ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތާރީހީ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ ގައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، މިއަދު މެންދުރުފަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭބޭފުޅުން ވަނީ، "ވާހަކަ ވައު" ބައްލަވާލައްވައި، މި ތާރީހީ ހިނގާލުން ތަޖުރިބާކުރައްވާފައެވެ.
ދިވެހި ތާރީހީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ގުދުރަތީ ވަލުގެ ތެރޭގައި ތަރައްގީކޮށްފައިވާ "ވާހަކަ ވައު" އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސްކޮށްދިނުމަށްޓަކައި ތާރީހުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެކެވެ.
ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މި ހިނގާލުމުގައި، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިއުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަހުރުވެރި ނަސްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައިވެއެވެ.
މިއީ ފަންނުވެރިކަމާއި ގުދުރަތީ ރީތިކަމާއި ތާރީހު އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެގެންދާގޮތަށް ފަރުމާކުރެވިފައިވާ ޕާކެކެވެ.
މި މަޝްރޫއަކީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއުކެވެ.
"ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫއު"ގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީގުގެ މުހިންމު މަރުކަޒަކަށް ހެދުމަށެވެ.




