twitterviber whatsapp telegramfacebookyoutube instagram
16th July 2026

ރާއްޖޭގެ ފުރަތަމަ ސުނާމީ ރެޑީ ސިޓީގެ ޝަރަފް ކުޅުދުއްފުއްޓަށް

ނަބީލާ އިސްމާޢީލް
Jul 16, 2026

ޔުނެސްކޯގެ އައިއޯސީ އިން ދޫކުރާ "ސުނާމީ ރެޑީ" ސެޓްފިކެޓް ހާސިލުކުރާ ރާއްޖޭގެ ފުރަތަމަ ރަށަށް ވުމަށް ކުޅުދުއްފުށީން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ.

މި މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ސުނާމީ އިވެކުއޭޝަން އެސެމްބްލީ ޕޮއިންޓް ނުވަތަ ރައްކާތެރިކަމުގެ ސަރަހައްދުތައް އަންގައިދޭ ޗާޓުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކާރިސާގެ ވަގުތުގައި މީހުން ހިމާޔަތް ހޯދާނެ ރައްކާތެރި މަރުކަޒުތަކެއްގެ ގޮތުގައި ކުޅުދުއްފުށީގެ މިސްކިތްތަކާއި، ސްކޫލްތައް ފަދަ އާންމު އިމާރާތްތައް ވަނީ ކަނޑައަޅާފައެވެ. އަދި ކާރިސާއެއްގެ އިންޒާރު ލިބުމާއެކު، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، މިސްކިތްތަކުގެ ލައުޑްސްޕީކަރު މެދުވެރިކޮށް އިންޒާރުގެ މެސެޖުތައް ފޮނުވޭނެ ނިޒާމެއް ވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ކާރިސާތަކަށް ހޭލުންތެރިކޮށް، އަދި ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެފައި އޮތް މުޖުތަމައެއް ބިނާކުރުން ކަމަށެވެ. ޔުނެސްކޯގެ "ސުނާމީ ރެޑީ" ސެޓްފިކެޓަކީ ވަކި މިންގަނޑުތަކަކަށް ފެތޭ ރަށްތަކަށް ދޫކުރާ ބައިނަލްއަގުވާމީ ޝަރަފެކެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ނިމިގެންދާއިރު، ކުޅުދުއްފުށީ ވެގެންދާނީ ކާރިސާތަކުން ރައްކާތެރިވުމުގެ ނަމޫނާ ސިޓީއަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355