twitterviber whatsapp telegramfacebookyoutube instagram
7th August 2026

ދުނިޔޭގެ ގާތުންދިނުމުގެ ހަފުތާ: ގާތުންދިނުމަކީ ހަދިޔާއެއް، މައިވަންތަކަން މިނެކިރާ އާލަތެއް ނޫން!

ހާޝިމް އަބޫބަކުރު
Aug 6, 2026

މާބަނޑުވާ ހިސާބުން ފެށިގެން އަދި ދަރިފުޅު ލިބުމާއެކު ވެސް މައިންނަށް އެންމެ ގިނައިން ބުނެދެވޭ ވާހަކައަކީ 'ކުޑަދަރިފުޅަށް އެންމެ ރަނގަޅީ މައިމީހާގެ ގާތުންދޭ ކިރު' ކަމުގައެވެ. މިވަރުން ފުދޭ ހެއްޔެވެ؟

ގިނަ މައިންނަށް ގާތުންދިނުމަކީ ވަރަށް އުފާވެރި ތަޖުރިބާއެކެވެ. އެއީ ދަރިފުޅަށް ބޭނުންވާ އެންމެ ފައިދާ ހުރި ކާނާ ފޯރުކޮށްދީ، މަންމަ އާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދަރިފުޅުގެ ދިރިއުޅުމުގެ ފެށުން އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ބައެއް މައިންނަށް މި ދަތުރަކީ ހީނުކުރާ ފަދަ ގޮންޖެހުންތަކާއި، ކަރުނައާއި، ވޭނާއި، ގިނަ ސުވާލުތަކަކުން ފުރިގެންވާ ދަތުރެކެވެ.

'ދަރިފުޅަށް ފުދޭ ވަރަށް ކިރު އެބަހުރިބާ؟"، 'ދަރިފުޅު ރަނގަޅަށް ކިރު ނުބޮނީ ކީއްވެބާ؟'، "ގާތުންދިނުން ކުރިއަށް ނުގެންދެވިއްޖެނަމަ އަހަރެންނަކީ ގޯސް މައެއްބާ؟' މިއީ ގިނަ މައިންނަށް ހިތާހިތުން އަމިއްލަ ނަފުސާ ކުރެވޭ ސުވާލުތަކެކެވެ.

ގާތުންދިނުމަކީ ދަރިފުޅަށާއި މަންމައަށް ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެއްކަން ދިރާސާތަކުން ސާބިތުވެފައިވީ ނަމަވެސް، ގާތުންދިނުމާ ގުޅިގެން މައިންނަށް ކުރިމަތިވާ ޕްރެޝަރުތަކުގެ ސަބަބުން، ހާސްކަމާއި، މާޔޫސްކަމާއި އަމިއްލަ ނަފުސު ކުށްވެރިކުރެވޭ ފަދަ އިހުސާސްތަކަކީ ގިނަ މައިންނަށް ކުރެވޭ ހިތްދަތި ތަޖުރިބާތަކެކެވެ. ވަކިން ހާއްސަކޮށް ގާތުންދިނުމަށް ދަތިތަކާ ކުރިމަތިލާންޖެހޭ މައިން މި ނުތަނަވަސްކަމާއި ހިތްދަތިކަން ތަހައްމަލުކުރަން ޖެހޭ ވަރު އެތައް ގުނައެއް އިތުރުވެގެން ދެއެވެ.

ގާތުންދިނުމުގައި އުންމީދު ކުރި ގޮތާއި ހަގީގަތް ދިމާނުވުން

ތުއްތުދަރިފުޅު ލިބުމާއެކު ހުރިހާ މައިން ވެސް ގާތުންދޭން ފަށަނީ އެ ދަރިފުޅަށް މަދުވެގެން ހަ މަސް ދުވަސް ވަންދެން ހަމައެކަނި ގާތުން ކިރު ދިނުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް، ގާތުންދިނުމަކީ ބައެއް ފަހަރަށް މީހުން ހީކުރާހާ ފަސޭހައިން ނުވަތަ އަމިއްލައަށް އޭގެ ޒާތުގައި ވާ ކަމެއް ނޫނެވެ.

