twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުރުވާހަކަ: މަޢާފް ކުރާނަމެވެ!

Aug 3, 2011

ފާތިމަތު ޝިފާނާ

އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން ގޮނޑުދޮށުގައި އިން ޝިޔާނާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. މިއަދު ފުރޮޅުލީ ގޮނޑިއެއްގައި ޝިޔާނާ އިން ކަމުގައި ވިޔަސް އެއީ އޭނާ އުފެދުމުގައި ހުރި ނުކުޅަދުންތެރިކަމެއް ނޫނެވެ. އޭނާ އަކީވެސް ޒުވާން އުމުރުގައި ޒުވާން ފިރިހެން ކުދިންގެ ނަޒަރު އަމާޒުވަމުން އައި ރީތީގެ ރާނީއެކެވެ. ރީތި ކަމުގައި އެރަށުގައިވެސް ދެވަނައެއް ނެތްފަދަ އަންހެން ކުއްޖެކެވެ.

ރާޅު ގޮނޑުދޮށުގައި ބީހިލާއިރު އިވެމުންދާ ރީތި މިއުޒިކުން މުޅި މާހައުލަށްވަނީ މަސްތުކަމެއް ގެނެސްފައެވެ. އިރުއޮއްސެމުން ދިޔައިރު ފާޅުވަމުން ދިޔަކުލަތުން ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ފުން، ތަނަވަސް ހިޔާލުން ކުރަހާލައިފައިވާ އެފަދަ ދެވަނައެއްނެތް މަންޒަރެއް ހެނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ހިޔާލެއް ފިކުރެއް ނެތި ޝިޔާނާ އެދަނީ އޭނާގެ ހިތި މާޒީއަށް މިސްރާބު ޖަހަމުންނެވެ. އޭނާގެ ހިތްދަތި މާޒީގެ ޞަފްހާތައް އެދަނީ އޭނާގެ ކުރިމަތީގައި ނިއުޅެމުންނެވެ.

****

ޝިޔާނާއަކީ މެދުފަންތީގެ އުޅުމެއް އުޅެމުންދާ މުހައްމަދުފުޅު ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދެމީހުންގެ ނޫރު ކަމުގައި ދެކުނު ދަރިފުޅެވެ. ނަމަވެސް އެމީހުންނަށް ވެވުނު ލޯބީގެ ސަބަބުން، ދަރިފުޅަށް ހޯދައިދޭން އުޅުނު މޮޅުކަމުގެ ސަބަބުން ޝިޔާނާއަށް ލިބިފައިވަނީ ކޯއްޗެއްތޯއެވެ؟

ޝިޔާނާ ކިޔަވާ ނިމުމާއެކު އެނާގެ ކައިވެނި ރަށުގެ މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަމަށްވާ ހަބީބާއި ކުރުވުމަށް އޭނާގެ މައިންބަފައިންވަނީ ނިންމާފައެވެ. ދަރިފުޅުގެ ދިރިއުޅުން އުޖާލާވާނީ ފައިސާވެރިއަކާ ދެވުމުން ކަމުގައި އެމީހުން ދެކުނެވެ. ކައިވެނީގެ ތައްޔާރީތައް ވަމުން އައީ ޝިޔާނާއަށް ސިއްރުންނެވެ. އެ ކައިވެންޏަށް ޝިޔާނާ ނުގަބޫލުވާނެކަން މާކުރިންވެސް މުހައްމަދުފުޅުގެ ދެމަފިރިންދަނެއެވެ. ނަމަވެސް އެމީހުންގެ ސިކުނޑިއާ ދަރިފުޅު ދެކެ ވީ ލޯތްބަށް ފައިސާގެ ސަބަބުން ވަނީ ހިރަފުސް ބުރާފައެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އެހެނިހެން ދުވަސްތަކެކޭ ހިލާފަށް މިއަދު ޝިޔާނާގެ މޫނުމަތިން އުފާވެރިކަމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. އެ އަސަރުތަކާއި އެކު ޖެހިލުންވުމުގެ އަސަރުވެސް އޭނާގެ ދޮންމޫނުން ފާޅުވޭވޭ ހުއްޓެވެ. އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ މަންމަ އާ އެކަނިވެ ވާހަކަ ދައްކާލެވޭނެ ފުރުސަތަކަށެވެ. އޭނާގެ ހިތުގައި ރަސްކަން ކުރަމުން އަންނަ އޭނާގެ ލޯބިވެރިޔާ ޝިޔާންގެ ވާހަކަ ބުނުމުގެ ބޭނުމުގައެވެ.

ކަންތައްތައް ބައްލަވާ ވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތަޢާލާއެވެ. އަދި ކަންތައްތައް ތަދުބީރު ކުރައްވަނީވެސް އެފަރާތުންނެވެ. ޝިޔާނާގެ އުއްމީދުތައް ވައިގެ ތެރެއަށް ބުރައިގެން ދިޔައީ އެދުވަހު މަންމަ އޭނާއަށް ދިން ޖަވާބުގެ ސަބަބުންނެވެ.

