އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަމީނީމަގުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ކުޅުދުއްފުށީ ކައުންސިލުން ބޭނުންވުމުން މަގުހެދުމުގެ މަސައްކަތް މިހާރު މަޑުޖައްސާލާފައިވާ ކަމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮޕަރޭޝަން މެނޭޖަރ މުހައްމަދު އަބްދުއްރަހްމާން ވިދާޅުވީ، މިހާރު ކުރެހުމުގައި މަގުގެ ދުވާރު ހެދުމަށް ހަމަޖެހިފައިވާ ސައިޒު ކުޑަކޮށް ދިނުމަށާއި އަދި މަގު މެދުގައި ޖަހަމުންދާ ރޯޑް ޑިވައިޑާރ ކުޑަކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލުން އެދިފައިވާ ކަމަށެވެ. އެގޮތުން ކަނޑައެޅިފައިވާ ޑިޒައިންގައި ދުވާރުގެ ފުޅާމިނުގައި 02 މީޓަރު ހުންނައިރު ކައުންސިލުން އެދިފައިވަނީ ދުވާރުގެ ފުޅާމިން 5 ފޫޓަށް ކުޑަކުރަން ކަމަށާއި އަދި ރޯޑް ޑިވައިޑާރ ވެސް ކުޑަކޮށްދިނުމަށް އެދިފައިވާކަމަށް މުހައްމަދު އަބްދުއްރަހުމާނު ވިދާޅުވިއެވެ.
އަމީނީ މަގުގެ އަމަލީ މަސައްކަތް މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާއިރު މިހާރު މަގުގެ ވަކި ހިސާބެއްގައި ފެންހިނދޭގޮތަށް ހޮޅިއާއި ކާނު ވަޅުލެވި ޕޭވްމަންޓާއި ރޯޑް ޑިވައިޑާރސް ވެސް ޖަހާފައިވާ ކަމަށް އެކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. އެ ކޯޕަރޭޝަނުން ބުނީ މަގުގެ މަސައްކަތް އަލުން ފެށޭނީ އިތުރަށް ސާރވޭ އެއް ހެދުމަށް ފަހުގައި ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުގެ މުނިސިޕަލް ހިދުމަތްތަކާއި ބެހޭ ކައުންސިލަރ އަބްދުއްޝުކޫރު އަހްމަދު ވިދާޅުވީ ކުޅުދުއްފުށީ އަމީނީ މަގުގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރެވިގެން ކައުންސިލުގައި މަޝްވަރާކުރެވުނު ކަމަށެވެ. އެ މަޝްވަރާ ކުރުންތަކުގައި މަތިއުތުރު ގައުމީ އިދާރާ އާއި އަތޮޅު ކައުންސިލުގެ ލަފަޔެއް އެކަމުގައި ހޯދަން ނިންމި ކަމަށް ޝުކޫރު މައުލޫމާތު ދެއެވެ. އަދި ރަށު ކައުންސިލުން ބެލިބެލުމުގައި ކުރިން ދީފައިވާ ޑިޒައިންއާ ދިމާނުވާކަމަށް ބުނެއެވެ.
“މަސައްކަތް ފެށުމުގެ ކުރިން އަޅުގަނޑުމެންނަށް ލިބިފައިވާ މަޢުލޫމަތުގައި ރޯޑް ޑިވައިޑާރގައި ހުންނަނީ ދެފޫޓްއެއްއިންޗި. އެހެން ނަމަވެސް އަޅުގަނޑުމެން ގޮސް މިންއެޅީ އިރު ފުޅާމިނުގައި ތިން ފޫޓް ހުރޭ” އަބްދުއްޝުކޫރު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ އަމީނީ މަގަށް ގެންނަން އެކައުންސިލަށް ފެންނަ ބަދަލުތައް ލިޔުމަކުން މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ޕޭވްމަންޓްގައި މިހާރު ހުރި 2 މީޓަރުގެ ބަދަލުގައި 5 ފޫޓަށް ދުވާރު ކުޑަކޮށް ރޯޑް ޑިވައިޑަރ ވެސް ކުޑަކުރަން ހުށަހަޅާފައިވާނެ ކަމަށެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ފުރަތަމަ ހަވާލުކޮށްފައިވަނީ މާލޭ މުނިސިޕަލްޓީ އަށެވެ. އެހެންނަމަވެސް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި އަލަށް އުފެއްދި އެކޯޕަރޭޝަނާއި މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.