑިއާރު ކޮންގޯ އެވެ.
ގަދަ 32 ޓީމު ކުޅޭ ބުރުން މޮޅުވެގެން އިންގްލެންޑަށް ކުރިއަށް ދެއްވިޖެނަމަ ދެން ވާދަކުރަން ޖެހޭ ޓީމު ދެނެގަންނަން ފަސޭހަވެ އެވެ. އެންމެ ކުޑަވަރަކަށް އޭރުން މިސާލު ޖެހިދާނެ އެވެ.
އެގޮތުން ގަދަ 16 ބުރުގައި އޭރުން އިންގްލެންޑުން ނުކުންނަން ޖެހޭނީ ގްރޫޕު އޭގެ ޗެމްޕިއަނުން ނުވަތަ ގްރޫޕް ސީ، އީ، އެފް، އެޗް އަދި އައިގެ ތެރެއިން ތިންވަނަ ހޯދާ އެންމެ މޮޅު ޓީމަކާ ދެކޮޅަށެވެ.
ގަދަ 16ގެ މިމެޗު އޮންނާނީ މެކްސިކޯ ސިޓީގަ އެވެ. ގްރޫޕު އޭގެ ޗެމްޕިއަން ޓީމަށް ބަލާލާއިރު ސައުތު އެފްރިކާއާއި ޗެކް ރިޕަބުލިކް އަދި ސައުތު ކޮރެއާއާއި މެކްސިކޯ ހިމެނޭ ގްރޫޕަކުން އެއްވަނަ ހޯދާނެ ކަމަށް ގިނަ ބަޔަކު ދެކެނީ މެކްސިކޯ އެވެ. އަދި ތިންވަނަ ހޯދާ ޓީމަކާ ކުޅެން ޖެހިއްޖެ ނަމަ ބޮޑަށް ބެލެވެނީ އިންގްލެންޑުން ނުކުންނާނީ ސްކޮޓް ލޭންޑާއި ސްވިޑަން އަދި ޖަޕާނުގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.
މެކްސިކޯ ގްރޫޕުން މޮޅުވެ ނޮކްއައުޓް ފުރަތަމަ ބުރުން މޮޅުވެގެން ކުރިއަށް ދަތުރުކޮށްފިނަމަ އިންގްލެންޑުން މެކްސިކޯއާ ދެކޮޅަށް ނުކުތުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މިމެޗު އޮތީ ވެސް މެކްސިކޯ ސިޓީގަ އެވެ. މިކުރިމަތިލުން ވޯލްޑްކަޕުން ފެނިއްޖެނަމަ މިކުރިމަތިލުމަކީ އެންމެ ވަރުގަދަ އެއް ކުރިމަތިލުމަށް ވެގެންދާނެ އެވެ. މަޝްހޫރު އެސްޓާޑިއޯ އަޒްޓެކާގައި ތޯމަސް ޓުޝެލްގެ އިންގްލެންޑަށް ޖެހޭނީ މުބާރާތުގެ ހޯސްޓުންނާއި ދެކޮޅަށް އެމީހުން އަމިއްލަ ގައުމުގައި ނުކުންނާށެވެ.
ޓެނިސް ސްޓައިލްގެ ބްރެކެޓެއްގައި ކުރިއަށް ދިއުމުން އޭގެ މާނައަކީ ސެމީގެ ކުރިން އިންގްލެންޑަށް ދުނިޔޭގެ ރޭންކިންގެ ގަދަ 3 ގައި އޮތް ޓީމަކާ ދެކޮޅަށް ކުޅޭކަށް ނުޖެހޭނެ އެވެ. އެހެންނަމަވެސް އިންގްލެންޑަށް ކުއާޓާ ފައިނަލާ ހަމައަށް އާދެއްވިޖެނަމަ ނުކުންނަން ޖެހިދާނެ ލިސްޓުގެ ކުރީގައި އޮތީ ވޯލްޑްކަޕުގެ 5 ފަހަރުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ބްރެޒިލެވެ.
އެހެންނަމަވެސް އިންގްލެންޑްގެ ކުއާޓާ ފައިނަލުގެ ޓީމު ޔަގީންވާނީ ޖުލައި 5 ގައި ނިއު ޖާޒީގައި ގަދަ 16 ބުރުގައި ކުޅެވޭ މެޗުންނެވެ. އެމެޗުގައި ވާދަކުރާނީ ގްރޫޕް ސީގެ ޗެމްޕިއަން ނުވަތަ ގްރޫޕް އެފްގެ ދެވަނައާއި ގްރޫޕް އީގެ ދެވަނަ ނުވަތަ ގްރޫޕް އައިގެ ދެވަނަ ޓީމެވެ.
