އަލީ އާދަމް
ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސާރވިސަސް އިން ކުރިއަށް ގެންދާ ސޭފްއައިލެންޑް ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަށް ނިމިއްޖެ އެވެ.
މިޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ބޭއްވުނު ހަރަކާތްތަކުގެ ތެރޭގައި، ފުރަތަމަ ކަމަކަށް ރަށުގެ ކަމުވޮށި ވެގެންވާ ބޭފުޅުންނާއި ބައްދަލުކޮށް، ރާއްޖޭގައި މަސްތުވާތަކެތީގެ އަދުގެ ހާލަތާއި އަދި ސޭފް އައިލެންޑް ޕްރޮގްރާމަކީ ކޮބައިކަން ހިއްސާކުރެވިފައި ވެއެވެ. ދެވަނަ ހަރަކާތެއްގެ ގޮތުން ޒުވާނުންނަށް އަމާޒުކޮއްގެން ދެދުވަހުގެ ވޯކްޝޮޕެއް ވަނީބޭއްވިފައެވެ. ދިރިއުޅުމުގެ ހުނަރުތަކާއި އެ ހުނަރުތަށް ބޭނުން ކުރާނެ ގޮތާއި އޭގެ މުހިންމު ކަމާއި ބެހޭގޮތުން ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. މިޕޮރޮގްރާމްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ކުޅުދުއްފުށީގެ ސްކޫލް ތަކުގެ ބެލެނިވެރިންނަށް، ނޭދެވޭ އަމަލުތަކުން ކުދިން ރައްކާތެރި ކުރާނެ ގޮތާއި ބެހޭގޮތުން ވަނީ މައުލޫމާތު ދެވިފައެވެ.
މިޕްރޮގްރާމާ ގުޅޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ޑިޕާޓްމެންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސާރވިސަސްގެ ޕްރިވެންޝަން ޔުނިޓުން ކައުންސިލަރ ފާތުމަތު ޒައީ ވިދާޅުވީ މިޕްރޮގްރާމަކީ، 2010 ވަނަ އަހަރު ނޮވެމްބަރ މަހު މަތިއުތުރު ސަރަޙައްދުގެ ހަތަރު ރަށަކަށް އަމާޒުކޮއްގެން އެރަށް ރަށުގެ ވެރިންނާއި ޖަމިއްޔާ ޖަމާއަތް ތަކަށް ދައުވަތު ދީގެން ހިންގުނު ވޯކްޝޮޕް ގައި އެކުލަވާލެވުނު ވޯކްޕްލޭން ގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ހޭލުންތެރި ކުރުވުމުގެ ސިލްސިލާ ޕްރޮގްރާމް ތަކެއްކަމަށެވެ.
“އަޅުގަނޑުމެން މީގެކުރިން ހީކުރަމުން އައީ ރާއްޖޭގެ އެހެން ރަށްތަކާއި އަޅާބަލާއިރު ކުޅުދުއްފުއްޓަކީ ނޭދެވޭ އަމަލުތައް މަދުރަށެއް ކަމަށް، ނިސްބަތުން މަދުމެ، އެހެން ނަމަވެސް މިޕްރޮގްރާމްތަށް ފެށީމަ އަޅުގަނޑުމެން ނަށް އެނގިގެން ހިނގައްޖެ މިފަދަ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ތަކަށް ކުޅުދުއްފުށި ވެސް ބޭނުން ވެފައިވާ މިންވަރު. އަދި ބެލެނިވެރިން ގެ ފަރާތުންވެސް ފާހަގަކުރި ބެލެނިވެރިންނަށް ވެސް މިފަދަ މައުލޫމާތުތަށް ވަކިވަކިން ނަމަވެސް ވަރަށް ބޮޑަށް ބޭނުން ވާކަން.” ފާތުން ވިދާޅުވިއެވެ.
ސޭފް އައިލެންޑް ޕްރޮގްރާމަކީ ކުޅުދުއްފުށީ ކައުންސިލްގެ ޕަބްލިކް ހެލްތް ޔުނިޓާއި ޑިޕާޓްމެންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސާރވިސަސް ގުޅިގެން، ޔޫރަޕިއަން ޔޫނިއަންއިން ފަންޑް ދެއްވުމުން އދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ގެ އެހީތެރިކަމާއި އެކު ހިންގުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދެވަނަބައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހދ ނޭކުރެންދޫގައެވެ.