twitterviber whatsapp telegramfacebookyoutube instagram
23rd August 2026

ސަލާހު ނެތް ލިވަޕޫލްގެ އާ ފެށުން: އީސާކް އަދި ވާޓްޒް ޒިންމާ ނަގަންޖެހޭ ވަގުތު

މުޙައްމަދު އަހުމަދު
Aug 23, 2026

އިނގިރޭސި ޕްރިމިއާ ލީގުގެ ފެށޭ މެޗުގައި މުޙައްމަދު ސަލާހަށްވުރެ ގިނައިން ލަނޑު ޖެހި އެހެން ކުޅުންތެރިއަކު ލިވަޕޫލްގެ ތާރީހުގައިވެސް ނެތެވެ. ނަމަވެސް، އާ މެނޭޖަރު އަންޑޯނީ އިރައޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން 2026-27 ވަނަ އަހަރުގެ ސީޒަން ނިއުކާސަލްއާ ދެކޮޅަށް އާދީއްތަ ދުވަހު ފަށާއިރު، ސަލާހު ހުންނާނީ 2,100 މޭލު ދުރުގައި ތުރުކީގެ ސުޕާ ލީގުގައި ތްރަބްޒޮންސްޕޯރަށް ކުޅޭށެވެ.

މިއީ 2015 ވަނަ އަހަރަށްފަހު ސަލާހް، ސާޑިއޯ މާނޭ ނުވަތަ ރޮބާޓޯ ފިރްމީނޯ ކުރެ އެކަކުވެސް ނުލައި ލިވަޕޫލުން ސީޒަނެއް ފަށާ ފުރަތަމަ ފަހަރެވެ. 2015 އާއި 2026 އާ ދެމެދު މި ތިން ކުޅުންތެރިން ވަނީ ލިވަޕޫލަށް ޖުމްލަ 488 ލަނޑު (ސަލާހް 257، މާނޭ 120، ފިރްމީނޯ 111) ޖަހައިދީފަ އެވެ.

ސަލާހް ވަނީ ސީޒަން ފަށާ މެޗުތަކުގައި އެކަނިވެސް 10 ލަނޑު ޖަހައި، ޕްރިމިއާ ލީގުގެ ރެކޯޑެއް ގާއިމުކޮށްފަ އެވެ. މި މިސްރުގެ ތަރިއާ ނުލައި ލިވަޕޫލް ނުކުންނައިރު، މިހާރުގެ ސްކޮޑުގައި ހުރި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އެންމެ 50 ލަނޑު ޖަހާފައިވާ ކޯޑީ ގަކްޕޯ އެވެ.

މުސްތަގްބަލަށް ވިސްނައި ލިވަޕޫލުން ވޭތުވެދިޔަ ޓްރާންސްފާ މާކެޓުގައި 320 މިލިއަން ޕައުންޑުގެ ބޮޑު ހޭދައެއްކޮށް އެލެގްޒެންޑާ އީސާކް، ފްލޯރިއަން ވާޓްޒް އަދި ހޫގޯ އެކިޓީކޭ ގެނަ އެވެ. ސަލާހް ކޮށްދިން ކަންތައްތައް އެކަނި އެކަކަށް ތަކުރާރުކުރުމަކީ ނުކުރެވޭނެ ކަމަކަށްވުމުން، ލަނޑު ޖެހުމާއި ފުރުސަތު ތަނަވަސްކުރުމުގެ ޒިންމާ އެންމެންގެ މެދުގައި ބެހެންޖެހެ އެވެ.

އުމުރުން 24 އަހަރުގެ އެކިޓީކޭ އެންފީލްޑްގައި ރަނގަޅު ފެށުމެއް ހޯދި ނަމަވެސް، ނިމިދިޔަ އޭޕްރީލް މަހު ލިބުނު ސީރިއަސް އެކިލީސް އެންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، އުންމީދަކީ ސީޒަނުގެ ދެވަނަ ބައިގައި އޭނާ ފިޓްވުމެވެ. އެހެންކަމުން، ފުރަތަމަ ސީޒަނުގައި އެދެވޭ ކުޅުމެއް ނުދެއްކުނު އީސާކް (26 އަހަރު) އާއި ވާޓްޒް (23 އަހަރު) ވަނީ ލިވަޕޫލްގެ މި އާ ދައުރު ކުރިއަށްގެންދިއުމުގެ ބޮޑު ޒިންމާއެއް ނަގަންޖެހިފަ އެވެ.

މި ސަމާގައި ސަލާހް ކްލަބް ދޫކޮށްލާނެކަން މާޗް މަހު ކަށަވަރުވުމުން، ލިވަޕޫލުން ބޮޑު ސައިނިންގއެއް ކުރާނެކަމަށް ބެލެވުނު ނަމަވެސް، ސީޒަން ފެށޭއިރުވެސް އެކަން ވެފައެއް ނުވެ އެވެ. ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފައިވަނީ:

"އަހަރެމެންނަށް ބޭނުންވަނީ ހަތަރު މުބާރާތުގައިވެސް ވާދަކުރެވޭނެވަރުގެ ސްކޮޑެއް، ކާމިޔާބީ ހޯދޭނީ އޭރުން. ބަލަމާ ޓްރާންސްފާ ބާޒާރުގެ ފަހު ހަފްތާތަކުގައި ވާގޮތެއް، ދެން ކުރިއަށްދާނީ."