ކިރުދޭ ވަގުތު ތަދުވުމާއި އެކި ކަހަލަ އުނދަގޫތައް ކުރިމަތިވުމާއި ދަރިފުޅަށް ރަނގަޅަށް ކިރުބޯން ނޭނގުން ނުވަތަ ލެޗް ކުރުމަށް ނޭނގުމާއި ދަރިފުޅަށް ބޭނުންވާ ވަރަށް ކިރު ނާރާފާނެކަމަށް ފިކުރުބޮޑު ކުރެވުމާއި މާބޮޑަށް ވަރުބަލިވުމާއި ނިދި މަދުވުމުގެ ސަބަބުން ގާތުން ނުދެވުމަކީ ގާތުން ދިނުމަށް ފަށައިގަންނަ އިރު މައިންނަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކެވެ.

މީގެ އިތުރުން މަންމައަށް ނުވަތަ ދަރިފުޅަށް ދިމާވާ ސިއްހީ އެކި މައްސަލަތަކަކީ ވެސް ގާތުން ދިނުމަށް އުނދަގުލާ ކުރިމަތިވެ، ބައެއް ފަހަރު ފޯމިއުލާ ދޭން މެދުވެރިވާ ފަދަ ކަންކަމެވެ. ދުވަސްނުފުރާ ވިހެއުމާއި 'ޓަންގް ޓައި' ފަދަ ހާލަތްތަކުގެ ސަބަބުން ދަރިފުޅަށް ލެޗްނުކުރެވޭ ހާލަތްތައް އާދެއެވެ.

އަދި އަލަށް ކިރު އެރުމުގައި ލަސްތަކެއް އައުން، ވަކިން ހާއްސަކޮށް ސިޒޭރިއަންއަށް ފަހު ކިރު އެރުމުގައި ލަސްވުމާއި، އުރަމަތީގެ ވައްގަނޑު ފަޅައިގެން ދިއުމާއި، މާ ބޮޑަށް ކިރުއެރުމުގެ ސަބަބުން އުރަމަތި ދުޅަވުމާއި، އުރަމަތީގައި ހުންނަ ކިރު ނިކުންނަ ހޮޅިތައް ބެދުމާއި، ފްލެޓް ނުވަތަ އިންވާޓެޑް ނިޕްލްސް ފަދަ ގުދުރަތީ ގޮތުން ވައްގަނޑު އުފެދުމުގައި ހުންނަ ގޮތަކުން ވެސް ގާތުން ދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ މައިންނަށް ކުރިމަތިވެއެވެ.

ކޮންމެ މަޔަކުވެސް ދަރިފުޅަށް ގާތުންދިނުމުގެ ފޮނި އުންމީދުގައި އިންނަ އިރު މިފަދަ ހާލަތްތަކުގެ ސަބަބުން ގާތު ނުދެވި ގިނަ ދުވަސްވުން ނުވަތަ އެއްގޮތަކަށް ވެސް ގާތުން ނުދެވި ފޯމިއުލާ ދޭންޖެހުމަކީ އެ މައިންނަށް ބަރުދާސްތުކުރަން ނުހަނު ދަތި ހާލަތްތަކެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި މިފަދަ ތަފާތު ސަބަބުތަކާ ހުރެ ގާތުންދޭން އުނދަގޫވާ ނުވަތަ ގާތުން ނުދެވޭ މައިންނަށް ހާސްކަމާއި، ދިގުދެމިގެންދާ މާޔޫސްކަން ބަރުދާސްތު ކުރަންޖެހި ނަފުސާނީގޮތުން ބޮޑެތި އަސަރުތަކެއްކުރެއެވެ.

"މައިމީހާގެ ގާތުންދިނުމަކީ އެންމެ ފައިދާހުރި ގޮތް" ކަމަށް ބުނާ ބުނުމާއެކު، "އެހީތެރިކަމާއި އެއްބާރުލުން މުހިންމު" ކަމުގެ މެސެޖު ދޭންޖެހޭ

ޅަފަތުގެ ކުދިން ދުޅަހެޔޮކަމާ އެކު ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު ކާނާގެ ބައިތަކާއި، ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާތައް މައިމީހާގެ ކިރުގައި އެކުލެވިގެންވާ ކަމީ ސައިންސުން ހެކިދޭ ކަންތައްތަކެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ލަފާދެނީ ކުއްޖާގެ އުމުރުން ފުރަތަމަ ހަ މަސްދުވަހު ހަމައެކަނި މައިމީހާގެ ގާތުން ދިނުމަށެވެ. އަދި އޭގެ ފަހުން، އެކަށީގެންވާ އިތުރު ކާނާއާއެކު ގާތުން ދިނުން ކުރިއަށް ގެންދިއުމަށެވެ.

