އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އިތުބާރު ފޯވާޑް އޮލީ ވާޓްކިންސް، ސައުދީ ޕްރޯ ލީގުގެ އަލް-ހިލާލަށް ބަދަލުވާން އުޅޭ މައްސަލައިގައި ކްލަބުގެ ހެޑް ކޯޗު އުނާއި އެމެރީ އާއި އޭނާއާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ހާމަވެއްޖެ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ބްރައިޓަން އަތުން 4-0 އިން ވިލާ ބަލިވި މެޗުގެ ސްކޮޑުގައި ވަޓްކިންސް ހިމަނާފައި ނުވުމުން މުޅި ކްލަބުގެ ތެރޭގައި ވަނީ ނުތަނަވަސްކަމެއް އުފެދިފަ އެވެ.
މެޗަށްފަހު މީޑިއާއިން ވަޓްކިންސް ސްކޮޑުގައި ނެތް ސަބަބާ މެދު ސުވާލު ކުރުމުން ކޯޗު އުނާއި އެމެރީ ވަނީ ވަރަށް އަސަރުގަދަ އަދި ނުރުހުންތެރި ރައްދެއް ދީފަ އެވެ.
"މިއީ އޭނާއާ ކުރަންޖެހޭ ސުވާލެއް. އަހަރެން ދޭނެ ޖަވާބަކީ ހަމައެކަނި އަހަރެންގެ ހިމޭންކަން."
ސައުދީ އަރަބިއްޔާގެ އަލް-ހިލާލުން ވަނީ ވަޓްކިންސް ހޯދުމަށް 40 މިލިއަން ޕައުންޑާ ގާތްކުރާ އަގެއްގެ ހަތަރު ހުށަހެޅުމެއް ހުށަހަޅާފަ އެވެ. ނަމަވެސް އެސްޓަން ވިލާއިން ވަނީ މި ހުރިހާ ހުށަހެޅުމަކަށް ވެސް ނޫނެކޭ ބުނެފަ އެވެ. ވިލާގެ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ 30 އަހަރުގެ ފޯވާޑް ވިއްކާލުމުގައި އެ ކްލަބުން ބޭނުންވާ އަގު ލިބެންދެން ވަރަށް ހަރުކަށިކޮށް ހިފަހައްޓާނެ އެވެ.
އަލް-ހިލާލުން ވަޓްކިންސް ގެންނަން މަސައްކަތް ކުރާއިރު، އެޓީމުން ވަނީ ޖުލައި މަހު ވެސްޓްހޭމްގެ ކްރައިސެންސިއޯ ސުމާވިލް ވެސް އެޓީމަށް ގެނެސްފަ އެވެ. އަދި ޑާވިން ނޫނޭޒް ދިރިއްޔާ ކްލަބަށް ލޯނު އުސޫލުން ފޮނުވާލި ނަމަވެސް، ވަޓްކިންސްއަށް ޖާގަ ހެދުމުގެ ގޮތުން އިތުރު ބޭރު ކުޅުންތެރިއަކު ދޫކޮށްލަން އެޓީމަށް މަޖުބޫރުވާނެ އެވެ.
ވަޓްކިންސް މިހާރު އަންނަނީ ޓީމާ ވަކިން އެކަނި ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. ވޯލްޑް ކަޕަށްފަހު ލިބުނު އިތުރު ޗުއްޓީއަށްފަހު އެނބުރި އައިސް، އޭނާ ސައުދީއަށް ބަދަލުވާން ބޭނުންވާކަން ވަނީ ވިލާގެ މެނޭޖްމަންޓަށް އަންގާފަ އެވެ. އޭނާގެ ފަރާތުން ނުވަތަ އޭޖެންޓުގެ ފަރާތުން މީޑިއާއަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައި ނުވިނަމަވެސް، އޭނާ ހުރީ ސައުދީއަށް ބަދަލުވާން ތައްޔާރަށެވެ.
