twitterviber whatsapp telegramfacebookyoutube instagram
27th April 2024

އައިޕޮޑްތަކުގެ ސަބަބުން އިންސާނުން ބީރުވަނީ

Jul 23, 2011

އަހުމަދު ޝިޔާމް

“މިއައީ އީ.އެން.ޓީ ޑޮކްޓަރަކަށް ކަންފަތް ދައްކާލާފަ. ކުޑަކޮށް ރިއްސާތީ.” އަތުގައި އޮތް އައިޖީއެމްއެޗްގެ މެމޯ ކޮޅު ކޮފީ މޭޒުމަތީގައި ބާއްވަމުން އަހަރެންގެ އެކުވެރި އިލްޔާސް ބުންޏެވެ.

“އަދިވެސް ތިޔަ އައިޕޮޑްގަނޑު ކަންފަތުން ނުނައްޓާތި.” އަހަރެންނަށް ކުރެވެނު ކަމަކީ ދިމާކޮށްލުމެވެ. އިލްޔާސްއަކީ އޭލެވެލް ދައުރުން ފެށިގެން އަހަރެންގެ އެކުވެރިއެކެވެ. އޭރުވެސް އޭނަގެ ކަންފަތުގައި ކޮންމެވެސް ހެޑްސެޓެއް ޖަހާލައިފައި ހުންނާނެއެވެ. އެކަން މަދު ކުރެވޭތޯ ނަސޭހަތް ދެވުން ވަރެއްވެސް ނޭނގެއެވެ. އެންމެފަހުން އެއީ ފެޝަނެއް ކަމަށް ބުނެ ދީލާލެވުނީއެވެ.

އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީއެއްގައި މަސައްކަތް ކުރައްވާ އޯޑިއޮލޮޖިސްޓެއް، ދާދިފަހުން އޭނާ ކުރި ދިރާސާއެއްގައި ފާހަގަކުރައްވާފައިވަނީ އައިޕޮޑް ބޭނުން ކުރުމުގެ ސަބަބުން އަޑުއިވުމުގެ ހިއްސު ގެއްލުން ނުވަތަ ބީރުވުމުގެ ނުރައްކާ ތުއްތު ކުދިންނާއި ބޮޑެތި މީހުންނަށްވެސް އެއްވަރަކަށް އޮންނަކަމަށެވެ.

ކަމުގެ މާހިރުން ލަފާދެއްވަނީ އައިޕޮޑާއި، އެމްޕީތްރީ ޕްލޭޔާސްފަދަ ތަކެތި ދުވާލެއްގެ މައްޗަށް ގަޑިއެއްހާއިރަށްވުރެ ގިނައިރު ބޭނުން ނުކުރުމަށެވެ. މިފަދަ ތަކެތިން މިޔުޒިކް އަޑުއެހުމަށް ކަންފަތުގެ ތެރެއަށްލައްވާފައި އިންނަ އެތިކޮޅު ނުވަތަ އިއަޕީސް ކަންފަތާ މާކައިރި ވުމުގެ ސަބަބުން އަޑުކަންފަތަށް އިވެނީ، އެ މިޔުޒިކެއްގެ އަސްލު އަޑަށްވުރެ 6 ނުވަތަ 9 ޑެސިބަލް ބާރުމިނުގައެވެ. އެހެންކަމުން ބީރުވުމުން ރައްކާތެރިވުމަށްޓަކައި، ކަންފަތް ތެރެއަށް ލައްވާގޮތަށް ހުންނަ ކުދި ހެޑްސެޓް ބޭނުން ކުރުމުގެ ބަދަލުގައި ކަންފަތްމަތީ އަޅާގޮތަށް ހުންނަ ބޮޑެތި ހެޑްސެޓް ބޭނުން ކުރުމަށް މާހިރުން ލަފާދެއްވައެވެ.

މީގެ އިތުރުން އަޑުއަހާ މިޔުޒިކެއްގައި ހިމެނޭ އަސްލު އަޑުފިޔަވާ އިތުރަށް އަރާފާހުންނަ ބޭކާރު އަޑުތައް ނީވޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ކޮލިޓީ ހެޑްފޯން ބޭނުން ކުރުމަކީވެސް ކަންފަތަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅެއްކަމަށް މާހިރުން ދެކެއެވެ.