ބޮޑަށް ބެލެވެނީ މޮރޮކޯއިން ހައިރާން ކުރުވަނިވި ނަތީޖާއެއް ނުނެރޭނަމަ ގްރޫޕް ސީގެ އެއްވަނަ ބްރެޒިލަށް ލިބޭނެ ކަމަށެވެ. އަދ ޖަޕާން ނުވަތަ ޓިއުނީޝިއާއާ ދެކޮޅަށް ގަދަ 32 ކުޅެ ކާމިޔާބު ހޯދާނެ ކަމަށް ގިނަ ބަޔަކަށް އުއްމީދުކުރެވޭނެ އެވެ. އަދި ގަދަ 16 ގައި ބޮޑަށް ބެލެވެނީ ބްރެޒިލަށް ނުކުންނަން ޖެހޭނީ އައިވަރީ ކޯސްޓް، އެކުއަޑޯ، ސެނެގާލް ނުވަތަ ނޯވޭއާ ދެކޮޅަށެވެ. ނަމަވެސް މިހުރިހާ ހާލަތަކަށް ބަލާފައި މިވަނީ ގްރޫޕް އީ، އެފް އަދި އައިގެ ޗެމްޕިއަންކަން ޖަރުމަނާއި ނެދަލޭންޑްސް އަދި ފްރާންސް ހޯދާނެކަމަށް ބަލައިގެންނެވެ.
އެންމެފަހުން ވޯލްޑްކަޕެއްގައި އިންގްލެންޑުން ބްރެޒިލާއި ދެކޮޅަށް ނުކުމެފައިވަނީ 2002 ގެ ވޯލްޑްކަޕު ކުއާޓާގަ އެވެ. އެފަހަރުގެ ޗެމްޕިއަން ބްރެޒިލް އަތުން އިންގްލެންޑު ބަލިވިއިރު ޑޭވިޑް ސީމަންގެ ބޯމަތިން ރޮނާލްޑީނިއޯ ޖެހި މަޝްހޫރު ގޯލު ފާހަގަކޮށްލެވުނެވެ.
އެތައް ގޮތަކުން ސެމީގައި އިންގްލެންޑުގެ ވާދަވެރިން ބެލިދާނެ އެވެ. ނަމަވެސް އާޖެންޓީނާއާއި ޕޯޗުގަލް އެޓީމުތަކުގެ ގްރޫޕުން (ގްރޫޕް ޖޭ އަދި ކޭ) އެއްވަނަ ހޯދާ ނޮކްއައުޓް ބުރު ފަހަނައަޅާ އައިސްފިނަމަ ކުއާޓާ މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ޖުލައި 11 ވަނަ ދުވަހު ކަންސަސް ސިޓީގައި ފެނިގެންދާނެކަމަށް ބެލެވެ އެވެ.
މި ކުއާޓާފައިނަލުން މޮޅުވާ ޓީމެއް ޖެހޭނީ ސެމީގައި އެހިސާބަށް ދަތުރުކުރެވިއްޖެނަމަ އިންގްލެންޑާ ދެކޮޅަށް ކުޅޭށެވެ. އަދި މި ނޫނަސް ސެމީގައި އިންގްލެންޑާއި ޖެހިދާނެ އެހެން ޓީމުތަކަށް ބަލާނަމަ އޭގެ ތެރޭގައި އުރުގުއޭ، އެމެރިކާ، ތުރުކީ އަދި މިސްރު ހިމެނެ އެވެ.
އިންގްލެންޑުން ވަނީ އެމީހުންގެ އެންމެ ބޮޑެތި ޔޫރަޕިއަން ވާދަވެރިން ހިމެނޭ ބްރެކެޓުގެ އެފަޅިން ސަލާމަތްވެފަ އެވެ. އޭގެ ތެރޭގައި މިފަހަރުގެ ތައްޓަށް ވާދަކުރާނެ ޖަރުމަނު، ނެދަލޭންޑްސް އަދި ބެލްޖިއަމް ކަހަލަ ޓީމުތައް ހިމެނެ އެވެ.