“ޝިޔާނާ! މަންމަމެން ބޭނުމީ ދަރިފުޅު ފައިސާވެރިއަކާ ދެވަން! އުފަލާ އަރާމުގައި އުޅެވޭނީ އޭރުން! މަންމަމެން ވާނީ ދަރިފުޅުގެ ކައިވެންޏަށް އެފަދަ މުއްސަންޖަކު ހޯދާފަ! ޝިޔާނާގެ ކައިވެނި ދެހަފްތާފަހުން ކުރެވޭނޭ! ދެން ތި ޝިޔާނެއްގެ ވާހަކަ ނަންގަނެގެންވެސް ނުވާނެ!!” މަންމަގެ ޖަވާބު އިވިފައި ޝިޔާނާއަށް ހީވީ ދުނިޔެ އޭނާގެ ބޯމައްޗަށް ވެއްޓުނު ހެންނެވެ.

މޮޔައެއް ފަދައިން އޭނާގެ މަންމަގެ ފައިމައްޗަށް ވެއްޓި އާދޭސް ކުރިއެވެ. ނަމަވެސް އެ އެއަޑުއަހާ ވަރަށްވުރެ އެ މަންމަގެ ހިތް ވަނީ މިއަދު ހިލަވެފައެވެ.

ފާޅުގައި ޝިޔާނާ ކައިވެންޏަށް ދެކޮޅުހެދިއެވެ. ނަމަވެސް އޭނާގެ މަންމަ އަކީ ގޮތުގައި ހިފައްހައްޓާ އަންހެނެކެވެ. އެހެންކަމުން ޝިޔާނާއަށް ޖެހުނީ މަންމަގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެވެ. ނަމަވެސް އޭނާ ކަރުނަ އޮހޮރިއެވެ. އެންމެ ފަހުވަގުތުގައިވެސް އާދޭސް ކުރިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ކައިވެނީގެ ދުވަސް އަތުވެއްޖެއެވެ. ކައިވެނީގެ ކަންތައްތައް ހަމަޖައްސާފައިވަނީ ނުހަނު ފުރިހަމައަށެވެ. ބަލައިލައިފި ކޮންމެ މީހަކު ހައިރާންވެ އަންތަރީސް ވާފަދަ ގޮތަކަށެވެ. ނަމަވެސް ޝިޔާނާއަށް ހީވަމުން ދިޔައީ އޭނާ ދަންޖައްސަން ގެންދާން އުޅޭކަމުގައެވެ. ކައިވެނީގެ އަގުބޮޑު ގަހަނާތަކާއި އެތައްހާސް ރުފިޔާއެއްގެ އަގުބޮޑު ހެދުން އަޅާ ތައްޔާރު ވަމުން ދިޔައިރު އޭނާގެ ލޮލޮން ފައިބަމުން ދިޔަ ކަރުނަތައް ދެކެފި މީހަކު ހިތްދަތިވާހާ ވެއެވެ.

ކައިވެނީގެ ކަންތައްތައް ނިމި އޭނާ، އޭނާގެ މުއްސަނދި ފިރިމީހާގެ ގެއަށް ބަދަލުވިއެވެ. އެރީތި ގެއާއި އަގުބޮޑު ފަރުނީޗަރުތައް އޭނާއަށް މަލާމާތްކޮށް ހޭކަމުގައި އޭނާއަށް އިހްސާސްވަމުންދިޔައެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދެޔެވެ. ޝިޔާނާގެ މައިންބަފައިން އޭނާއަށް ހޯދައިދިން މުއްސަނދި ދިރިއުޅުން ޝިޔާނާއަށް ވެގެން ދިޔައީ ހިތި ޒަހަރެއް ކަމުގައެވެ. ހަބީބަކީ ވިޔާނުދާ، ރުޅިގަދަ، އަދި ރުޅިއަންނަ ވަގުތުތަކުގައި އަތް އިސްކުރާ އިންސާނެކެވެ. ހަބީބު ގެއަށް އަންނަނީ ހިތަށް އެރި ދަމަކުއެވެ. އުޅެނީ އުޅޭނެ ގޮތަކަށެވެ. ކުރަނީ ކުރާނެކަމެކެވެ. އަންހެން ކުދިން ގޮވައިގެން ރެސްޓޯރެންޓްތަކާއި ސިނަމާތަކަށް ބުރުޖެހުމަކީ ހަބީބްގެ އާދައެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަށް ފައިސާގެ ދަތިކަމެއް މިހާތަނަށް އަދި އިހްސާސް ވެފައެއް ނުވެއެވެ. އުޅެބޮޑުވީ މިނިވަން މާހައުލެއްގައެވެ.

