އިނގިރޭސި ޕްރިމިއާ ލީގަށް އެނބުރުން ކަށަވަރުކޮށް، ހަލް ސިޓީގެ ކޯޗު ސަރޖޭ ޔާކިރޮވިޗްގެ މައިގަނޑު އަމާޒަކަށްވީ، އެ ޓީމާ މެދު ސަޕޯޓަރުންނާއި މީޑިއާތަކުން ދެކޭ ގޮތް ބަދަލުކުރުމެވެ. ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް 2-0 އިން ބަލިކޮށް، ހަލް ސިޓީން ވަނީ މުޅި ދުނިޔެ ސިއްސުވާލައި، އެ ކޯޗުގެ ބަސްތަކުގައި ހަގީގީ ކުލަ ޖައްސައިދީފަ އެވެ. މިއީ ގިނަ ބަޔަކު ހީކުރި ގޮތާ މުޅިން ހިލާފަށް ނުކުތް ނަތީޖާއެކެވެ.
ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންޝިޕް ޕްލޭއޮފް ކާމިޔާބުކޮށްގެން ކިރިޔާ ލީގަށް ކޮލިފައިވި ހަލް ސިޓީއަކީ، މި ސީޒަނުގައި ތާވަލުގެ އެންމެ އަޑިއަށް ގޮސް ރެލިގޭޓްވާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ކުރީން އޮތީ ހީކޮށްފަ އެވެ. އަނެއްކޮޅުން ޔުނައިޓެޑަކީ ފާއިތުވި ސީޒަނުގައި ތިންވަނަ ހޯދައި، މި ސީޒަނުގައިވެސް ގަދަ ހަތަރެއްގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވުނު ވަރުގަދަ ޓީމެކެވެ.
ނަމަވެސް، ޔާކިރޮވިޗްގެ އިރުޝާދުގެ ދަށުން ކުޅުނު ހަލް ސިޓީން ވަނީ ފުރަތަމަ ހާފުގައި ސެމީ އަޖާޔީ އާއި ނޮބެލް މެންޑީ ޖެހި ގޯލުތަކުން މެޗު ކާމިޔާބުކޮށްފަ އެވެ. މިއީ 1974 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން މެޗަކަށްފަހު، އިނގިރޭސި ލީގުގައި ޔުނައިޓެޑް އަތުން ހަލް ސިޓީ ހޯދި ފުރަތަމަ މޮޅެވެ. ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގަށް އެނބުރި އައިސް ހޯދި މި މޮޅާއެކު، ބޮސްނިއާ-ހަރޒެގޮވިނާއަށް ނިސްބަތްވާ ފުރަތަމަ ޕްރިމިއާ ލީގު މެނޭޖަރު ޔާކިރޮވިޗް ބުނީ، "މިއީ ފުޓްބޯޅަ. އަހަރެމެން މި މަސައްކަތް ކުރަނީ މީހުން ދައްކާ ވާހަކަތައް ދޮގުކުރަން. ކުރިއަށް 37 މެޗު އެބައޮތް، ނަމަވެސް މިއީ މުސްތަގުބަލަށް އެޅުނު ރަނގަޅު ބިންގަލެއް" ކަމަށެވެ.
ބީބީސީ ރޭޑިއޯ ހަމްބަރސައިޑްގެ ސްޕޯޓްސް އެޑިޓަރު މައިކް ވައިޓް ފާހަގަކުރި ގޮތުގައި، މުބާރާތް ފެށުމުގެ ކުރިން ގިނަ ބަޔަކު ހަލް ސިޓީ 'ޑްރޮޕް' ވާނެ ކަމަށް ނިންމި އެވެ. އަދި ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ދަށް ޕޮއިންޓް ހޯދި ޑާބީ ކައުންޓީގެ ރެކޯޑު ހަލް ސިޓީން މުގުރާލަފާނެ ކަމަށްވެސް ބައެއް މީހުން ދިޔައީ ބުނަމުންނެވެ.