ބްރެންޓްފޯޑުން 28 މިލިއަން ޕައުންޑުގެ ރެކޯޑު އަގަކަށް ވިލާއަށް ގުޅުނު ވާޓްކިންސް ވަނީ އެޓީމަށް ކުޅެދިން 278 މެޗުގައި 108 ލަނޑު ޖަހައިދީފަ އެވެ. ވޭތުވެދިޔަ 6 އަހަރު ވިލާ ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ އޭނާ އެވެ. ހާއްސަކޮށް އިސްތަންބޫލްގައި ފްރެއިބާގް ބަލިކޮށް، 30 އަހަރަށްފަހު ވިލާއަށް ޔޫރޯޕާ ލީގު ކާމިޔާބުކޮށްދިނުމުގައި އޭނާ ކުޅުނު ދައުރު ފާހަގަކޮށްލެވެ އެވެ.
ވަޓްކިންސްގެ އިތުރުން ގޯލްކީޕަރު އެމީ މާޓިނޭޒްގެ މުސްތަގުބަލާ މެދުވެސް ވިލާއިން ގޮތެއް ނިންމަންޖެހެ އެވެ. ޖުވެންޓަސްއަށް އޭނާ ބަދަލުވާން އުޅުނު ނަމަވެސް އެކަން ވަނީ އަގުގެ މައްސަލައިގައި ނުކުރެވިފަ އެވެ. އަދި ވިލާއިން ޒިއޯން ސުޒުކީ ގެނައުމާއެކު، މާޓިނޭޒްއަށް ވަނީ އެއްވަނަ ކީޕަރުގެ މަގާމު ގެއްލިފަ އެވެ.
އެމެރީއަށް މިހާރު ވަނީ ޓީމު އަލުން ބިނާކުރުމުގެ ބޮޑު މަސައްކަތެއް ކުރިމަތިވެފަ އެވެ. މޯގަން ރޮޖާސް، ޔޫރީ ޓީލެމަންސް، ލޫކަސް ދީން އަދި އެޒްރީ ކޮންސާ ފަދަ މުހިންމު ކުޅުންތެރިން ޓީމު ދޫކޮށް ގޮސްފައިވާއިރު، ވަޓްކިންސްވެސް ގޮސްފިނަމަ އެއީ ވިލާއަށް ލިބޭނެ އެންމެ ބޮޑު ދެރަ އެވެ.
ވަޓްކިންސްގެ ބަދަލުގައި ފޯވާޑެއް ހޯދުމަށް ވިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޗެލްސީގެ ނިކޮލަސް ޖެކްސަންއަކީ އެމެރީ މީގެ ކުރިން ވިޔާރެއާލްގައި މަސައްކަތްކުރި ކުޅުންތެރިއަކަށްވާތީ، އޭނާ ހޯދުމަށް ވިލާއިން އަންނަނީ ޝައުގުވެރިކަން ދައްކަމުންނެވެ. މީގެ އިތުރުން ބެސިކްތާޝްއިން ޖަނަވަރީ މަހު ގުޅުނު ޓެމީ އަބްރަހާމް ކްލަބުގައި ބަހައްޓަންވެސް ވިލާއިން ވަނީ ވިސްނާފަ އެވެ.
ކްލަބުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓަށްވެސް ވަޓްކިންސްގެ މި ނިންމުމަކީ ލިބުނު ވަރަށް ބޮޑު ޝޮކެކެވެ. ކުރިން ހީކުރެވިފައި އޮތީ އޭނާއަކީ ކްލަބަށް ވަފާތެރި، އަދި ކޯޗާއެކު ގާތް ގުޅުމެއް އޮންނަ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ޓްރާންސްފާ މާކެޓު ބަންދުވުމުގެ ކުރިން މި މައްސަލައަށް ހައްލެއް ހޯދުމަކީ އެސްޓަން ވިލާއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.