އައިޕޮޑުން މިޔުޒިކް އަޑުއެހުމުގައި ހޭދަ ކުރާނީ ކިހާ ވަގުތެއް؟

އައިޕޮޑާއި، އެމްޕީތްރީ ޕްލޭޔަރފަދަ ތަކެތިން މިޔުޒިކް އަޑުއެހުމުގެ ސަބަބުން ބީރުވުމަށް މަގުފައިވޭތޯ ބެލުމަށްޓަކައި ގިނައަދަދެއްގެ ދިރާސާތަކެއް ކުރެވިފައިވެއެވެ. އަދި މިދިރާސާތަކުން، މިޔުޒިކް އަޑުއެހުމަށްޓަކައި މިގެންގުޅޭ ޒަމާނީ އާލާތްތަކާމެދު ހައިރާން ކުރުވަނިވި ކަންތައްތަކެއް ހޯދިފައިވެއެވެ.

އާންމުކޮށް މިޔުޒިކްގެ އަޑު ހުންނަވަރަށްވުރެ ބާރަށް ހެޑްފޯނާއި، ހެޑްސެޓުން މިޔުޒިކް އަޑުއެހުމުގެ ސަބަބުން މުސްތަގުބަލުގައި ބީރުވުމުގެ ނުރައްކާ މިއަދުގެ ފުރާވަރު ކުދިންނަށާއި، ހަރު ޒުވާނުންނަށް ބޮޑުކަމަށް ފާހަގަކުރެވެއެވެ. މިހާރުގެ ތަފާސް ހިސާބަށް ބަލާއިރު މިކަމުގެ ސަބަބުން ކޮންމެ ސަތޭކައަކުން 7 އާއި 24 އާ ދެމެދުގެ އަދަދެއްގެ ޒުވާނުންގެ އަޑުއިވުމުގެ ހިއްސު ގެއްލެން މެދުވެރިވާއިރު މިކަން އެންމެންގެ ސަމާލުކަމަށް ގެނެސް ހޭލުންތެރި ނުކުރެވިއްޖެނަމަ މުސްތަގުބަލުގައި މިއަދަދު އިތުރުވެގެންދާނެކަމަށް ދިރާސާތަކުން ދައްކައެވެ.

މިޔުޒިކްގެ ވޮލިއުމް މަޑުކުރުމަށް ކުޑަކުއްޖަކުގާތު ބުނެފިނަމަ، ގިނަކުދިންގެ ރިއެކްޝަނަކަށްވާނީ ވޮލިއުމް އިހަށްވުރެވެސް ބާރުކޮށްލުމެވެ. މުނިފޫހި ފިލުވުމަށްޓަކައި މިކުރާ ކަންތައް ތިމާއަށް ހުރި ނުރައްކަލަކަށް ބަދަލުކޮށްލެވޭނެކަން ނޭގޭ ހާލުގައެވެ. އަޑުގެ ގޮތުގައި އަހަރެމެނަށް މި އިވޭ އެއްޗެއް ސިކުނޑިއަށް ފޯރުކޮށްދެނީ ކަންފަތަށް ލިބޭ ސައުންޑްވޭވްތައް އިލެކްޓްރިކަލް ސިގްނަލަކަށް ބަދަލުވެގެންނެވެ. މިމުހިއްމު މަރުހަލާ ފެށެނީ ބޭރުން ކަންފަތަށް އިވޭ އަޑު ކަންފަތުގެ އެތެރޭގައި ހުންނަ ހެއާ ސެލްތަށް ބަލައިގަންނަ ހިސާބުންނެވެ. އާދަޔާ ޚިލާފަށް ބާރަށް މިޔުޒިކް އަޑުއެހުމުން، ކަންފަތުން އަޑުރިސީވްކުރާ މިހެއާ ސެލްތައް ހަލާކުވެ ބީރުވާން މެދުވެރިވެއެވެ.

އައިޕޮޑް ބޭނުން ކުރުމާމެދު ބޮސްޓަން ޗިލްރަން ހޮސްޕިޓަލާއި، ކޮލަރާޑޯ ޔުނިވަރސިޓީ ގުޅިގެން ތަފާތު 30 އޭރިޔާއެއް ހިމެނޭ ގޮތަށް ކުރެވުނު ދިރާސާއެއްގައި އިސްކޮށް ހަރަކާތްތެރިވި އޯޑިއޮލެޖިސްޓެއްކަމަށްވާ ޕޯޓްނަފް، ހާމަކުރައްވާ ގޮތުގައި، ފުރާވަރު ކުދިންނަކީ، ހަރުމީހުންނަށްވުރެ ބާރަށް ލަވަޖެހުމަށް ޝައުގުވެރިކަން ހުންނަ ބަޔަކަށްވުމުގެ އިތުރުން، އެކުދިންނަކީ އާއްމު ގޮތެއްގައި މިޔުޒިކް އަޑުއަހާއިރު އެއަޑު އެހެނީ ކިހާ ބާރުމިނެއްގައިކަން އިހުސާސްވެސް ނުކުރެވޭ ކުދިންނެވެ.

