.
ބަދުރުއްދީން ޙަސަން
“އެއީ ހިނައިގަތުން” ރޯދައަށް ބޯދޮވުމަކީ ކޮބައިހޭ ކިޔާފައި ކުރި ސުވާލުގެ އެއްބައި ދުލުކުރީގައި އޮއްވައި އައިންތު ބުންޏެވެ. “ކަލޭ އަނެއްކާ ކީއްކޮށްފަ އައިސް ތިހެން ތިއަހަނީ. ހަނދާންކޮށް ހިނައިގަންނައްޗޭ އިނގޭ.”
ރޯދައަށް ބޯދޮވުމަކީ ކޮބައިހޭ އަހާލުމުން އެންމެ ފުރަތަމަ ލިބުނު ޖަވާބަކީ އެއީއެވެ. އައިންތު އަކީވެސް ހަމަ އަހަރެންނާ އެއްފުރާގެ ކުއްޖެއްކަމުން ސުވާލު އަމާޒު ކުރެވުން އުމުރު ފުރާ ގޯސްކަން އެނގުނެވެ. ހަގީގަތުގައި ސުވާލު ކުރަންވީ މުސްކުޅި ފުރައިގެ މީހަކާކަން އެހިސާބުން ހިތަށް އެރިއެވެ. ނަމަވެސް އައިންތުގެ ވިސްނުންވެސް މުޅިން ގޯހެއް ނޫނެވެ. ރޯދައަށް ބޯދޮވުމޭ ބުނުމުން އެއީ ފެންވާރާ ސާފުތާހިރުވުން ކަމުގައި ވެސް ދޭހަވެއެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއީ ރަމަޟާންމަހުގެ އަޅުކަމަށް ނިޔަތްގަނެ ސާފުތާހިރުވުމަށް ހިނައިގަތުމޭވެސް ބުނެވިދާނެއެވެ. ގޯހެއް ނޫނެވެ. ނަމަވެސް ހަގީގަތުގައި ބަލާލަން ބޭނުންވީ ކުޅުދުއްފުށީގެ ޘަގާފަތުގައި ރޯދައަށް ބޯދޮވުމޭ ބުނެ ކުރާ ކަންތައްތަކަށެވެ.
އެހިސާބުން އުމުރު ފުރާ މުޅިން ބަދަލުކޮށް އިސްރައްވެހިންގެ ތެރެއިން ވެސް އެންމެ ދޮށީ މީހަކާ ސުވާލު ކޮށްލީމެވެ.
“އޭރު އާނ ވަރަށް ފައްކާ. ވަރަށް ކަންތައްތައް ކުރަން. ގޯއްޗަށް ދޮންވެލިލައި ބޯފޮޅި ފިހެ…” ކަނބުލޯ ދައިތަގެ ވާހަކަ ފެށުމާއެކު އަހަރެން އަވަސްވެގަތީ ނޯޓްކޮށްލެވޭތޯއެވެ. “ހަތްފުކު ދިއްލާ ހަދަން.”
“ބޮޑު އަށީގެ މަޅުތައް ދޮވުންވެސް އޮންނާނެ” މަންމައަކަށްވެސް މަޑުންނެއް ނީނދެވުނެވެ. މަންމަވެސް ޒުވާން އިރުގެ ހަނދާން އާކޮށްލިއެވެ. “އަދި ބަދިގޭ ތެލިތަކުގައި ޖަހާ ފިޔަންތައްވެސް ދޮންނަން. ދުމަށިމަތީ ހުންނަ އޮށިތައްވެސް ސާފުކުރަން. ބައެއް ގޭގެއިން މޫދަށްވެސް ގެންދާނެ.”
ކުރީ ޒަމާނުގައި ރޯދަ އަށް ބޯދޮވުމަކީ ވަރަށް ފޯރީގައި އޮންނަ ކަމެކެވެ. އެއީ ހަމައެކަނި ބޯދޮވެ ހިނައިގަތުމަށް ކިޔާއެއްޗެއް ނޫނެވެ. އެއީ އެންމެ ދުވަހެއްގެވެސް ކަމެއް ނޫނެވެ. ރޯދައަށް “ހަނދުބަލަން” ކައިރިވުމުން މިބުނާ ކަންތައްތައް ވަރަށް ފޯރީގައި ކުރުން އޮވެއެވެ. ހަމައެހެންމެ މިޒަމާނުގައިވެސް ރޯދައަށް ބޯދޮވުމޭ ނުކީ ކަމުގައިވިޔަސް ހަމަ އެފަދަ ކަންތައްތަކެއް ކުރެއެވެ. ތަފާތަކީ ޒަމާނަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލު ތަކެއްގެ ސަބަބުން އެކަންތައްތައް ކުރާގޮތް ތަފާތުވުމެވެ.
މުސްކުޅިވެރިންގެ ވާހަކައިން އެނގުން ގޮތުގައި ރޯދައަށް ހަނދުބަލަން ހަފްތާއަކަށް ވުމުން މެދު ގޯތިތެރެ ހިމެނޭނެހެން ދޮންވެލި ލައި ގޭތެރެ ޒީނަތްތެރިކުރެއެވެ. އަދި ބޮޑުއަށީގެ މަޅުތަކާއި، ބަދިގޭގައި ގެންގުޅޭ ފިޔަންތައް ދޮވެއެވެ. އަދި ދުމަށި މަތީ ގައި ހުންނަ އޮށިތައް ސާފުކުރެއެވެ. މިތަކެތި ދޮންނަން ގިނަފަހަރު ދަނީ މޫދަށެވެ.
