އިސްލާމްދީނާ ފުށުއަރާ އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް ގާއިމްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އިސްލާމް ދީނާ ބީރައްޓެހި ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހި ގައުމުގެ މިނިވަން ގެއްލިފައިވާ ކަމަށެވެ.
އެ ސަބަބަށްޓަކާ އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ފުރިހަމައަށް ގާއިމުވެފައި އޮންނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެކަމަށް ބަޔާންކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށެވެ.
"އަޅުގަނޑުވެސް އެއްބަސް. ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ. ރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި މިއީ މިކަން ލިޔެކިޔުމުން ފެންނަން އޮތް ގޮތް. ސުވާލަކީ އެކަމަކު މިކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް އެބަ އޮތްތޯ؟ އެފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބަ އޮތްތޯ؟ ޖަވާބު ވަރަށް ކުރު. ނެތް،" ރައީސް ވިދާޅުވި އެވެ.
އެހެންވެ އެކަން ނިމުމަކަށް ގެނެސް ރާއްޖޭގައި އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރު ކުރުމަށް މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، އެކަކު އަނެކަކަށް ގަދަރުކުރާ، އިޙްތިރާމްކުރާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.




