twitterviber whatsapp telegramfacebookyoutube instagram
21st August 2026

އަފީފުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަކީ ހަމްނާ،ލަޔާން އަދި މަލްހާ

އަބްދުލް ވާހިދު ޙަސަން
Aug 21, 2026
ކުޅުދުއްފުށި ސިޓީ

2024 ވަނަ އަހަރު އަފީފުއްދީން ސްކޫލުން ކިޔެވި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ތިން ދަރިވަރަކު ހޯދައިފި އެވެ.

އަފީފުއްދީން ސްކޫލްގެ އަހަރީ އިނާމުދިނުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވިއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޝިމާލެވެ.

2024 ވަނަ އަހަރު އަފީފުއްދީން ސްކޫލްގެ ގުރޭޑް 10 އެއްގައި 75 ދަރިވަރުންނަށް ވުރެ ގިނަ ދަރިވަރުން ތައުލީމުކޮށްފައިވާތީ، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމަށް ތިން ދަރިވަރުން ހޮވިފައިވެ އެވެ.

އަފީފުއްދީން ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރުން:

  • ހަމްނާ ހުސައިން
  • ލަޔާން ހުސައިން
  • ފާތިމަތު މަލްހާ މުހައްމަދު

ކުޅުދުއްފުއްޓަށް ނިސްބަތްވާ މި ތިން ދަރިވަރުން ގައުމީ ގަދަ ދިހައެއްގައިވެސް ހިމެނިފައިވެ އެވެ. އެގޮތުން ގައުމީ ގަދަ ދިހައެއްގެ ތިންވަނައިގައި ފާތިމަތު މަލްހާ މުހައްމަދު ހިމެނިފައިވާއިރު ހަމްނާ ހުސައިން ވަނީ ގައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހާސިލުކޮށްފައި އެވެ. އަދި ލަޔާން ހުސައިން ނާސިހް ގައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައިވެ އެވެ.

މީގެ އިތުރުން ފާތިމަތު މަލްހާ މުހައްމަދު ވަނީ 2024 ވަނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގެ އިސްލާމު މާއްދާއިން މުޅި ރާއްޖޭން އެއްވަނަ ހޯދައި ޓޮޕް އިން މޯލްޑިވްސް ހާސިލްކޮށްފަ އެވެ.

2024 ވަނަ އަހަރު ގައުމީ ގަދަ ދިހައެއްގައި އަފީފުއްދީން ސްކޫލްގެ 11 ދަރިވަރުން ހިމެނުނެވެ. އެ 11 ދަރިވަރުންނަކީ:

- އައިޝަތު ސީނާޒް އަހުމަދު – 3 ވަނަ
- ފާތިމަތު މަލްހާ މުހައްމަދު – 3 ވަނަ
- ހަމްނާ ހުސައިން – 4 ވަނަ
- މުހައްމަދު ހަސަން އިބްރާހިމް – 4 ވަނަ
- ފާތިމަތު ފައިހާ ހަސަން – 5 ވަނަ
- ލަޔާން ހުސައިން ނާސިހް – 6 ވަނަ
- އަހުމަދު މާދު މުހައްމަދު – 8 ވަނަ
- އަޒްހާ އަހުމަދު – 8 ވަނަ
- ލައިޝާ އަހުމަދު މުހައްމަދު – 8 ވަނަ
- މުހައްމަދު އަޒްލަފް އަޒްލީމް – 9 ވަނަ
- ހުސައިން ނާހިލް ނައީމް – 10 ވަނަ

ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށްގެންދިޔަ އިނާމުދިނުމުގެ އެ ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ދަރިވަރުން އަދި ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355