twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދެކުނު ސޫދާން: އެންމެ ހަގު ގައުމު

Jul 15, 2011

ބަދުރުއްދީން ޙަސަން

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހަކީ ސޫދާނުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ދުވަހެކެވެ. ހާއްސަކޮށް ދެކުނު ސޫދާނުގައި ދިރިއުޅޭ މީހުން އެދުވަހު މަގުތަކަށް ނުކުމެ އުފާފާޅު ކުރަމުން ދިޔައިރު އެމީހުންގެ ލޮލުން ކަރުނަ އޮހެމުންދިޔައެވެ. އެދުވަހަކީ ދެކުނު ސޫދާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާނުކޮށް ބައިނަލްއަގްވާމީ މުޖުތަމައިން ބަލައިގަތް ދުވަހެވެ.

އިސްލާމީ ގައުމެއްގެ ގޮތުގައި އެފްރިކާގެ އުތުރު ބިތުގައި ސޫދާން އޮތްއިރު ސޫދާނުގައި ގިނައީ އަރަބިންނެވެ. އަދި ހިނގަމުން ދިޔައީ އިސްލާމީ ދައުލަތެއްގެ ގޮތުގައެވެ. އަރަބިންގެ އާބާދީގެ އިތުރުން ސޫދާނުގައި އުޅޭ އެފްރިކާ ނަސްލުގެ ގިނަ މީހުންނަކީ ނަސޯރާ ދީނުގެ މީހުންނެވެ. އަދި ސޫދާނުގެ ދެކުނުގައި ގިނައީ އެފްރިކާ ނަސްލުގެ ނަސޯރާއިންނެވެ.

ސޫދާނުގެ މައި ސަރުކާރަކީ މުސްލިމުންގެ ސަރުކާރަކަށްވެފައި އާބާދީ ގައި ގިނައީ އަރަބިންނަށް ވުމުން، އެފްރިކާ ނަސްލުގެ، ހާއްސަކޮށް ދެކުނުގެ މީހުން އަބަދުވެސް ދިޔައީ އެމީހުންނާމެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. އަދި ސޫދާނުގައި އަޅުން ގަނެ ވިއްކުމުގެ ވިޔަފާރިވެސް ފުޅާވެފައިވުން މައްސަލަ އިތުރަށް ގޯސްކުރުވިއެވެ. މިޝަކުވާތައް ބޮޑުވެ އެންމެފަހުން ދާހިލީ ހަނގުރާމައެއް ސޫދާނުގައި ވަނީ ފެށިފައެވެ. ސޫދާނުގެ ސަރަހައްދުތަކުގައި ރެބެލް ޖަމާއަތްތައް އުފެދި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަންވަނީ ފަށާފައެވެ.

ބައެއް ފަރާތްތަކުން މި ދާހިލީ ހަނގުރާމަ ސިފަކުރީ ދެކުނު ސޫދާނާއި އުތުރު ސޫދާނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައެއްގެ ގޮތުގައެވެ. އަނެއްބައި ފަރާތްތަކުން މި ހަނގުރާމަ ސިފަކުރީ ސޫދާނުގެ މުސްލިމުންނާއި ނަސޯރާއިންގެ ދެމެދުގައި ހިނގަމުންދިޔަ ހަނގުރާމައެއް ކަމަށެވެ.

ސޫދާނުގެ ދާހިލީ ހަނގުރާމައަށް ފަންސާސް އަހަރު ވެގެން ދިޔައިރު އެގައުމުގައި ހިނގާދިޔަ ލޭއޮހޮރުވުންތަކުގައި ދެ މިލިޔަނަށް ވުރެ ގިނަ މީހުން މަރުވިއެވެ. ދެފަރާތް ސުލްހަ ކުރުމަށްޓަކައި 2005 ވަނަ އަހަރު ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންގޮސް އެއްބަސްވުމަކާއި ހަމައަށް އާދެވުނު ކަމުގައި ވިޔަސް އޭގެ ފަހުންވެސް ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ. އެމެރިކާގެ އެހީތެރިކަމާއެކު ބޭއްވުނު ދެފަރާތުގެ ވާހަކަތަކަށް ފަހު އެންމެ ފަހުން ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގި ވޯޓުގައި ސޫދާން ދެބައިކޮށްލަން 98 އިންސައްތަ މީހުން ވޯޓު ދީފައި ވެއެވެ.