ލިވަޕޫލްގެ އަމާޒު ޑިއޯމަންޑޭއިން ބާކޯލާއަށް

ސަލާހް ވަކިވިފަހުން 5 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މޮޅު ފޯވާޑެއް ހޯދުމުގެ މަސައްކަތް ލިވަޕޫލުން އަދިވެސް ކުރިއަށް އެބަގެންދެ އެވެ. 120 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑަށް ބަދަލުވި 19 އަހަރުގެ ޔާން ޑިއޯމަންޑޭ ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެކިޓީކޭގެ އަނިޔާއާއެކު، ޕެރިސް ސެއިންޓް ޖާމެއިން (PSG) ގެ ބްރެޑްލީ ބާކޯލާ ހޯދުމުގެ ޔަގީންކަން މިހާރު ވަނީ ބޮޑުވެފަ އެވެ.

އުމުރުން 23 އަހަރުގެ ފްރާންސް ވިންގަރު ބާކޯލާ ލިވަޕޫލަށް ބަދަލުވާން ބޭނުންވާއިރު، PSG އިން 145 މިލިއަން ޕައުންޑް އިލްތިމާސްކުރި ނަމަވެސް ލިވަޕޫލުން ބޭނުންވަނީ 100 މިލިއަން ޕައުންޑާ ގާތްކުރާ އަގެއްގަ އެވެ. މިދިޔަ އަހަރު ރިއޯ އެންގުމޯހާގެ ކުރިއެރުމަށް ހުރަސްނޭޅުމަށް ބާކޯލާ ނުގަތް ނަމަވެސް، ސަލާހް ކުރިން ނުކުތުމުން ހާލަތު މިހާރު ވަނީ ބަދަލުވެފަ އެވެ.

އެންގުމޯހާ ވަނީ މިދިޔަ އަހަރު ސެންޓް ޖޭމްސަސް ޕާކުގައި 100 ވަނަ މިނެޓުގައި މޮޅުވި ލަނޑު ޖަހައި ލިވަޕޫލްގެ ތާރީހުގައި އެންމެ ހަގު ލަނޑުޖެހި ކުޅުންތެރިޔާއަށް ވެފަ އެވެ. އަންނަ ހަފްތާގައި 18 އަހަރު ފުރޭ މި އިންގްލަންޑް ވިންގަރު ވަނީ ޕްރީ-ސީޒަންގައި ސަލާހް ކުޅުނު ކަނާތްފަރާތު ވިންގަށް ކުޅެފަ އެވެ.

އާދީއްތަ ދުވަހުގެ މެޗުގައި ގަކްޕޯ ވާތްފަރާތުން ފަށާއިރު، އެންގުމޯހާ ކަނާތްފަރާތުން ފެނުމުގެ ފުރުސަތު ބޮޑެވެ. ވާޓްޒް ސެންޓްރަލް އެޓޭކިންގ މިޑްފީލްޑަރަކަށް ކުޅޭއިރު، އޭނާ ވަނީ ޕްރިމިއާ ލީގަށް މިހާރު މާ ބޮޑަށް ތައްޔާރުވެފައިވާކަމަށް ބުނެފަ އެވެ. މީގެއިތުރުން، ނިއުކާސަލްގައި 109 މެޗުން 62 ލަނޑު ޖެހި ނަމަވެސް ލިވަޕޫލްގައި އަނިޔާގެ ސަބަބުން އެންމެ 4 ލަނޑު ޖެހުނު އީސާކްގެ މައްޗަށް އެންމެންގެ ސަމާލުކަން ހުއްޓޭނެ އެވެ.

'އީސާކްގެ ހުރިހާ ހުނަރެއް އެބަހުރި'

މެނޭޖަރު އިރައޯލާ ގަބޫލުކުރާގޮތުގައި 125 މިލިއަން ޕައުންޑުގެ ރެކޯޑް އަގަކަށް ގެނައި އީސާކް މި ސީޒަނުގައި "ވަރަށް މުހިންމު" ވާނެ އެވެ. އިރައޯލާ ބުނެފައިވަނީ:

"އަހަރެމެންނަށް އޭނާގެ ފެންވަރު އެނގޭ. އެ ފެންވަރުގައި ހިފެހެއްޓިއްޖެނަމަ އޭނާ ލަނޑުޖަހައި ގިނަ ކަންތައްތަކެއް ކޮށްދޭނެ. އަހަރެންގެ އިރުޝާދުތައް މުހިންމީ ބޯޅަ ނެތްވަގުތު ޓީމަށް އެހީތެރިވެ، އެހެން ކުޅުންތެރިންނަށް ޖާގަ ހުޅުވައިދިނުމަށް."

ކުރީގެ ލިވަޕޫލް ފޯވާޑް ރޮބީ ފައުލާވެސް ގަބޫލުކުރަނީ އީސާކަކީ އިދިކޮޅު ޓީމުތަކަށް ބޮޑު ނުރައްކަލަކަށް ވާނެ ކުޅުންތެރިއެއް ކަމަށެވެ. ފައުލާ ބުނެފައިވަނީ:

"އަހަރެން މީ އީސާކްގެ ބޮޑު ފޭނެއް. އޭނާ ވަނީ ޕްރިމިއާ ލީގުގައި ސާބިތުކޮށްދީފައި. އަނިޔާގެ ސަބަބުން މިދިޔަ އަހަރު އެދެވޭ ގޮތެއްގައި ނުކުޅެވުނަސް، އޭނާއަކީ ލަނޑުޖަހާނެ ވޯލްޑް ކްލާސް ކުޅުންތެރިއެއް. އޭނާގެ ކިބައިގައި ހުރިހާ ހުނަރެއް އެބަހުރި."

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355