އެހެން ނަމަވެސް، ހަނދާންކުރަންވީ މުހިއްމު ނުކުތާއަކީ ގާތުން ދިނުމަށް ބާރުއެޅުމުގެ މާނައަކީ މައިންނަށް ނަފްސާނީ ގޮތުން ޕްރެޝަރކޮށް، އެމީހުންނާ މެދު މުޖުތަމައުން ފާޑުކިޔާ ފަދަ އިހުސާސެއް ކުރުވުމެއް ނޫންކަމެވެ. މައިމީހާއަށް އެހިތެރިވެދޭން ތިބޭ މީހުން ދަންނަންވީ ގާތުން ދިނުމުގައި މައިމީހާ ކުރާ ތަޖުރިބާ ވަރަށް ގިނަ ކަންތައްތަކާ ގުޅިފައިވާކަމެވެ.

އޭގެ ތެރޭގައި މައިމީހާގެ ސިއްހީ ހާލަތާއި، ވިހެއުމަށްފަހު ހަށިގަނޑުގައި ވަރުޖެހި އާންމު ހާލަތަކަށް އަންނަން ނަގައި ވަގުތާއި، މައިމީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އާއިލާގެ އެހީތެރިކަން ލިބޭ މިންވަރާއި، ސިއްހީ މާހިރުންގެ ލަފާ ލިބޭ މިންވަރުގެ އިތުރުން އަމިއްލަ ދިރިއުޅުމުގެ ހާލަތްތައް ހިމެނެއެވެ.

އެހެންކަމުން، 'ހަމައެކަނި ގާތުން ނުދެނީ ކީއްވެތޯ؟' ނުވަތަ ' އެހާ އަވަހަށް ގާތުން ދިނުން ހުއްޓާލީ ކީއްވެތޯ؟' ފަދަ ސުވާލުތައް މައިމީހާއަށް ކުރިމަތިކުރުމުގެ ބަދަލުގައި، ކުރަންވީ ސުވާލުތަކަކީ 'އަހަރެމެންނަށް އެހީތެރިވެދެވޭނީ ކިހިނެއްތޯ؟' ނުވަތަ 'ބޭނުންވަނީ ކޮންކަމެއްތޯ؟' އެވެ.

މައިވަންތަކަމުގެ އަގު ވަޒަންކުރުން ބިނާވާން ވާނީ ގާތުންދެވޭ މިންވަރުގެ މައްޗަކަށް ނޫން!

މިއަދުގެ މައިންނަށް ކުރިމަތިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ، އާއިލާ އާއި މުޖުތަމައާއި މީސްމީޑިއާގެ ސަބަބުން އުފެދިފައިވާ އެކަކު އަނެކަކާ އަޅާކިޔުމުގެ ނޭދެވޭ އާދައެވެ. އެވެނި މިވެނި މީހަކަށް ނުވަތަ ތިމަންނަ މެންގެ ޒަމާނުގައި ގާތުންދިނުމުގެ ކަންކަން ވަރަށް ފުރިހަމައަށްދާ ކަމަށް ބުނެވޭ ބުނުންތަކާއި ދައްކައިދޭ މަންޒަރުތަކުގެ ސަބަބުން، ތިމާގެ އަމިއްލަ ތަޖުރިބާ އެއާ ތަފާތުވާ ހާލަތްތަކުގައި، އަމިއްލަ ނަފްސާމެދު ސުވާލު އުފެދި، ބާކީވެފައިވާ ކަމުގެ އިހުސާސް މަންމަ އިންނަށް ކުރެވޭ ގޮތްވެއެވެ.

މިފަދަ ހާލަތްތަކުގައި ބައެއް މައިންނަށް އަދި އާއިލާގެ މެންބަރުންނަށް ހަނދާންނައްތާލެވޭ ކަމަކީ މައިވަންތަކަމަކީ ހަމައެކަނި ގާތުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ތުއްތު ދަރިފުޅަކަށް ގާތުންދޭ ކިރުގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ބޭނުންވެއެވެ. އެގޮތުން، ދަރިފުޅު ބަލައިބޮޑުކުރާ މީހަކީ ދުޅަހެޔޮ، އެހީތެރިކަން ލިބޭ، އަދި ނަފްސާނީ ގޮތުން ދަރިފުޅާއެކު ވަގުތު ހޭދަކުރެވޭ ފަދަ ހަމަޖެހޭ މީހަކަށް ވުމަކީ އެ ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަށް ނުހަނު މުހިންމު ކަންކަމެވެ.


