twitterviber whatsapp telegramfacebookyoutube instagram
19th June 2026

ސަރުކާރުގެ ކޮށި ވިސްނުމާއި ދޯހޮޅި ސިޔާސަތުތަކުގެ ސަބަބުން ހުރިހާ ތަކުލީފެއް ރައްޔިތުންނަށް: އާތިފް

ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، އަތޮޅު ކައުންސިލް އިދާރާތަކުގެ ނަން ލޯކަލް ކައުންސިލް އިދާރާ އޮފީގެ ނަމަށް ބަދަލުކޮށް އެތަންތަނުން ދެމުންއައި މުހިންމު ހިދުމަތްތަކެއް ވަނީ މެދުކަނޑާލާފައި.

ނަބީލާ އިސްމާޢީލް
Jun 19, 2026

ސަރުކާރުގެ ކޮށި ވިސްނުމާއި، ދޯހޮޅި ސިޔާސަތުތަކުގެ ސަބަބުން ހުރިހާ ތަކުލީފެއް ރައްޔިތުންނަށް ކަމަށް ވިދާޅުވެ ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، އަތޮޅު ކައުންސިލް އިދާރާތަކުގެ ނަން ލޯކަލް ކައުންސިލް އިދާރާ އޮފީހުގެ ނަމަށް ބަދަލުކޮށް އެތަންތަނުން ދެމުންއައި މުހިންމު ހިދުމަތްތަކެއް ވަނީ މެދުކަނޑާލާފަ އެވެ. އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން ގިނަ ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.

ގާނޫނަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތައް އުވާލައި އެ ބާރުތައް މާލޭގައި ހުންނަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ދަށަށް ގެންގޮސް އެތަންތަނުގައި ނަންތައް ވަނީ އެ އޮފީހުގެ އަތޮޅު އޮފީސްތަކަށް ބަދަލުކޮށްފަ އެވެ.

އެކަމާ ހެދި އަތޮޅު އޮފީސްތަކުން ދެމުންގެންދިޔަ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޓްރާންސްޕޯޓް ހިދުމަތްތަކާއި ސްޓޭޓް ހައުސް ދޫކުރުމާއި ލޯންޗުގެ ހިދުމަތްތައް ވަނީ މެދުކެނޑިފަ އެވެ. އަތޮޅުތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ހިދުމަތް ދެމުންދަނީ ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު އޮފީހުންނެވެ.

އެކަމާ ގުޅިގެން ލޯކަލް ގަވަރމަންޓް ހދ އަތޮޅު އޮފީހުން ޓްރާންސްޕޯޓިގެ ހިދުމަތްތައް ހުއްޓާލިކަން އިއުލާނުކޮށްފައިވާ ޕޯސްޓެއް ޝެއާރ ކުރައްވާ މޭޔަރު އާތިފް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލިއިރު، އެތަންތަނުން ދެމުންގެންދިޔަ ހިދުމަތްތައް ދެވޭނެ އެހެން އިންތިޒާމެއްނެތް ކަމަށާއި އަތޮޅު ރައްޔިތުންގެ މާލިއްޔާއަށް އާމްދަނީ ހޯދުމަށް އުފައްދާފައިހުރި ވިޔަފާރިތަކަށް ވާންވީ ގޮތެއް ސަރުކާރަށް ނުނިމުން ކަމަށެވެ.

"އަތޮޅު ރައްޔިތުންގެ ނަމުގައި ހުރި ފައިސާއާއި ހަރުމުދާ ރައްޔިތުންގެ ބަހެއްނެތި އަތުލައިފި، އަތޮޅެއްގެ އިދާރީ ހިންގުން ތަރުތީބު ކުރާނެގޮތުގެ އެއްވެސް ވިސްނުމެއް މި ބޭފުޅުންގެ ނެތް، ރަށްރަށުގެ މެދުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމަށް އޮތް ހަމައެކަނި ފުރުސަތުވެސް ނައްތާލައިފި." އަތިފް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، އަތޮޅެއްގެ އިދާރީ ހިންގުން ތަރުތީބު ކުރާނެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، ރަށްރަށުގެ މެދުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމަށް އޮތް ހަމައެކަނި ފުރުސަތުވެސް ސަރުކާރުން ނައްތާލާފައިވާ ކަމަށެވެ.

"އަތޮޅު ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމަކީ އަޅުގަނޑުގެ ވިސްނުމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުގެ ރަށްރަށުގެ ވެރިންނާއި މަޝްވަރާކޮށް، އެކަން ކުރެވޭނެ ރަނގަޅު ނިޒާމެއް އަޅުގަނޑުމެން ހޯދާނަން." އާތިފް ވިދާޅުވި އެވެ.

އާތިފް އިތުރަށް ވިދާޅުވީ، ހުރިހާ ރަށެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ، ރައްޔިތުންނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355