twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކައުންސިލްގެ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ލިބޭ އިސްލާހެއް

Aug 5, 2026

ރަށްރާށުގެ ބިންތައް ކައުންސިލްގެ އިހްތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި އިސްލާހު ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ.

އެ ބިލު ހުށަހެޅި ސަބަބެއް ކަމުގައި ބުނެފައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ގެންދިޔުމަށް ކައުންސިލްގެ އެއްބާރުލުން ގާނޫނުގެ ތެރެއިން ކަށަވަރު ކުރުމާއި ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާ ކުރުމެވެ.

އެގޮތުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވެއްޖެ ނަމަ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި އެހެނިހެން ތަންތަން ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ބާރު ވަޒީރުންގެ މަޖިލީހަށް އޮންނާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ބިމެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމުން ކަމާބެހޭ ގައުމީ އިދާރާ އިން ކައުންސިލަށް އެކަން އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ބިލުގައިވާ ގޮތުން ރަށެއް ނުވަތަ ސިޓީއެއްގެ ފިސްކަލް ޑިވަލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްތަކުން ހަވާލު ކުރަން ވާނެ އެވެ.

މީގެ އިތުރުން ސިޓީތަކާއި ރަށްރަށުގެ މަންފާ އަށް ސަރުކާރުން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް އެ ކައުންސިލަކުން ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ކައުންސިލްތަކުގެ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ދޭ ގޮތަށް އިސްލާހެއް ހުށަހެޅި އިރު ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުން އެއްބާރުލުން ނުދޭ މައްސަލަ ސަރުކާރުން ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން ކައުންސިލް އިންތިހާބުގެ ތެރޭގައި ވެސް ސަރުކާރުގެ ފަރާތުން ކުރި އެންމެ ބޮޑު އެއް ޝަކުވާއަކީ ޕީއެންސީގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ދޫކުރުން ފަދަ ކަންކަމަށް ކައުންސިލްތަކުން ހުރަސް އަޅާނެ އެވެ.

އެ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތަކުން ނޫނެވެ. ބިލް ހުށަހެޅި މެންބަރު ހަންނާނަކީ ވަކި ޕާޓީ އަކަށް ނިސްބަތް ނުވާ މެންބަރެކެވެ. ނަމަވެސް އޭނާ ފާހަގަވެފައި ވަނީ ސަރުކާރުން ހުށަހަޅާ ބިލްތަކަށް ތާއީދުކޮށް ސަރުކާރުގެ ސްޓޭންޑް ހިފަހައްޓާ މެންބަރެއް ގޮތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355