ރޯދައަށް ހަނދުބަލާ ދުވަހުގެ މެންދުރުފަހު ކުރާ ބައެއް ކަންތައްތައްވެސް އެވެރިން އަހަރެންނާ ހިއްސާ ކުރިއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވުނީ އަޅީގައި ފެންކައްކާ ވާހަކައެވެ. ‘އަޅިފެން’ ފުޅިފުޅި އަށް އަޅައިގެން ދަނީ މޫދަށެވެ. އަދި އެފެނުން ބޯދޮވެ ގައިދޮވެ ހަދާލުމެކޭ ގާނިއަރ ފުރުއްޓިޝް ޝޭމްޕޫ ލުމެކޭ ތަފާތެއް ނުހުންނާނެކަމަށް މުސްކުޅިވެރިން ބުނެއެވެ. އެބަހުގެ މުރާދަކީ ޝޭމްޕޫއެއް ނުވަތަ ޝަވާރ ޖެލްއެއްގެ ގޮތުގައި އަޅިފެން އޭރު ފުދޭ ވާހަކައެވެ. އަޅިފެނުން ބޯދޮންނަން ދާއިރު ބޮނޑިބަތާ މަޖާހަދައިގެން ގެންދާވާހަކަވެސް އެމީހުން ބުންޏެވެ.
މެންދުރުފަހު މޫދަށް އެރުމަށްފަހު ގެޔަށްއައިސް، އިރުއޮއްސެން ވާއިރަށް ބޯފޮޅި ފިހުން އޮވެއެވެ. އަދި ކަށިކެޔޮ ފަތުގައި ފޮށިހަދައިގެން ބަތާ ބޯފޮޅި އެޔަށް ލައިގެން އިރާކޮޅު ގޮނޑުދޮށަށް ދިއުން އޮވެއެވެ. އަދި އެތަނުގައި ތިބެގެން ބޯފޮޅި އާ ބަތާ ކައިފައި ކަށިކެޔޮ ފަތުގެ ފޮށިތައް މޫދަށްލައި ފުރުވާލައެވެ. އަދި ގޭގެ ވަށައިގެން ހަތްފުކު ދިއްލުން އޮންނަކަމަށް ވެއެވެ. ހަތްފުކު ދިއްލުމަކީ ނާއްޓަށް ތެޔޮއަޅާފައި ރޯކޮށްފައި ގެ ވަށައިގެން ބެހެއްޓުމެވެ.
މިދެންނެވުނު ކަންތައްތައް މިޒަމާނުގައި ކުރާގޮތަށް ބަލާނަމަ ގޭގެ ފާރުގައި ކުލަލައި ޒީނަތްތެރި ކުރުމަކީ މިހާރުގެ އާދައެކެވެ. ނިޕޮން ޕެއިންޓް ޗެލެންޖްގައި ބައިވެރިވެ ގޭގެ ކުލަ ބަދަލުކޮށްލި މީހުން އަހަރެންގެ އެންމެ ގާތް ރައްޓެހިންގެ ތެރޭގައި ހިމެނެއެވެ. ގޭތެރެއަށް ކަށިވެލި ލުމުގެ ބަދަލުގައި މިހާރު ތަޅުމުގައި ޖަހާފައި ހުރި މުށި ބަދަލުކޮށްލާތަންވެސް ބައެއް އަހަރުތަކުގައި ފެނިފައި އެބަހުއްޓެވެ. ބަދިގޭ ކަބަޑު ސެޓު ޕާރކުވޭގައި އަޅުވާފައި އޮތް ސޭލުން އެއްބަޔަކު ގަތްއިރު ބަދިގޭގައި ހިފާގެންގުޅޭ ސާމާނު މިފަހަރު ކިޗަން ސްމައިލްގައި އެޅުވި ސޭލްއިން އާކޮށްލި މީހުންވެސް މަދެއް ނޫނެވެ. އަޅިފެން ކައްކައިގެން މޫދަށް ނުދިޔަސް، ރޯދަ ކުރިން ދަތުރު ދިއުމަކީ މިހާރުގެ އާދައެކެވެ. ބޯފޮޅި ފިހެގެން ގޮނޑުދޮށަށް ދިއުމުގެ ބަދަލުގައި އެކަންކަން މިހާރު ފެންނަމުން އެދަނީ ބާބެކިއު ހެދުން ފަދަ ކަންކަމުންނެވެ.
ޘަގާފީ ކަމެއްގެ ގޮތުގައި މިކަން ހިމެނުނުކަމުގައި ވީނަމަވެސް އެދުވަސްވަރު ރޯދައަށް ބޯދޮންނަ ފަދައިން މިހާރުވެސް އަހަރެމެން ރޯދައަށް ބޯދޮވެއެވެ. ތަފާތަކީ ކަންކުރާގޮތަށް އައިބަދަލެވެ. އަދި ހިނައި ތާހިރު ވުމަކީވެސް އޭގެތެރޭގައި ހިމަނާލުން ހަމަ މުހިއްމު ކަމެއްކަމުގައި ފެނެއެވެ.