މުހައްމަދު އިސްމާއިލް
ފާއިތުވެދިޔަ ހައެއްކަ ދުވަހު ކުޅުދުއްފުށިން ކަރަންޓު ކަނޑައިގެންދަނީ ކަރަންޓު ދޫކުރުމަށް ބޭނުންކުރާ ޕެނަލްގެ ސެޓިންގ އަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުންކަމަށް ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އަޕަރ ނޯތް ޔުޓިލިޓީޒް އިން ހާމަކޮށްފިއެވެ.
ފާއިތުވި ހަފްތާގައި ކޮންމެ ދުވަހަކުވެސް އެކި ގަޑި ތަކުގައި ކުޅުދުއްފުށީގައި ކަރަންޓު ކަނޑައިގެން ދަނީ އިންޖީނަށް މައްސަލައެއް ދިމާވެގެން ނޫންކަމަށާއި އަދި އެއީ އިންޖީނާ ގުޅޭ އެއްވެސް މައްސަލައެއްގެ ސަބަބުން މެދުވެރިވާ ކަމެއް ނޫންކަމަށްވެސް އަޕަރ ނޯތް ޔުޓިލިޓީޒްގެ ޖެނެރަލް މެނޭޖަރ މުހައިމިން ވިދާޅުވިއެވެ.
މުހައިމިން އިތުރަށް ވިދާޅުވީ ކަރަންޓު ކަނޑައިގެންދާ މައްސަލަ ދެތިން ދުވަހެއްގެ ތެރޭގައި ހައްލު ކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި މުޅި ރަށަށް ކަރަންޓު ދީފައި ހުންނަ ވަގުތު ޕެނަލްގެ ސެޓިން ބަދަލުކުރުމަކީ ފަސޭހަކަމަކަށް ނުވާތީ އެމައްސަލަ ހައްލުކުރުމަށް ވަގުތު ނަގަނީ ކަމަށެވެ. އަދި، ޕެނަލް ސެޓިންއަކީ ވަކި ގޮތަކަށް ލިޔެވިފައިވާ އެއްޗެއް ނޫންކަމަށާއި އެއީ މެނުއަލްކޮށް ސެޓް ކުރަންޖެހޭ އެއްޗެއް ކަމަށް މުހައިމިން ވިދާޅުވިއެވެ.
އިތުރު މައުލޫމާތު ދެމުން އަޕަރ ނޯތް ޔުޓިލިޓީޒްގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ، ކުޅުދުށްފުއްޓަށް މިހާރު ކަރަންޓު ދެމުން އަންނަ އިންޖީނުގެއަށް 1 މެގަވޯޓުގެ ޖަނަރޭޓަރެއް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގެނެވޭނެކަމަށް ލަފާކުރައްވާ ކަމަށެވެ. އަދި، މިހާރު ހުރި އިންޖީނުތަކުންވެސް ކުޅުދުއްފުށްޓައް ކަރަންޓު ދެވޭ ވަރުގެ ކެޕޭސިޓީ އެބަހުރި ކަމަށާއި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އޯވަރ ލޯޑު ވުމުގެ މައްސަލައެއް ނޫންކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
ފާއިތުވި ތިން ދުވަހު ކުޅުދުއްފުށިން ވަނީ ބައެއް ގަޑި ތަކުގައި ބައިގަޑި އިރަށް ކަރަންޓު ކަނޑައިގެން ގޮސްފައެވެ. އެގޮތަށް ކަރަންޓު ކަނޑައިގެން ދާއިރު ކުރިން ނޯޓިސް އެއް ލިބިފައިނުވާތީ ބައެއް ވިޔަފާރިވެރިންނާއި ކުޅުދުއްފުށީގެ ބައެއް ރައްޔިތުން އަންނަނީ ޝަކުވާކުރަމުންނެވެ. އެފަރާތްތަކުން ބުނަނީ ގޭގައި ހުންނަ އިލެކްޓްރޯނިކް އަގުބޮޑު މުދާ ހަލާކުވުމުގެ ބިރު މިހާރު އެބައޮތްކަމަށެވެ. އަދި ބައެއް ވިޔަފާރިވެރިން ބުނަނީ ވިޔަފާރިކުރަން ގެނެސްފަ ހުންނަ ބައެއް މުދާ ހަލާކުވެދާނެތީ ކަންބޮޑުވާކަމަށާއި އެއަރ ކޮންޑިޝަން ފަދަ އެއްޗިއްސަކީ އެގޮތަށް ކަރަންޓު ކަނޑައިގެންދާނަމަ ވަރަށް ފަސޭހައިން ހަލާކުވާ އެއްޗެހި ކަމަށެވެ.