އަންނަ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ސައުތު އޭޝިއަން ގޭމްސްއަކީ ދިވެހި ކުޅިވަރަށް ނުހަނު މުހިންމު މުބާރާތެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ۔
އެމްއޯސީން މިހެން ހާމަކޮށްފައިވަނީ، އެކި ސަބަބުތަކާ ހުރެ ގިނަ ފަހަރުތަކެއްގެ މަތިން ފަސްކުރަން ޖެހުނު 14 ވަނަ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް 3 އިން 11 އަށް ބޭއްވުމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަނުން ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ۔ މި ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދު، ލާހޯރު އަދި ޕެޝާވަރުގަ އެވެ۔
އިސްލާމްއާބާދުގައި ފާއިތުވި ދެ ދުވަހު ކުރިއަށްދިޔަ ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުމުގައި ރާއްޖެ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާގެ ކުޅިވަރު އޮފިޝަލުން އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއިރު، އިންޑިއާއިން ބައިވެރިވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ۔ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އެވެ۔
އެމްއޯސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސައުތު އޭޝިއަން ގޭމްސްއަކީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ۔ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކޮށް، ތަޖުރިބާ ހޯދުމަށް ދިވެހި އެތުލީޓުންނަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެއް ކަމަށްވެސް އެމްއޯސީން ބުނެފައިވެ އެވެ۔
މި ބައްދަލުވުމުގެ ތެރެއިން، މުބާރާތުގެ ތައްޔާރީތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ޑެލިގޭޓުންނާ ހިއްސާކޮށްފައިވާއިރު، އިސްލާމްއާބާދުގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ވެނިއުތަކަށް އޮފިޝަލުން ވަނީ ޒިޔާރަތްކުރައްވާފަ އެވެ۔ 28 ކުޅިވަރެއް ހިމެނޭހެން ބޭއްވުމަށް ހަމަޖެހިފައިވާ މި ގޭމްސްގައި 3200 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ ކަމަށް ލަފާކުރެވެ އެވެ۔
އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ 2019 ވަނަ އަހަރު ނޭޕާލްގަ އެވެ۔ އޭގެ ފަހުން 2023 ގައި ބާއްވަން ތާވަލުކުރި 14 ވަނަ އެޑިޝަން އެކި ސަބަބުތަކާ ހުރެ ހަތް ފަހަރު މަތިން ފަސްކުރަން ޖެހުނެވެ۔ ޕާކިސްތާނުގައި މީގެ ކުރިން މި ގޭމްސް ބޭއްވީ 1989 އާއި 2004 ވަނަ އަހަރުގަ އެވެ.




