ކުޅުދުއްފުށީގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ދެ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު، ދޫޑިގަން، ކަރަންފޫގެ، މުހައްމަދު އުމީން، 19، އާއި ހދ. ކުމުންދޫ، ފަހިވާ، އާއިޝަތު އަލީ، 30، އެވެ. ފުލުހުން ބުނީ، އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކާ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 27 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އުމީން 15 ދުވަހަށް އަދި އާއިޝަތު އަލީ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީގައި މިދިޔަ ބުދަ ދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އެ ރަށު އުރަހަ، ހުސައިން ނައީމް، 44، އާއި އެ ރަށު ބަންޑާރަހިޔާ 002ޕީ، އަބްދުއްރަހްމާން މުހައްމަދު، 45، އެވެ.
ފުލުހުން ބުނި ގޮތުގައި، މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކާ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމް ފުލުހުންވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




