ތަރުޖަމާ: ނަބީލް
އަނބިމީހާ އޭނާގެ ލޯބިވާ ފިރިމީހާގެ ގާތުގައި އިށީނދެފައި އޭނާގެ އެކުވެރިއެއްގެ ގެއަށް ކުރި ޒިޔާރަތުގެ ވާހަކަ ކިޔައިދެމުން ދިޔައެވެ. އެކުވެރިޔާ އަނބިމީހާއަށް ފިހެފައި އޮތް ވަރަށް މީރު މަހަކުން މެހެމާންދާރީއަދާކުރި ވާހަކަ ކިޔައިދިނުމުން، އެހާ މީރުވާނޭ ހެން އެ މަސް ފިހުނު ގޮތް އޮޅުން ފިލުވުމަށް ފިރިމީހާ އެދުނެވެ.
އަނބިމީހާ އޭނާގެ ގާތް އެކުވެރިޔާއަށް ގުޅާލާފައި ލިޔަންފެށިއެވެ.
އެކުވެރިޔާ ބުންޏެވެ. މަސް ރީތިކޮށް ސާފުކޮށްލާފާ މަހުގައި މިރުސްލައިފައި ދެން ބޮލާއި ނަގޫ ބުރިކޮށްލުމަށް ފަހު ތެޔޮ ތާސް ތައްޔާރުކުރާށެވެ.
އެހާ ހިސާބުން އަނބިމީހާ އެކުވެރިޔާއާ ސުވާލުކުރިއެވެ. އޭގެ ބޮލާއި ނިގޫ ބުރިކޮށްލަނީ ކީއްކުރަންހެއްޔެވެ؟
އެކުވެރިޔާ ކުޑަކޮށް ވިސްނާލާފައި ބުންޏެވެ. އަހަރެން މަންމަ އެކަން އެ ގޮތަށް ކުރާތީ ދުށީމެވެ. އަޅެ ކިއެއްވެތޯ އަހާލާނަމެވެ. އެކުވެރިޔާ އޭނާގެ މަންމައަށް ގުޅާލާފައި ސަލާން ގޮވާލާފައި އަހާލިއެވެ. މަންމާއެވެ. އަހަރެމެން ކުޑައިރު އަހަރެމެންނަށް އެހާ މީރުކޮށް މަސް ފިހެދޭއިރު މަހުގެ ބޮލާއި ނިގޫ ބުރިކޮށްލަނީ ކީއްވެގެންހެއްޔެވެ؟ މަންމަ ޖަވާބުދިނެވެ. މަންމަ އެކަން ދަސްކުރީ ދަރިފުޅުމެންގެ މާމަގެ ގާތުންނެވެ. އަޅެ އަހާލާފައި އަންނާނަމެވެ.
އެކުވެރިޔާގެ މަންމަ މާމައާއި ސުވާލުކުރިއެވެ. މަންމާއެވެ. އަހަރެމެންގެ ބައްޕައަށް އެމަހެއް މީރުވެގެން ތާއަބަދު ތާރީފުކުރާ ފިހުނު މަސްތަށީގެ މަތިން ހަނދާންވޭހެއްޔެވެ؟ އާއެކޭ ބުނެ މާމަ ޖަވާބުދިން ހިނދު އަވަސްއަވަހަށް ސުވާލުކޮށްލިއެވެ.
އެކަމަކު އެ މަހުގެ ބޮލާއި ނިގޫ ބުރި ކޮށްލުމުގެ ސިއްރަކީ ކޮބާހެއްޔެވެ؟ ސާދާކަމާ އެކު މާމަ ޖަވާބުދިނެވެ.
އޭރު އަހަރެމެން އުޅެނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އަދި އަހަރެމެންގެ ފޯރުންތެރިކަން ވެސް ހުންނަނީ ވަރަށް ދަށް ގޮތަކަށެވެ. އަހަރެމެން އަތުގައި އޮންނަނީ ނިކަން ކުޑަ ތާސްގަނޑެކެވެ. އެތާސްގަނޑަށް މަހުގެ ބޮލާއި ނަގުލާ އެއްކޮށްލެވޭހާއެއް ނުވެއެވެ؟
****
މިއީ ވަރަށް ގިނަ މީހުންގެ މަސައްކަތުގައި ކަންތައް ހުންނަ ގޮތެވެ. ގޭގެއިން ފެށިގެން ގޮސް ސަރުކާރުގެ މަތީ އޮފީސްތަކާއި ހަމައަށެއެވެ. އަބަދުވެސް ވަކި ގޮތަކަށް ވަކި ކަންތައްތަކެއް ކުރީއްސުރެ ކުރަމުން އަޔަތީ އޭގެ ބޭނުމަކަށް މަގުސަދަކަށް ވިސްނާލުމެއް ނެތިކުރަމުންދެއެވެ. އާވަމުންދާ ކަންކަމާއި އަންނަމުންދާ ބަދަލުތަކަށް ވިސްނާލުމެއް ނެތި ވަކި އުސޫލުތަކެއް ތަންފީޒުކުރަމުންދެއެވެ. އަދި އެކަމުގެ ސަބަބުން އިގުތިސާދުކުރުމުގެފުރުސަތު އޮއްވާ އެތަކެއް ޚަރަދުތަކެއްވެސް ހިނގައިގެންދަނީ މަދެއްކޮށެއް ނޫނެވެ.
ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދިމާވަމުންދާ އާ ވާދަކުރުންތަކާއި އެކު އުފެއްދުންތެރި އާ ވިސްނުންތަކެއް ވިސްނުމަކީ ކޮންމެހެން މުހިންމު ބޭނުންތެރިކަމެކެވެ. އަބަދުވެސް މައްސަލަތަކުގެ ހައްލު ހޯދުމުގައި އެއް ނަޒަރަށް ވުރެ ގިނަ ނަޒަރުން ވިސްނުމާއި ކުރިން ކުރަމުން އައި ގޮތަށް ވުރެ ފަސޭހަ މޮޅު ގޮތެއް އޮތްތޯ ފިކުރުކޮށް އާ އުސްލޫބުތައް ހޯދައިގަތުމަށް އާދަކުރުމަކީ ކުރިއަށް ދާން ލޯބިކުރާ މީހަކަށް ނުހަނު މުހިންމު ކަމަކެވެ.
އަބަދުވެސް ތިމާ ކުރާ ކަމެއް އެނޫން ކިތަންމެ ގޮތަކަށް ކުރެވިދާނެކަން ހަނދާންކުރާށެވެ. އަދި ތިމާ އިޚްތިޔާރުކުރި ގޮތަށް ވުރެ މޮޅު ގޮތެއް އޮންނާނެކަން ގަބޫލުކުރާށެވެ.