މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ތަންފީޒީ އިޖުރާއަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހުރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ 30 އަހަރަށްވުރެ ގިނަދުވަސްވީ ބޮޑު މައްސަލައެއްކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް މިހާތަނަށް ހާސިލުކުރެވިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، މި ސަރުކާރުން މިހާރު ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަކަމަށެވެ. މި ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އަދަބު ދިނުމުގެ ބަދަލުގައި، އެކުދިން އަލުން މުޖުތަމައަށް ނެރުމަށްޓަކައި ރިހެބިލިޓޭޝަންގެ ހިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވަރަށް ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރެވެމުން މިދަނީ. މަސްތުވާތަކެތީގެ ވަބާ ނައްތާލުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ. މިކަމަކީ އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ހަމަ ދައުލަތުގެ އެހެން ހުރިހާ މުވައްސަސާތަކެއް ގުޅިގެން ޝަރުއީ ދާއިރާގެ އެއްބާރުލުންވެސް ލިބިގެން ކުރިއަށް ގެންދެވޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަރުދަނާވުމުގެ ނަތީޖާއެއްގެ ގޮތުން، ގޭންގުތަކުން ހިންގާ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ތަފާސްހިސާބުތަކުން ބަލާއިރު މަދުވަމުންދާކަން ފާހަގަކުރެއްވިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެން ގުޅިގެން ކުރާ މި މަސައްކަތުގެ ސަބަބުން ޒުވާނުންނަކީ ކުށްތަކުން ސަލާމަތްވެފައިވާ، އުފެއްދުންތެރި އަދި މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ވެގެންދާނެ ކަމުގެ އުންމީދު އެބައޮތްކަމަށެވެ.




