twitterviber whatsapp telegramfacebookyoutube instagram
20th May 2024

ގައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ފުރަތަމަ ފަހަރަށް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ކޯހެއް ފަށައިފި

Jun 22, 2011

އަލީ އާދަމް

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ފުރަތަމަ ފަހަރަށް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ ކޯހެއް ފަށައިފި އެވެ.

މިފެކަލްޓީ އިން ކުޅުދުއްފުށީ ކެމްޕަހުގައި ހިންގާ ފުރަތަމަ ކޯހަކީ، ސެޓުފިކެޓް ތްރީ އިން ޕޭސްޓްރީ އެންޑް ބޭކަރީ ކޯހެވެ. މިކޯހުގައި ޕާނާއި ކޭކު ފަދަ، ގޮދަންފުށުން އުފައްދާ ތަކެތި ފިހުމާއި ޕޭސްޓްރީގެ ބާވަތްތައް ތައްޔާރުކުރާނެ ގޮތް ދަސްކޮށް ދެވޭނެކަމަށް އެފެކަލްޓީއިން މައުލޫމާތު ދެއެވެ. ފަންސަވީސް ފަރާތަކަށް ފުރުސަތު ދީގެން އެއް ސިމެސްޓަރ އަށް ހިންގޭ މިކޯހަކީ އެއްވެސް ފީއަކާނުލައި ހިންގޭ ކޯހެކެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ޔުނިވަސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރ އިބްރާހިމް ފައިސަލް ވިދާޅުވި ގޮތުގައި ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ކޯހެއް ކުޅުދުއްފުށީ ކެމްޕަހުގައި މިފެށުނީ ކެމްޕަހުގައި ޓްރެއިނިންގ ބަދިގެއެއް މިހާރު ހެދިފައި ވުމުގެ ސަބަބުން ނެވެ. އަދި އެކަމުގެ ސަބަބުން މިދާއިރާގެ އިތުރުކޯސް ތަކެއްވެސް މުސްތަޤުބަލުގައި ކުޅުދުއްފުށީ ކެމްޕަހުގައި ހިންގޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ކޯހުގެ އިތުރުން ވެސް ކެމްޕަހަށް މުޅިން އާ ތިން ކޯހެއް މިއަހަރުގެ ދެވަނަ ސެމިސްޓަރ ގައި ކުޅުދުއްފުށީ ކެމްޕަހުގައި ވަނީ ފަށާފައެވެ. އޭގެތެރޭގައި އެޑްވާސް ސެޓުފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ކޯހާއި، އެޑްވާންސް ސެޓުފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕްލޮމާ އިން ބިޒްނަސް ކޯސް ހިމެނެއެވެ.

އަލަށް ފެށުނު ކޯސްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ އެޑްވާސް ސެޓުފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ކޯހަށްކަން ކެމްޕަހުން ފާހަގަކުރެއެވެ. އެގޮތުން ވިއްސަކަށް ދަރިވަރުންނަށް ޖާގައޮތް މިކޯހުގައި ބައިވެރިވުމަށް ނުވަދިހަ އަށް ވުރެ ގިނަ ފަރާތްތަކުން ފޯމް ހުށައަޅާފައި ވާކަމަށް ފައިސަލް ވިދާޅުވިއެވެ.

އަތޮޅުތެރޭގެ އެހެނިހެން ކެމްޕަސް ތަކާ އަޅާބަލާއިރު ނެރެވޭ ނަތީޖާތައް ނިސްބަތުން ރަނގަޅު ކުޅުދުއްފުށީ ކެމްޕަހުގައި، މިއަހަރުގެ ދެވަނަ ސެމިސްޓަރ ގައި ސަތޭކައަށް ވުރެ ގިނަ ދަރިވަރުން ވަނީ އަލަށް ބައިވެރި ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355