ސަރުކާރުން އާންމުންނަށް ދެމުން އަންނަ ހިދުމަތްތައް ހަރުދަނާކޮށް ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގްސަދުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުން ކުރާ "ދުވެލި" ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް" (ޕީއައިއެމްސް) ޕޯޓަލް މި ހަފްތާގެ ނިޔަލަށް އަދާހަމަކޮށް، އެއަށް ފަހު ވަގުތުން ވަގުތަށް އަދާހަމަކުރަމުން ގެންދިއުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެކިއެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކުރުމަށާއި މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސް ކުރަމުން ގެންދާނެ ހާއްސަ ޔުނިޓެއް ކޮންމެ ވުޒާރާއެއްގައި ގާއިމުކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމުމަށް މި މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީއާއެކު ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.




