.
ބަދުރުއްދީން ޙަސަން
އެތައް ދުވަހެއްގެ ހީތަކާއި ކުށްހީތަކަށްފަހު އަދި ތަފާތު “ރޫމާސް” ތަކަށްފަހު ގޫގުލް ޕްލަސް އޭގެ ފޮށިން ނެރެލުމާއެކު އެންމެވެސް ކުރަންފެށި ސުވާލަކީ މިހާރު 700 މިލިޔަން މީހުން ބޭނުންކުރަމުން އަންނަ ފޭސް ބުކް ދެން ވާނެ ގޮތަކާއި މެދުގައެވެ.
ގޫގުލް ޕްލަސް ލޯންޗް ކުރުމަށްފަހު ގޫގުލްގެ ޔޫޒަރސް އަށް ލިމިޓެޑްކޮށް ދޫކޮށްފައިވާ ގޫގުލް ޕްލަސްގެ ޕީޗަރތައް އެބޭނުން ކުރަން ފުރުސަތު ލިބިފައިވާ މީހުންގެ މެދުގައި މިހާރު މަގުބޫލުކަން ހޯދަން ފަށައިފިއެވެ. އަދި ދޭތެރެ ދޭތެރެއިން ސައިން އަޕް ކުރަން ބައިގަޑިއެއް ހާއިރަށް ހުޅުވާލާ ވަގުތަށް އެތައް ހާސްބައެއް ތިބެނީ ފާރަލައިގެންނެވެ. އެރޭޓުން ދާނަމަ ކުޑަދުވަސް ކޮޅެއް ތެރޭ އެތައް ސަތޭކަ މިލިޔަނަށް ގޫގުލް ޕްލަސް އަރާނެއެވެ.
ގޫގުލް ޕްލަސްގައި ފޭސްބުކްއާ އެއްގޮތް ބައެއް ފީޗަރތައް ހުރިކަމުގައި ވިޔަސް ގޫގުލް އިން ބޮޑަށް ބަލާފައިވަނީ އެއަށްވުރެ ފުރިހަމައަށް ފީޗަރ ތައް ގެނެސް ދިނުމަށެވެ. މިގޮތުން ގޫގުލް ޕްލަސްގައިވާ “ހޭންގް އައުޓް” ފީޗަރގައި ގްރޫޕްކޮށް ވީޑިއޯ ޗެޓްކޮށްލުމަކީ މިހާރުގެ ޒުވާނުންނަށް ވަރަށް ކަމުދާނެ ފީޗަރ އެއްކަމަށް ބެލެވެއެވެ. އަދި ވޯލްގައި ޝެއަރ ކުރާއިރު ޝެއަރ ކުރަން ބޭނުންވާ މީހުން ވަކިން ނެގެން ހުރުމުން ޕްރައިވަސީ ލިބިގެން ދެއެވެ. މިހާރު މިފީޗަރ ވަނީ ފޭސްބުކްގައި ވެސް ތައާރަފްކޮށްފައެވެ.
މީގެއިތުރުން ފޯނުން ފޮޓޯ ނަގާގޮތަށް އޮޓަމެޓިކުން ގޫގުލް ޕްލަސް އަށް އަޕްލޯޑްކުރުމަކީވެސް ކަމުދާނެ ފީޗަރއެއް ކަމަށް ބެލެވެއެވެ.
ގޫގުލް ޕްލަސްގެ މަގްބޫލުކަން އިތުރުވަމުން ދާއިރު އަދި ފޭސްބުކް އަށް އޮތް ވާދަވެރިކަން ފެންނަމުން ދާއިރު މިކަން އެންމެ ކައިރިން ބަލަމުންދަނީ ފޭސްބުކްގެ ސީއީއޯ މާރކް ޒަކަބާގްއެވެ. މާރކް އަކީ މިހާރު ގޫގުލް ޕްލަސްގެ އެންމެ ޓޮޕް ޔޫޒަރ ވެސްމެވެ.