އެކަމަށްޓަކައި މައިންނަށް ގާތުންދިނުމާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ފަންނީ ސިއްހީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމާއި ފާޑުކިޔުމެއް ނެތި ހިތްވަރުދިނުމުގެ ތެރެއިން މަންމައިންނަށް ނަފްސާނީ ގޮތުން އެހީތެރިވެދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ބައްޕަގެ ދައުރު ވަރަށް މުހިއްމު: ގާތުންދިނުމަކީ މުޅި އާއިލާ ގުޅިގެން ކުރާ ދަތުރެއް

ގާތުންދިނުމަކީ ހަމައެކަނި މަންމައަށް އޮތް ޒިންމާއެއް ނޫނެވެ. އެއީ މުޅި އާއިލާ ގުޅިގެން ކުރިއަށްގެންދާ ދަތުރެކެވެ. ވަކިން ހާއްސަކޮށް މި ދަތުރުގައި ބައްޕަގެ ބައިވެރިވުން އޮތުމަކީ، މަންމަ އާއި ދަރިފުޅުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ބައިވެރިޔާގެ ފަރާތުން ހިތްވަރާއި އަމަލީ އެހީތެރިކަން ލިބޭ މަންމައިނަށް، ގާތުންދޭން ފަށައިގަތުމަށް ފަސޭހަވެ، ގާތުންދިނުމުގައި ދެމިތިބެވޭ ނިސްބަތް އެ އެހީތެރިކަން ނުލިބޭ މައިންނަށް ވުރެ އެތައް ގުނައެއް އިތުރެވެ. އަދި ބައިވެރިޔާގެ ފަރާތުން އެހީތެރިކަން ލިބޭ ނަމަ މައިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް އިތުރުވެގެންދެއެވެ.


އޮސްޓްރޭލިއާގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ތިން މަހާއި ހަމަހުގެ އުމުރުފުރާގެ ކުދިންނަށް ހަމައެކަނި ގާތުންދޭ މައިން އެވްރެޖުކޮށް ދުވާލަކު 2.4 ގަޑިއިރު ގާތުންދިނުމުގައި ހޭދަކުރެއެވެ.

2026 ވަނަ އަހަރު ދެހާހެއްހާ މަންމައިން ބައިވެރިކޮށްގެން ކޮށްފައިވާ އެހެން ސަރވޭއަކުން ދައްކާގޮތުގައި ގާތުންދިނުމަށާއި ބުއްނަގައި ރައްކާކުރުމަށާއި ބުއްނަގާ ޕަންޕާއި ބުއްފުޅި ދޮވުން ފަދަ ގާތުންދިނުމާގުޅޭ ކަންކަން ކުރުމަށް އެވްރެޖުކޮށް ދުވާލަކު 3 ގަޑިއިރު މައިން ހޭދަކުރެއެވެ. ދަރިފުޅުގެ ފުރަތަމަ އަހަރަށް ބަލާއިރު އެއީ ޖުމުލަ 1092 ގަޑިއިރެވެ. ނުވަތަ 45.5 ދުވަހެވެ.

މިހާ ގިނަ ވަގުތާއި ހަކަތައެއް ގާތުންދިނުމުގެ ކަންކަމުގައި މައިން ހޭދަކުރަން ޖެހޭއިރު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމާއި، އިތުރު ދަރިން ތިބި ނަމަ އެ ދަރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި، ކިރުދޭ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ދަރިފުޅުގެ ކަންކަން ބެލެހެއްޓުމާއި، މަންމައަށް އަރާމުކުރުމަށާއި ސިއްހަތަށް ފައިދާހުރި ކާނާ އަދި ދިޔާ އެއްޗެހި ބޭނުންކުރުމަށް ވަގުތު ހޯދައިދިނުމަކީ ބައްޕައިން ކޮންމެހެން ވެސް ކުރަންޖެހޭ ކަންކަމެވެ.

މީގެ އިތުރުން، ޕޯސްޓްޕާޓަމްގައި ހިތްދަތިކަމާއި ހާސްވުމުގެ އިހުސާސްތައް އިތުރުވެގެންދާ ވަގުތުތަކުގައި އޯގާތެރިކަމާއެކު ހިތްވަރުދީ، އަޅާލުން އިތުރުކުރުމާއި ގާތުންކިރުދިނުމުގައި އެއްވެސް އުނދަގުލެއް ކުރިމަތިވެއްޖެ ނަމަ، ކަމާބެހޭ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް މަންމައަށް ހިތްވަރުދިނުމަކީ ބައްޕަގެ ޒިންމާއެކެވެ.

