twitterviber whatsapp telegramfacebookyoutube instagram
19th August 2026

ކުޅިވަރުގެ ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރިކަން ގާއިމުކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅައިފިން: ރާފިއު

މުޙައްމަދު އަހުމަދު
Aug 19, 2026

ކުޅިވަރުގެ ދާއިރާގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ހައްލުކޮށް، ނިޒާމު ހަރުދަނާކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކޮށް، އެދެވޭ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް ކުޅިވަރާއި ހަކަތައާ ބެހޭ މިނިސްޓަރު އަބްދުއްރަޙްމާން ރާފިއު ވިދާޅުވެއްޖެ އެވެ.

އޭސީސީން އިސްނަގައިގެން އެކުލަވާލި "ކުޅިވަރު އިންތިޒާމްކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް" ނެރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ހަރަދުކުރެވޭ ގޮތް ވަރަށް ކައިރިން މޮނީޓަރުކޮށް، އޮޑިޓްކުރުމުގެ ނިޒާމު މިހާރު ވަނީ ވަރުގަދަކުރެވިފައި ކަމަށެވެ.

މީގެ އިތުރުން މީހާރުގެ ނޫސް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިސްވެރިންނާއި މިނިސްޓްރީގެ މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި މިނިސްޓަރު ވަނީ މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފަ އެވެ.

"ހަމަ އެއާއެކު، މާލީ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށްޓަކައި ހަރުދަނާ މާލީ އުސޫލުތަކަކާއި ގައިޑްލައިންތަކެއް ތައާރަފުކޮށް، އެ ކަންކަމަށް އަމަލު ކުރަން މިހާރު ވަނީ ލާޒިމްކޮށްފައި،" މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ފޯރުވަމުންދިޔަ ސިޔާސީ ނުފޫޒުތައް މިހާރު އެކީ ނައްތާލެވިފައިވާ ކަމަށާއި، ކުޅުންތެރިންނާއި އެސޯސިއޭޝަންތަކާ ގުޅުންހުރި ގަވާއިދުތައް ވެސް އިތުރަށް ތަރައްގީކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.

"ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދެމުން އަންނަ މުސާރަ މިވަނީ ބޮޑުކުރެވި، އެއްހަމައެއްގައި ދޭން ފަށާފައި. ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީތަކަށް ދެވޭ އިނާމު ފައިސާގެ އުސޫލު ވެސް މިވަނީ ރިވައިޒް ކުރެވިފައި،" މުސާރައާއި އިނާމުތަކަށް ގެނެވުނު ހެޔޮ ބަދަލުތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ހިންގުމުގެ މައްސަލަތައް ބޮޑުވެފައިވާ އެސޯސިއޭޝަންތަކުގެ ކަންކަން ބަލައި، ބައިނަލްއަގުވާމީ ކުޅިވަރު އިދާރާތަކުގެ އުސޫލުތަކަށާއި ރާއްޖޭގެ ކުޅިވަރު ގާނޫނަށް ފެތޭގޮތަށް އެތަންތަނުގެ އަސާސީ ގަވާއިދުތައް އިސްލާހުކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކުޅިވަރު ދާއިރާއަށް ގެނެވުނު އިތުރު މުހިންމު ކުރިއެރުންތަކުގެ ތެރޭގައި:

* ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ސިއްހީ އިންޝުއަރެންސް ހަމަޖައްސައިދޭން ފެށުން.
* މުބާރާތްތައް ބާއްވާ ވަސީލަތްތަކުގައި ހުންނަންޖެހޭ އެންމެ ދަށް މެޑިކަލް މިންގަނޑުތައް އަމަލީގޮތުން ތަންފީޒުކުރަން ފެށުން.
* ކުޅިވަރުގެ މައިދާނުގައި ދެޖިންސުގެ ހަމަހަމަކަން ގާނޫނީގޮތުން ކަށަވަރުކޮށްދިނުން.
* ދުނިޔޭގެ އެންޓި-ޑޯޕިންގް ކޯޑާ އެއްގޮތަށް އަމަލުކުރަން ފެށުން.

ކުޅިވަރުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް އޭސީސީއާ ގުޅިގެން 2024 ވަނަ އަހަރު ފެށި "ޕަޗަސް" ކެމްޕެއިނަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަދު އާންމުކުރެވުނު ރިޕޯޓަކީ އެ މަސައްކަތުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަން ހުރި ހިރާސް ދެނެގަތުމުގެ ރިޕޯޓް މިއަދު އާންމު ކުރުމަކީ އޭސީސީއާ ގުޅިގެން ކުރެވުނު މަސައްކަތުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް،" ރާފިއު ވިދާޅުވިއެވެ.

އަމަލީގޮތުން ކަންކަން އިސްލާހުކުރުމަށްޓަކައި ހަމައެކަނި ގަވާއިދުތަކެއް ހެދުމުން ނުފުދޭނެކަން ފާހަގަކުރައްވަމުން، ކުޅިވަރު އިދާރާތަކުގެ ވެރިންނާއި، ކޯޗުން އަދި އެތުލީޓުން ކޮރަޕްޝަނަށް ހޭލުންތެރިކުރުވުން މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުން އެސޯސިއޭޝަންތަކުގެ އެއްބާރުލުމާއެކު ގަވަރނަންސްއާއި ފައިނޭންޝަލް މެނޭޖުމަންޓް ދަސްކޮށްދޭ ތަމްރީނުތައް ސިލްސިލާކޮށް ކުރިއަށްދާކަން އެއީ ލިބޭ ބޮޑު ހިތްވަރެއްކަމަށް ވިދާޅުވި އެވެ.

"މި މަސައްކަތުގައި އެއްވެސް ފަސްޖެހުމެއް ނެތި ދިވެހި ކުޅިވަރުގެ ހައްގުގައި ސަރުކާރުން ސާބިތުކަމާ އެކު ދެމިއޮންނާނެކަން އަޅުގަނޑު ފާހަގަކުރަން،" ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް އިތުބާރުހުރި، ދެފުށް ފެންނަ ކުޅިވަރުގެ މާހައުލެއް ހޯދައިދިނުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355