twitterviber whatsapp telegramfacebookyoutube instagram
7th July 2026

އާތިފް އެލްޖީއޭއަށް: މި ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ނުހުއްޓުވޭނެ

މިކަން ހުއްޓާލުމަށް އެލްޖީއޭ އިން އަންގާއިރު އެލްޖީއޭ އިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވާ މާކުސް ދޭގޮތަށް އެބައޮވޭ، މި ސިޓީގައި މި ދަންނަވަނީ އެބޭފުޅުންގެ އަމިއްލަ އުސޫލުތަކާއިވެސް ހިލާފު ވާހަކަފުޅެއް - އާތިފް

އަބްދުލް ވާހިދު ޙަސަން
Jul 7, 2026

ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) މިހާ ދަށު ދަރަޖަކަށް ވެއްޓޭނެކަމަށް ދުވަހަކުވެސް ހީނުކުރާ ކަމާއި މި ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ނުހުއްޓުވޭނެކަމަށް ވިދާޅުވެ އެލްޖީއޭއަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ރައްދުދެއްވައިފި އެވެ.

އާތިފް، އެލްޖީއޭއަށް އެފަދައިން ރައްދުދެއްވީ ހދ އަތޮޅުގެ ރަށްތަކުގެ ވެރިން އަތޮޅުގެ ތަރައްގީއަށް ގުޅިގެން އެކުގައި މަސައްކަތްކުރާނެ ބޯޑެއް އެކުލަވާލަން ނިންމި ނިންމުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭކަމަށް އެލްޖީއޭ އިން ބުނުމުންނެވެ. މޭޔަރު އާތިފަށް އެލްޖީއޭއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމުކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުރުއަރާކަމެއްކަމަށާއި އަދި އެ ބޯޑުގެ ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެލްޖީއޭގެ ސިޓީގައިވެ އެވެ.

މިކަމާ ގުޅިގެން މީސްމީޑީއާގައި އާތިފް ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ، ތިހެން ދައްކާ ބިރަކަށް ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި އަދި މި ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް ނުހުއްޓުވޭނެ ކަމަށެވެ.

"މިކަން ހުއްޓާލުމަށް އެލްޖީއޭ އިން އަންގާއިރު އެލްޖީއޭ އިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވާ މާކުސް ދޭގޮތަށް އެބައޮވޭ، މި ސިޓީގައި މި ދަންނަވަނީ އެބޭފުޅުންގެ އަމިއްލަ އުސޫލުތަކާއިވެސް ހިލާފު ވާހަކަފުޅެއް ." އާތިފް ލިޔުއްވާފައިވެ އެވެ.

އެލްޖީއޭގެ ގާނޫނީ ޒިންމާ އާއި ބާރުތައް އެނގިނުލައްވަނީ ތޯވެސް އާތިފް ވަނީ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑުމެން މިއުޅެނީކީ އަތޮޅު ކައުންސިލުން ނުވަތަ އެލް.ޖީ.އޭ އިން ދޭ ހިދުމަތްތަކެއް ދޭކަށްނޫން އަމުދަކުން، އަޅުގަނޑުމެން މިއުޅެނީ މި އަތޮޅުގެ ރަށްތައް ގުޅިގެން މި އަތޮޅުގެ ތަރައްޤީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލާ، އެކަންކަމުން ނަތީޖާއެއް ހޯދުމަށް، މިކަމުން ފައިދާވާނީ ހަމަ މުޅި ދިވެހި ޤައުމަށާއި ރައްޔިތުންނަށް."

ގާނޫނުތަކަށް ބަދަލުގެނެސް އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅު ލެވެލްގައި މަސައްކަތްކުރަމުންދިޔަ ދިޔުން ސަރުކާރުން ވަނީ ހުއްޓުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355