ހއ. އުތީމުގައި ތަރައްގީކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މި ބިނާ ހުޅުވާދެއްވީ އުތީމުގައި ފާހަގަ ކުރަމުންދާ މިއަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކުރެވިފައިވަނީ އެތަކުރުފާނުގެ ތާރީހީ ޖިހާދު ރަމްޒުކުރެވިގެންދާ ގޮތަށެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނޭއިރު، މި ތަނބުތައް ފަރުމާކުރެވިފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ. މި 6 ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންނެވެ.
ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ޣާޒީ ބަންޑާރައިން (އުތީމު މުޙައްމަދު ތަކުރުފާނު) ގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތް ކުރެއްވުމަށް ހއ އަތޮޅުގައި ހާއްސަ ގައުމީ މަޝްރޫޢެއް ކުރިޔަށްގެންދާއިރު، މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ތަރައްޤީކުރުމުގެ މަޝްރޫއު އިފްތިތާހުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ، ހއ. އުތީމަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގައިއެވެ.




