ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެ ވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހަވާލުކުރި 3,260 ހައުސިން ޔުނިޓްގެ މަޝްރޫއުތަކުގެ ތެރެއަށް އިތުރު 710 ޔުނިޓް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އިއްޔެގެ މީޑިއާބްރީފިންގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ބީއެމްއެލްގެ މަޝްރޫއަށް ފްލެޓް އިތުރުކުރަން ނިންމީ އެ މަސައްކަތް ކުރެވޭ ވަރަށް ބީއެމްއެލްގެ ގާބިލުކަން ހުރުމުން ކަމަށާއި 710 ފްލެޓް އަޅަން ހަވާލުވާ ކުންފުނިތަކާ އެކު އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ހަމައެއާއެކު މާލީ އިދާރާތަކުން ދޭ ލަފާ ސަރުކާރުން ބަލައިގަންނަކަން ފާހަގަކުރައްވަމުން ތަރުޖަމާން ވިދާޅުވީ، ތަރައްގީގެ ދުވެލީގައި ކުރިއަށް ދާއިރު ރައްޔިތުން އެދޭ އަސާސީ ހިދުމަތްތައް ހުއްޓާލައިގެން ކުރިއަކަށް ނުދެވޭނެ ކަމަށެވެ.
"މާލިއްޔަތު ރަނގަޅު ކުރަމުން އިގުތިސާދީ މަސައްކަތް ވެސް ކުރަންޖެހޭ. މާލީ އިދާރާތަކަށް މުހިންމު ވާނީ ހިސާބުތައް ކަމަށް ވިޔަސް، ސަރުކާރު ކުރިއަށް ދާނީ މިކަންކަމުގައި ބެލެންސް ކޮށްގެން،" ތަރުޖަމާނު ވިދާޅުވިއެވެ.
ބީއެމްއެލްއިން އަޅާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ ކުލި އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ އެ ފުލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހުރިހާ ކޮންޓްރެކްޓަރުން އެއްބަސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު ހައުސިން މިނިސްޓްރީއާއި ބީއެމްއެލް ގުޅިގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ، އަގުހެޔޮ ފުލެޓަށް ކަނޑައެޅޭ ކެޓަގަރީގެ މީހުންނަށް، ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.




