ހދ ގެ ރަށްތައް ގުޅިގެން އަތޮޅުގެ ތަރައްގީއަށް ބޯޑެއް އުފައްދަން އިއުލާނުކުރުމާއެކު ލޯކަލް ގަވަރަމެންޓް އޮތޯރިޓީ ( އެލްޖީއޭ) އިން މޭކަރައި، ބޯޑުގެ ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިއްޖެ އެވެ.
މޭޔަރު އާތިފް އިސްވެ ހދ އަތޮޅުގެ ރަށްރަށުގެ ރައީސުންނާ ގުޅިގެން އަތޮޅުގެ ތަރައްގީއަށް ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ފަށައި އެކަން އިއުލާންކުރެއްވީ މި ޖުލައިމަހުގެ 2 ވަނަ ދުވަހު އެވެ. ބޯޑެއް އެކުލަވާލަން ނިންމީ އަތޮޅު ކައުންސިލްތައް އުވާލައި އެ ބާރުތައް މަރުކަޒީކޮށް އަތޮޅު ލެވެލްގައި ގުޅިގެން މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމަށެވެ.
އެހެންވެ އަތޮޅު ލެވެލްގެ ބޯޑެއް އެކުލަވާލުމަށް މޭޔަރު އާތިފް އާއި އަތޮޅުގެ ރަށްރަށުގެ ރައީސުން ވަނީ އޮންލައިންކޮށް ބައްދަލުކޮށް ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޯޑް އެކުލަވާލަން ނިންމާފަ އެވެ. އެ ބައްދަލުވުމުގައި އަތޮޅުގެ 10 ރަށުން ބައިވެރިވި އެވެ. ބައިވެރިނުވަނީ ހަނިމާދޫ އާއި މަކުނޫދުގެ ރައީސުން އެކަންޏެވެ.
މިކަމާ ގުޅިގެން މޭޔަރު އާތިފަށް އެލްޖީއޭ މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނުވުނު 17 ވަނަ އިސްލާހާ ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލާ، އަތޮޅު ކައުންސިލުން ދެމުން ގެންދިޔަ އިދާރީ ދާއިރާގެ ހިދުމަތްތަކާއި މަސްއޫލިއްޔަތު މި އޮތޯރިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ މި އޮތޯރިޓީގެ ގާނޫނީ މަސްއޫލިއްޔަތެއްކަމަށް ލާމަރުކަޒީ ގާނޫނުގެ 58 ވަނަ މާއްދާ އަދި 58.1 ވަނަ މާއްދާއިން ސާފުވާ ކަމަށް އެލްޖީއޭގެ ސިޓީގައިވެ އެވެ.
" ދެންނެވުނު ކަންކަން އެހެން ހުރުމާއި އެކު ތިޔަ ކައުންސިލާއި ހދ އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލާ މަސައްކަތްކުރުމަކީ ކުރެވިދާނެކަމެއް ކަމަށް މި އޮތޯރީޓީން ނުދެކެމެވެ. އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމުކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުރުއަރާކަމެއްކަމުގައި މި އޮތޯރިޓީން ދެކެވެ." މޭޔަރު އާތިފަށް އެލްޖީއޭ އިން ފޮނުވި ސިޓީގައިވެ އެވެ.
އެލްޖީއޭގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހދ އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން އެކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، ބޯޑެއް އެކުލަވާލުމަށް އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން ނިންމާފައިވާ ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެލްޖީއޭގެ ސިޓީގައިވެ އެވެ.