ޕޯޓްނަމްގެ ދިރާސާ

“ހަގީގަތުގައި އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ގިނަކުދިން އެކުދިންގެ އަމިއްލަ ނަފްސް ނުރައްކަލަށް ހުށަހަޅަނީ ކީއްވެކަމެއް!”

އޭނާ އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، ވޮލިއުމް މެދުމިނެއްގައި ގެންގުޅުނު ވަރަކަށް އަޑު ސާފުވެ ކޮލިޓީވާނެއެވެ. ރައްކާތެރި ގޮތުގައި އައިޕޮޑާއި، އެމްޕީތްރީފަދަ ޕްލޭޔަރު ބޭނުން ކުރުމަށްޓަކައި، އުސޫލީ މިންގަޑެއްގެ ގޮތުން، ވޮލިއުމް %70 ގައި ދުވާލަކު ½4 ގަޑިއިރު ނުވަތަ، ވޮލިއުމް %80 ގައި ދުވާލަކު 90 މިނިޓަށްވުރެ ގިނަނުވާ ގޮތައް އަމަލު ކުރެވިދާނެއެވެ. ޕޯޓްނަފް ހާމަކުރައްވާ ގޮތުގައި ފުލް ވޮލިއުމްގައި ދުވާލަކު ފަސްމިނިޓް ހޭދަކުރިނަމަވެސް އަޑުއިވުމުގެ ހިއްސު ދާއިމީކޮށް ނެތުމުގެ ބިރު ނުހަނު ބޮޑެވެ.

މީގެ އިތުރުން އެމެރިކާގެ އިލިނައިސް ސްޓޭޓްގައި ހުންނަ އެން ޑަބްލިޔު ޔުނިވަސިޓީގައި ކުރެވުނު ދިރާސާއެއްގައި މިކަމުގައި އަމަލުކުރަން ދީފައިވާ ލަފައަކީ 60/60 އެވެ. މާނައަކީ ބާރަށް މިޔުޒިކް އަޑުއެހުމުގެ ސަބަބުން ބީރުވުމުން ރައްކާތެރިވުމަށްޓަކައި އައިޕޮޑް ބޭނުން ކުރުމުގައި ދުވާލެއްގެ މައްޗައް ހޭދަކުރަންވީ %60 ވޮލިއުމް ގައި 60މިނިޓެވެ.

މިކަމުގައި ޔަގީންވެ އެނގޭ އެއްކަމަކީ މިޒަމާނުގައި މި ބޭނުން ކުރާ ކަންފަތަށް ލައްވާގޮތަށް ތައްޔާރުކޮއްފައި ހުންނަ ކުދި އިއަފޯނަށްވުރެ ކުރީގައި މިކަމަށް ބޭނުން ކުރި ބޮޑެތި ހެޑްފޯނުން ކަންފަތަށް ލިބޭ ގެއްލުން ކުޑަކަމެވެ. ކުރިން ގެންގުޅޭ ބޮޑެތި ހެޑްފޯނަށްވުރެ މިޒަމާނުގައި ބޭނުންކުރާ ކުދި ހެޑް ސެޓުން ކަންފަތަށް އަޑު ފޯރާ ބަރުމިން 9 ޑެސިބަލް އިތުރެވެ.

ރާއްޖެއަކީވެސް އިލެކްޓްރޯނިކްސް ގެންގުޅޭ ގޮތަށް ބަލާއިރު ދުނިޔޭގެ އެންމެ ތަރައްގީ ގައުމުތަކާއި އެއްހަމައެއްގައި ސާބިތުވެތިބި ބައެކޭބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެންކަމުން މިޔުޒިކް އަޑުއެހުމުގައި އައިޕޮޑު ފަދަ ޕްލޭޔަރު ބޭނުން ކުރަން ހޭދަކުރާ ވަގުތާއި، ވޮލިއުމް ބެހެއްޓޭ މިންވަރާމެދު ދިވެހިންވެސް ވިސްނާ ފިކުރު ކުރަންޖެހެއެވެ. އަހަރެންގެ އެކުވެރި އިލްޔާސްއަށްވެސް މިލިޔުން ކިޔުމަށްފަހު މިކަމުގައި ޢަމަލުކުރެވެނީ ރަގަޅަށް ނޫން ކަމަށް ގަބޫލު ކުރެވޭނަމަ އީއެންޓީ ޑޮކްޓަރުގެ ކައިރިޔަށް ދާކަށް ނުޖެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355