މިފަދަ ވާހަކަތަކެއް ދެކެވުނީ ހަލް ސިޓީ ލީގަށް އައި ގޮތުގެ ސަބަބުންނެވެ. އެޓީމު ޗެމްޕިއަންޝިޕްގެ ޕްލޭއޮފަށް ކޮލިފައިވީވެސް ފަހު ދުވަހު ގޯލުގެ ތަފާތުން ރެކްސްހަމް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އޭގެފަހުން މިލްވޯލް ބަލިކޮށް، ފައިނަލުގައި މިޑްލްސްބްރާ އަތުން 1-0 އިން މޮޅުވެގެންނެވެ. އަދި މިއީ 2025 ވަނަ އަހަރު ލީގުން ރެލިގޭޓްވުމުން ކިރިޔާ ސަލާމަތްވި ޓީމެކެވެ.
ޕްރިމިއާ ލީގުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ޖޯ ކޯލް، ކާލްޓަން ކޯލް އަދި ވޭން ބްރިޖް ވަނީ ޕޮޑްކާސްޓެއްގައި ހަލް ސިޓީއަށް މަލާމާތްކޮށް، އެޓީމު ރެލިގޭޓްވާނެ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ކޯޗު ޔާކިރޮވިޗް ވަނީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. "އަހަރެމެން 20 ވަނައަށް ދާނެޔޭ ބުނުން ވަރަށް ފަސޭހަ. އެހާ ޔަގީންކަން އޮތިއްޔާ ކެރެންޏާ ބެޓް ކުރޭ. އަހަރެމެންނަށް ކުރާ މި އިހުތިރާމް ކުޑަކުރުން ބަލައިގަންނަން އުނދަގޫ" ކޯޗު ބުންޏެވެ.
ނޫސްވެރިޔާ މައިކް ވައިޓް ބުނި ގޮތުގައި، އެ މަލާމާތްތަކުގެ ސަބަބުން ހަލް ސިޓީގެ ކުޅުންތެރިންގެ މެދުގައި އިތުރު ރޫހެއް އުފެދި، ބޮޑެތި ޓީމުތަކާ ދެކޮޅަށް ނުކުމެ ސާބިތުކޮށްދިނުމުގެ އަޒުމް ވަރުގަދަވި އެވެ.
މެންޗެސްޓަރ ޔުނައިޓެޑް މެޗުގައި ހަލް ސިޓީން ދެއްކި ތަރުތީބު އަދި ވަރުގަދަ ކުޅުމަށް އިނގިރޭސި ލެޖެންޑުން ކަމަށްވާ ވޭން ރޫނީ އާއި އަލަން ޝިއަރާ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ރޫނީ ބުނީ ހަލް ސިޓީގެ ޝޭޕް ވަރަށް ރަނގަޅު ކަމަށާއި، ޔުނައިޓެޑްގެ ބަލިކަށިފަޅި ހޯދައިގެން ނަތީޖާ ނެރުނު ކަމަށެވެ. ޝިއަރާ ބުނީ ހަލް ސިޓީން ދެއްކީ މުޅިން ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.
މި މޮޅާއެކު، ހަލް ސިޓީއަކީ އެންމެ ދަށް ނަތީޖާއެއް ނެރޭނެ ޓީމު ކަމަށް ދެކެވުނު ވާހަކަތަކުގެ އަޑު ވަނީ މަޑުވެފަ އެވެ. މެޗަށްފަހު ވާހަކަދައްކަމުން މެޗުގެ ފުރަތަމަ ގޯލު ޖެހި ނައިޖީރިއާގެ ޑިފެންޑަރު ސެމީ އަޖާޔީ ބުނީ، "މިއީ އެންމެ މެޗެއް. އަދި އެންމެންގެ އަނގަ ބަންދުކޮށެއް ނުލެވޭނެ. އަހަރެމެން މިތިބީ އަހަރެމެންގެ އަމިއްލަ ނަފްސަށް ކަމެއް ސާބިތުކޮށްދޭން. މިފަދަ ކުޅުމެއް ހިތްވަރުދޫކޮށްނުލާ ދައްކައިފިނަމަ، ފަހަރުގައި އެމީހުން އަހަރެމެންނަށް ދޭ ސަމާލުކަން ބޮޑުކޮށްފާނެ" ކަމަށެވެ.
މި ކާމިޔާބީއާއެކު، ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އިތުރު ކުޅުންތެރިން ޓީމަށް ހޯދުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ކޯޗު ޔާކިރޮވިޗް ގަބޫލުކުރެ އެވެ.