ކައިވެންޏަށް އެއް އަހަރު ވީއިރު ޝިޔާނާގެ ބަނޑަށް ތިންމަހެވެ. އެފަދަ ވިޔާނުދާ މީހެއްގެ ދަރިއަކަށް ބަލިވެ އިންކަން އެނގުނު ދުވަސްވީ ޝިޔާނާއަށް ޤިޔާމަތެއްފަދަ ދުވަހަކަށެވެ. ނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ މިއީ އޭނާގެ މައިންބަފައިން އޭނާއަށް ހޯދައިދިން މޮޅު ދިރިއުޅުމެވެ. ކެތްތެރިވުން ނޫންގޮތެއް މިއަދު އޭނާއަކަށް ނުވެއެވެ. ބަނޑުބޮޑުކަން އެނގުނު ފަހުން ޝިޔާނާ އޭނާގެ ފިރިމީހާ ހަބީބަށް ހެޔޮމަގު ދައްކުވައިދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ހަމައެކަނި އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ހައްގުގައެވެ. އެދަރިފުޅު އުފަންވާއިރު އެ ދަރިފުޅުގެ ބައްޕަގެ އޯގާތެރިކަން އެދަރިފުޅަށް ހޯދައިދިނުމުގެ ނިޔަތުގައެވެ.

އެފަދަ ދުވަހަކުން ދުވަހެކެވެ. ގަޑިން ދަންވަރު ދޭއް ޖަހަނީއެވެ. ހަބީބުގެ އިންތިޒާރުގައި ޝޔާނާ އިނެވެ. ހަބީބު ގެއަށް އައިސްވަނީ އެގޮތަށް ޝިޔާނާ އިންނަތާ އެތައްއިރެއްވީ ފަހުންނެވެ. ޝިޔާނާއަށް ހަބީބު ފެނުމާއެކު، ހަބީބު ލަސްވިގޮތެއް އޮޅުންފިލުވުމަށް ސުވާލުކުރިއެވެ. ނަމަވެސް އެސުވާލުގެ ޖަވާބުގައި ހަބީބް ފެށީ ޒުވާބު ކުރާށެވެ. އޭނާ އުޅޭނީ އޭނާ އުޅޭނެ ގޮތަކަށް ކަމާއި ސުވާލު ގިނަކުރަންޏާ ނިކުމެގެން ދާށޭބުނެ ޝިޔާނާގެ އަތުގައި ހިފާ ކޮޓަރިން ބޭރަށް ކޮށްޕާލިއެވެ.

އެކޮޓަރި ހުންނަނީ ދެވަނަ ބުރީގެ ފުރަތަމައަށް ކަމުން ހަބީބު ކޮށްޕާލި ބާރުމިނުގައި ގޮސް އޭނާ ވެއްޓުނީ ތިރީބަޔަށެވެ. ސިޑިން ވެއްޓެމުން އައި އިރު އޭނާއަށްވަނީ އެތައް އަނިޔާއެއް ވެފައެވެ. ވެއްޓެމުން އައި އިރު އޭނާއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ދެންވީގޮތެއް ނޭނގެއެވެ. ހޭ އެރިއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ކައިރީގައި މަންމަ އާއި ބައްޕަ ރޮވިފައި ހުއްޓެވެ. ނަމަވެސް އެމީހުން ހޯދައިދިން މޮޅު ދިރިއުޅުމާއެކު ޝިޔާނާގެ ބަނޑުގައިވާ ދަރިފުޅާއި އެނާގެ ފައިގެ ބާރުވެސް ވަނީ އޭނާއާ މުޅި އުމުރަށް އަލްވަދާޢު ކިޔާފައެވެ.

****

ކުއްލިއަކަށް އޭނާއަށް ހޭވެރިކަންވީ އޭނާގެ މަންމަ ގޮވާލި އަޑަށެވެ. “ދަރިފުޅާ އަދިވެސް ތިތާގަ ތިޔަ އިނީ! މިހާރު އެހެރަ އިރުއޮއްސި ހަތެއް ޖަހަނީ!” މަންމަގެ އަޑު އައީ މާ ދުރުން ކަމުގައި އޭނާއަށް ހީވިއެވެ. އާއެކެވެ! މިއަދު އޭނާގެ ހިތުގައި މަންމަ އާއި ބައްޕައަށް ދެވިފައިވާ ގަދަރުވަނީ ކުޑަވެފައެވެ. އޭނާގެ ހިތްދަތި ދިރިއުޅުމުގެ އަސްލަކީ އެއީއެވެ. ނަމަވެސް އޭނާ އެދެމީހުންނަށް މަޢާފްކުރާނެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ ފާތުމަތު ޝިފާނާ، ގްރޭޑް 11 އޭ، ލިޔެފައިވާ ވާހަކައެކެވެ. ޝިޕާނާގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355