އަދި ދެފަރާތުގެ މާމަމެން ބޮޑުދައިތަމެން ނުވަތަ ދައްތަމެންނާ ނުލައި ދަރިފުޅާއި ބައްޕައާ އެކު އެކަހެރިވެލުމަށް މަންމަ ބޭނުންވާ ހާލަތްތަކުގައި އެކަން ފަހިކޮށްދިނުމަކީ ބައްޕައަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމެވެ. އެހެންކަމުން މަންމައެކޭ އެއްގޮތަށް ބައްޕަ ވެސް ގާތުންދިނުމާ ގުޅޭ ސިއްހީ މައުލޫމާތުތައް ހޯދައި އަމަލީގޮތުން މައިމީހާއަށް އެހީތެރިވުމަކީ އޭނާގެ މަސްއޫލިއްޔަތަކަށް ހަދަންޖެހެއެވެ.

އަޅައިލުމާއި ހަމްދަރުދީއާ އެކު ދުޅަހެޔޮކަން

ގާތުންދިނުމުގައި ކޮންމެ މަންމައެއްގެ ތަޖުރިބާ ވެސް ތަފާތުވާނެއެވެ. ބައެއް މަންމައިންނަށް މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ގާތުންދެވޭއިރު، އަނެއް ބަޔަކަށް އުންމީދު ކުރި މުއްދަތަށް ވުރެ އަވަހަށް އެކަން ހުއްޓާލަން ޖެހިދާނެއެވެ. މި ދެ ހާލަތުގައި ވެސް އެ މަންމައިންނަށް ބޭނުންވަނީ އަޅާލުމާއި ހަމްދަރުދީއެވެ.

ގާތުންދިނުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދަކީ ހަމައެކަނި "ގާތުންދެވޭ މަންމައިން" އުފެއްދުމެއް ނޫނެވެ. އޭގެ ބަދަލުގައި، މަންމައިންނަކީ ރަނގަޅު ސިއްހީ މައުލޫމާތު ލިބިފައިވާ، ބައިވެރިޔާ އާއި އާއިލާގެ އެހީތެރިކަން ލިބޭ، އަދި ދަރިފުޅަށްޓަކައި އެންމެ ރަނގަޅު ގޮތް ނިންމުމުގެ އިތުބާރު އަމިއްލަ ނަފްސަށް އޮތް ބަޔަކަށް ހެދުމެވެ.

މިކަމަށްޓަކައި، ގާތުންދިނުމުގެ ކަންކަން ކުރާނީ ދަރިފުޅު ވިހެމުން އެކަނި ކަމުގައި ނުނިންމާ، މާބަނޑުވުމަށް އަޒުމުކަނޑައަޅާ ހިސާބުން ފެށިގެން އަދި މާބަނޑު ދުވަސްވަރު ވެސް ބްރެސްޓް ފީޑިންގ ކައުންސިލަރުން ފަދަ ސިއްހީ މާހިރުންނަށް ދައްކައި، ގާތުންދިނުމާ ގުޅޭ މައުލޫމާތުތައް ދެމަފިރިން ވެސް ހޯދަންޖެހެއެވެ. އަދި ފުރަތަމަ ދަރިފުޅަށް ގާތުންނުދެވުނު ކަމުގައި ވީނަމަވެސް ދެވަނަ ދަރިފުޅަށް ގާތުންދެވިދާނެކަން ދަނެ، ކޮންމެ ދަރިއަކަށް މާބަނޑުވުމުން ވެސް ގާތުންދިނުމަށް ތައްޔާރުވާންޖެހެއެވެ.

ގާތުންދިނުމުގެ ކޮންމެ ތަޖުރިބާއެއްގެ ފަހަތުގައި ވަނީ ހަމައެކަނި ކިރު ބޯ ތުއްތު ކުއްޖެއް ނޫނެވެ. އެކަމަކު ފަރުދާގެ ފަހަތުގައި ވަނީ އެ މަންމައެއްގެ އެންމެ ފުރިހަމަ މަސްއޫލިއްޔަތު އަދާ ކުރަމުންދާ އޯގާތެރި މަންމައެކެވެ. އެހެންކަމުން މަންމައިންނަށް އެންމެ ބޭނުންވަނީ އިތުރު ޕްރެޝަރުތަކެއް ނޫނެވެ. އެހީތެރިކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355