ކުޅުދުއްފުށީ ރަނާސް އިން އިންތިޒާމް ކޮށްގެން ބާއްވާ "ކުޅުދުއްފުށި 5K" ގެ ދެވަނަ ރޭސްގައި ރަޖިސްޓްރީވުން ބާރަށް ކުރިއަށް އެބަދެއެވެ.
ރޯޑު ރޭހެއްގެ ގޮތުގައި އިންތިޒާމް ކުރެވިގެން ފޯރިގަދަ ހަރަކާތްތަކާ އެކު ކުޅުދުއްފުށި ސިޓީގައި ބާއްވާ މި ރޭހުގެ ރަޖިސްޓްރީ ވުމުގެ ހަރަކާތް ފެށިގެން މިހާރު ކުރިއަށްދާއިރު، މި ރޭސް ބޭއްވުމަށް މި ފަހަރު ހަމަޖައްސާފައިވާ ތާރީޚަކީ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
މިއީ ކުޅުދުއްފުށި 5K ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ 2025 ވަނަ އަހަރު މި ދުވުމުގެ ފުރަތަމަ ރޭހަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިގޮތުން ކުޅުދުއްފުށި ސިޓީންނާއި ކައިރި ރަށްރަށުންނާ މާލެއާ އެހެން ރަށްރަށުގެ ދުވުންތެރިންވެސް ގިނަ އަދަދަކަށް ބައިވެރިވެ ރޭސް ނިންމައި މެޑަލް ހޯދާފައިވެއެވެ.
މި ދުވުމުގައި މައިގަނޑު 2 ކެޓަގަރީއެއް ހިމެނެއެވެ. އެއީ؛
1- 5 ކިލޯމީޓަރުގެ ދިގު ދުވުން
2- ފަން މައިލް (ކުޑަކުދިންނަށް ޚާއްސަ)
މީގެ އިތުރުން 5 ކިލޯމީޓަރުގެ ދިގު ދުވުމާއި ފަން މައިލްގެ ދުވުމުގައި އެއްކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ކޮމްބޯ ޕެކް" ގެ ނަމުގައި ޕެކޭޖެއް މިފަހަރު އަލަށް ތަޢާރަފު ކޮށްފައިވެއެވެ.
މިއިން ކޮންމެ ކެޓަގަރީއެއްގެ ރޭސް ނިންމާ ކޮންމެ ފަރާތަކަށްވެސް މެޑަލް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި 5 ކިލޯމީޓަރު ދުވުން އެންމެ އަވަހަށް ނިންމާ އަންހެން / ފިރިހެން 1، 2 އަދި 3 ވަނައަށް ޓްރޮފީގެ އިތުރުން ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވެއެވެ.
5 ކިލޯމީޓަރު ދުވުމުން ވަނަ ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާގޮތް؛
- އަންހެން އަދި ފިރިހެން 1 ވަނައަށް: -/1500 ރުފިޔާ
- އަންހެން އަދި ފިރިހެން 2 ވަނައަށް: -/1000 ރުފިޔާ
- އަންހެން އަދި ފިރިހެން 3 ވަނައަށް: -/500 ރުފިޔާ
ކުޅުދުއްފުށީ 5K ދުވުމަށް ރަޖިސްޓްރީވުމަށް 19 ޖޫން 2026 ގައިވަނީ ހުޅުވާލައިފައެވެ. މި ދުވުމާ ގުޅޭ މައުލޫމާތު ކުޅުދުއްފުށީ ރަނާސްގެ ފޭސްބުކް އެކައުންޓާ އިންސްޓަގްރާމް އެކައުންޓުން ލިބެން ހުންނާނެ ކަމުގައި އެ ފަރާތުން މައުލޫމާތު ދެއްވިއެވެ.
- "ކުޅުދުއްފުށި 5K" ރޭސްގައި ބައިވެރިވުމަށް އެދޭ ލިންކު:
- https://tinyurl.com/kf5k2026
މިއީ ދުޅަހެޔޮ ސިއްޙަތެއް ކުރިއެރުވުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވޭ ދުވުމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.