ވޯޓުގެ ނަތީޖާ އިއުލާނު ކުރުމާއެކު ސޫދާނުގެ ރައީސް އުމަރު ހަސަން އަލް ބަޝީރު ބުނެފައިވަނީ، ރައްޔިތުންގެ އެނިންމުން އޭނާ ގަބޫލު ކުރައްވާ ކަމަށާއި އެކަމާ ދެކޮޅު ހައްދަވަން ބޭނުން ނުވާކަމަށެވެ. އަދި ދެކުނު ސޫދާނުގެ މިނިވަންކަން އިއުލާނު ކުރުމާއެކު އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އދ ގެ ސެކެޓަރީ ޖެނެރަލް ބަންކީމޫން ވަނީ ވަގުތުން އެދައުލަތް ގަބޫލު ކުރާކަން އިއުލާނުކޮށް މަރުހަބާ ދަންނަވާފައެވެ.

އިއްޔެ އދ ގައި ބޭއްވި ޖެނެރަލް އެސެމްބްލީގެ ޖަލްސާގައި ވަނީ ދެކުނު ސޫދާން އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރާކަމަށް ނިންމާ ދުނިޔޭގެ 193 ވަނަ ގައުމުގެ ގޮތުގައި އދ އިން މެމްބަރުކަން ދީފައެވެ. މިކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

އާ ގައުމެއް ބިނާކުރަން ބަލާއިރު ބޮޑެތި ގޮންޖެހުންތަކެއް ދެކުނު ސޫދާނުގެ ރައްޔިތުންނަށް ކުރިމަތި ވާނެއެވެ. ދެކުނު ސޫދާނު މަގުތަކާއި އިންފްރާސްޓްރަކްޗަރ އެއް ނެތޭ ބުންޏަސް ރަނގަޅު ވާނެއެވެ. އަދި ވިހެއުމުގައި އަންހެނުން މަރުވާ އަދަދު އެންމެ މަތީގައިވާ ގައުމުތަކުގެ ތެރެއިންނާއި ލިޓަރަސީ ރޭޓް އެންމެ ދަށް ގައުމުތަކުގެ އެންމެ ފުލުގައި އެގައުމު ހިމެނިފައި ވެއެވެ. ގައުމު ބިނާކުރުމުގެ މަސައްކަތް ފަށާއިރު އެކަމަށް އެހީތެރިވުމަށް 7000 ސުލްހަ ބަލަހައްޓާ އޮފިޝަލުންނާއި 900 ފުލުހުން އދ ގެ ފަރާތުން ފޮނުވުމަށް އެޖަމިއްޔާގެ ސަލާމަތީ މަޖިލީހުން ވަނީ ނިންމާފައެވެ.

އުތުރަށްވުރެ ބޮޑަށް ތެލުގެ މުއްސަނދިކަން ލިބިފައިވާ ދެކުނު ސޫދާނުގެ މިނިވަން ދުވަސް ފާހަގަ ކުރަމުންދާއިރު ހަނގުރާމައިގެ ހިތްދަތިކަމާއި ރުޅިވެރިކަން ބައެއް މީހުންގެ ހިތްތަކުގައި ހުރިކަމުގައި ވިޔަސް، ގިނަ ބަޔަކު ތިބީ މާޒީ ހަނދާން ނައްތާލައި އާގައުމުގެ މުސްތަގްބަލް ބިނާކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355