މުހައްމަދު އާދަމް
ވައިކަރަދޫގެ ކަރަންޓްގެ ޚިދުމަތް 25 ޖޫން 2011 ވަނަ ދުވަހުން ފެށިގެން ކެނޑިގެންދާނެކަމަށް އެރަށުގައި ކަރަންޓްގެ ޚިދުމަތްދޭ ހަމައެކަނި ފަރާތްކަމުގައިވާ ވިލަރެސް ޖަމިއްޔާއިން ބުނެފިއެވެ.
15 މެއި 2011 ވަނަދުވަހު ސިޓީއަކުން ވިނަރެސް ޖަމިއްޔާއަށް އެޖަމިއްޔާ ހިނގަމުންދަނީ ޖަމިއްޔާތައް ހިންގުމާބެހޭ ޤަވާއިދުގައިވާގޮތައް ނޫންކަމަށްބުނެ ޖަމިއްޔާގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށާއި ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އަންގާފައިވާތީ މިހިނގާ ޖޫން މަހުގެ 25 ވަނަދުވަހުންފެށިގެން އެރަށުން ކަރަންޓްގެ ޚިދުމަތް ކެނޑިގެން ދާނެކަމަށް އެޖަމިއްޔާއިން ބުނެއެވެ.
ކަރަންޓްގެ ޚިދުމަތަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތަކަށް ވާއިރު ވިލަރެސް ޖަމިއްޔާއިން ވަނީ ރަށަށް 22 އަހަރު ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފައެވެ. އެހެންކަމުން ޖަމިއްޔާއަށް އިތުރުގޮތެއް އޮތްގޯ ބެލުމަށް މެއި މަހުގެ 22 ވަނަދުވަހު ހޯމް އެފެއާޒަށް ސިޓީއަކުން ދެންނެވި ކަމަށާއި އޭގެ 02 ހަފްތާ ފަހުންވެސް އެސިޓީގެ ޖަވާބުގައި ދަންނަވާފައިވަނީ ކުރިން ސިޓީގައިވެސް ދަންނަވާފައިވާ ފަދައިން ކަމަށް ވިލަރެސް ޖަމިއްޔާގެ ރައީސް އަބްދުލް ވާހިދު ޔޫސުފް މަޢުލޫމާތު ދެއްވިއެވެ.
ވައިކަރަދޫގެ ކަރަންޓްގެ މައްސަލައަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ކައުންސިލާ ބައްދަލުކޮށް އެއްވެސް ކަހަލަ ކުރިމަގެއްފެނޭތޯ މަސައްކަތް ކުރިންތޯ ކުޅުދުއްފުށީ އޮންލައިން އިން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޖަމިއްޔާގެ ރައީސް ވިދާޅުވީ އެބޭފުޅުންނާއި މަޝްވަރާ ނުކުރާކަމަށާއި އެކަމަކު ޖަމިއްޔާއަށް އެއްބާރުލުން ދިނުމަށް އެދިފައިވާނޭކަމަށެވެ. އަދި ރަށުގެ ކުރީގެ ކައުންސިލަރަކާއި މިހާރުގެ ކައުންސިލަރަކާއި އަތޮޅުކައުންސިލްގެ މެންބަރުންތަކެއްވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި މީގެކުރިން ބައްދަލުކޮށް ޖަމިއްޔާގެ އަތުން އިންޖީނުގެ ނެގިއްޖެކަމުގައި ވަނީނަމަ އިންޖީނުގެ އަންނާނީ ކައުންސިލުގެދަށަށް ކަމަށް ވިދާޅުވެފައިކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
ވައިކަރަދޫ ކައުންސިލުން މައުލޫމާތުދެއްވާގޮތުގައި ޖަމިއްޔާ ހުއްޓާލަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެތަން ހަވާލުކުރަންވާނީ ރައްޔިތުންނާކަމަށް އެއްބަސްވުމެއްގައި ވާކަމަށެވެ. ނަމަވެސް ޖަމިއްޔާއިން ބުނަމުންގެންދަނީ 02 ދުވަސްތެރޭގައި ކައުންސިލާއި އެތަން ހަވާލުކުރަން ޤަރާރެއް ފާސްކޮށްފައި ވީނަމަވެސް އެއްވެސް ބަދަލަކާއި ނުލައި އެތަން އެބޭފުޅުންނަށް ދެވެން ނޯންނާވެ ކަމަށެވެ.
މިމައްސަލަ ހައްލުކުރުމަށް ކުރައްވަމުން ގެންދަވަނީ ކޮންކޮން ކަންތައްތަކެއްތޯ ކުޅުދުއްފުށީ އޮންލައިން އިން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ވަހީދު ވިދާޅުވީ އެމައްސަލަ މިހާރުވަނީ ކޯޓް މަރުހަލާގައި ކަމަށާއި ކޯޓް އަމުރަކާއި އެކު އެތަން ހިފަންޖެހިއްޖެ ހާލަތެއްގައި އެތަން ހިފާނޭކަމަށެވެ. އަދި މިމައްސަލާގައި ޖަމިއްޔާ އާއި ކައުންސިލާ މަޝްވަރާކުރެވިފައި ނުވާކަމަށާއި މިކަމަކީ ސިޔާސީ ކަމެއްކަމަށް ހެދުމަށް ޖަމިއްޔާއިން މަސައްކަތްކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބެއްކަމަށް ކައުންސިލުން ދެކެނީ ޖަމިއްޔާގެ މެންބަރުން ރަށުކައުންސިލަށް ކުރިމަތިލައިގެން ވެފައިވާ ނާކާމިޔާބީކަމަށާއި މިއީ ޒާތީކަމެއްގެގޮތުގައި އެފަރާތުން ދެކޭކަމަށެވެ.