ޕެންޝަން އޮފީހާއި ސިޓީ ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި ތަރައްގީކުރި އިސްރަށްވެހިންގެ ޕާރކް ހުޅުވައިފި އެވެ.
މި ޕާކް ހުޅުވައިދެއްވީ މިއަދު ހަވީރު އެކަމަށްޓަކާ އެސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ޕެންޝަން އޮފީހުގެ ސީއޯއޯ މަރިޔަމް ޝިއުނާ އެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އިސްރަށްވެހިންވެސް ބައިވެރިވެލެއްވި އެވެ.
ކުޅުދުއްފުށީގެ ރައްޔަތުންނަށްޓަކައި، ހިތްފަސޭހަ ކޮށްލާ, ހިތްހަމަޖައްސާލާނެ މައިޒާންތަކާއި ޕާކްތައް ހެދުމަކީ ސިޓީ ކައުންސިލުގެ 5 އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ މުހިންމު އަމާޒެކެވެ. އެގޮތުން މި ޕާކް ތަރައްގީކުރެވިފައިމިވަނީ އެބަޔަކަށްޓަކާ މުޅިރަށް ފަހްރުވެހިވާ އިސްރަށްވެހިންނަށްޓަކާއި އެބޭފުޅުންގެ މަޝްވަރާއި ހިޔާލާއެކު މުހިންމު ބައިތަކެއްހިމަނައިގެންކަމަށް މޭޔަރު ވިދާޅުވި އެވެ.
އެގޮތުން، އެކުވެރިކަން ބަދަހިކޮށް، ވާހަކަ ދައްކާލައި ހިތްފަސޭހަކޮށްލުމަށް ތިބެލުމަށްޓަކާ ހޮޅުއަށްޓަކައި، އުދޯލިގެޔަކާއި އަދި، އޭގެ އިތުރުންވެސް އިށީއިނުމަށްޓަކައި ބެންޗާއި ގޮނޑިމޭޒު ހިމެނޭނެ މިތަނުގައި ބެހެއްޓިފައިވެ އެވެ. އަދި ހަމަމިއާއެކު ޕާކު ބޭނުންކުރާ ފަރާތްތަކަށް ހިލޭ ބޯފެން ލިބޭނެ އިންތިޒާމުގެ އިތުރުން ސްޓޯރޫމަކާއެކު ފާހާނާ ބްލޮކަކާއި ފްޑް ކިއޯސްކެއްވެސް މިތަނުގައި ހުރެ އެވެ.
މުޖުތަމައުގެ ބިންގަލަކީ، އަދި މިއަދު އަޅުގަނޑުމެން މިދެކޭ ތަރައްގީގެ އަސްލަކީ އަޅުގަނޑުމެންގެ އިސްރަށްވެހިންނަށްވެފައި އެބޭފުޅުން ގައުމަށްޓަކައި ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ހިދުމަތްތަކާއި، އެބޭފުޅުންގެ ތަނަވަސް ހިޔާލާއި ތަޖުރިބާއަކީ މިއަދުގެ ޖީލަށް އޮތް އެންމެ ބޮޑު ރައުސްމާލުކަމަށްވާއިރު، ކުޅުދުއްފުށި ސިޓީގެ ތާރީޚުގައި އިސްރަށްވެހިންނަށްޓަކައި ހާއްސަކުރެވޭ މިޕާކުހުޅުވިގެން ދިއުމަކީ އިސްރަށްވެހިންނަށް ދެވިފައިވާ ގަދަރާއި އަހައްމިއްޔަތުކަން ދައްކުވައިދޭ ފުރިހަމަ މިސާލެއްކަމުގައި ސިޓީ ކައުންސިލުން ދެކެ އެވެ.
"އިސްރައްވެހިންގެ ޕާކް" ތަރައްގީކުރުމަށް ޕެންޝަން އޮފީހުން އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސިޓީ ކައުންސިލުން ހަރަދުކޮށްފައިވަނީ 290،612 ރުފިޔާ އެވެ.
މިއީ މި ސިޓީގައި އިސްރައްވެހިންނަށް ހާއްސަކޮށްގެން ހުޅުވޭ ފުރަތަމަ ޕާކެވެ. އުންމީދަކީ މިތަނަކީ އެބޭފުޅުން އެކަކު އަނެކަކާ ބައްދަލުވެ، އުފާވެރި ވަގުތުތަކެއް ހޭދަކޮށް، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ހުޅުވިގެންދާ ވަރަށް މުހިންމު ދޮރެއްކަމުގައިވެ، މި ޕާކުގެ ސަބަބުން އަޅުގަނޑުމެންގެ ލޯބިވާ އިސްރައްވެހިންގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބިގެންދިއުން ކަމުގައި ސިޓީ ކައުންސިލް ދެކެ އެވެ.