އެހެންނަމަވެސް އެންމެ ބޮޑު ބިރެއްގެ ގޮތުގައި ބެލެވެނީ ފްރާންސާއި ސްޕެއިން އެވެ. މިފާހަގަކުރި ގޮތަށް ބްރެކެޓް ކުރިއަށް ގޮސްފިނަމަ ސްޕެއިނާއި ފްރާންސް ސެމީގައި ކުޅޭނެ އެވެ. އަދި އިންގްލެންޑުން ނުކުންނަން ޖެހޭނީ އެތަނުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ނަތީޖާ ނުކުންނަ ގޮތް އެންމެ ހީނުކުރާ ގޮތަށް ވެސް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިވަގުތު ދުނިޔޭގެ ރޭންކިންގައި ސްޕެއިނަށް ވުރެ ކުރީގައި ފްރާންސް އޮތް ނަމަވެސް ސްޕެއިންގެ ފޯމަށް ބަލާފައި ގިނަ ބަޔަކު ދެކެނީ ސްޕެއިން މޮޅުވާނެ ކަމަށެވެ. ގަރެތް ސައުތުގޭޓްގެ ކޯޗުކަމުގެ ދަށުން 2024 ވަނަ އަހަރު ޔޫރޯ ފައިނަލުގައި ވެސް އިންގްލެންޑަށް ނުކުންނަން ޖެހުނު ޓީމަކީ ސްޕެއިނެވެ. އެފަހަރު ކާމިޔާބު ހޯދީ ސްޕެއިނުންނެވެ. ސުވާލަކީ އެކަން ދެވަނަ ފަހަރަށް ތަކުރާރުވެދާނެ ބާ އެވެ.
އިންގްލެންޑަށް ގްރޫޕުގެ ދެވަނަ ލިބިގެން ވެސް ފައިނަލަށް ކުރާ ދަތުރު އެތައް ގޮތަކުން ބަދަލުވެ އެވެ. އަދި ވާދަކުރަން ޖެހޭނެ ޓީމުތަކާ މެދު ދެކެވޭ ވާހަކައިގައި އެތައް ގޮތެއް ވެދާނެ އެވެ. އެހެންނަމަވެސް އެންމެ ބޮޑަށް ބެލެވެނީ ގަދަ 32 ގެ ބުރުގައި ކޮލަމްބިއާ އަދި ގަދަ 16 ގައި އިންގްލެންޑުން ނުކުންނަން ޖެހޭނީ ސްޕެއިނާއި ދެކޮޅަށް ކަމަށެވެ.
ކުއާޓާ ފައިނަލުގައި ބެލްޖިއަމާ ކުޅެން ޖެހޭނެކަމަށް ބެލެވޭއިރު ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނެ ކަމަށް ބެލެވެނީ ފްރާންސާ ދެކޮޅަށެވެ. އަދި ޖުލައި 19 ގައި ނިއު ޖާޒީގައި އޮންނަ ފައިނަލުގައި އޭރުން ބޮޑަށް ބެލެވެނީ ކުޅެން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.
އެތައް ގޮތަކަށް އެތައް ހަރުފަތްތަކެއް ފައިނަލަށް ދިއުމަށް އިންގްލެންޑުން ކަޑައްތުކުރަން ޖެހިދާނެއިރު އެހުރިހާ ހާލަތްތަކެއްގެ ވާހަކަ ފާހަގަނުކުރާނަމެވެ. އެހެންނަމަވެސް ގްރޫޕުގެ ތިންވަނަ އަށް އިންގްލެންޑް ގޮސްފިނަމަ ގަދަ 32 ވަނަ ބުރުގައި އިންގްލެންޑުން ނުކުންނަން ޖެހޭނެ ޓީމެއް ފުދޭވަރަކަށް ބޮޑަށް ސާފުކޮށް ފެންނަން އެބައޮތެވެ.
ތިންވަނައަށްދާ އެންމެ މޮޅު 8 ޓީމުގެ ތެރޭގައި އިންގްލެންޑް ހިމެނިއްޖެނަމަ ގްރޫޕް އެލްގެ ތިންވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން ނުކުންނަން ޖެހޭނީ ގްރޫޕް ކޭގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ. ޖުލައި 3 ގައި އެމެޗު އޮންނާނީ ކެންސަސް ސިޓީގަ އެވެ. ގްރޫޕް ކޭގައި ހިމެނޭ ޓީމުތަކަކީ ޕޯޗުގަލް، ޑީއާރު ކޮންގޯ، އުޒްބެކިސްތާން އަދި ކޮލަމްބިއާ އެވެ.




