twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރިއުޅުމަކީ މިއީބާ؟

Aug 4, 2011

ނަޞްރުއްދީން

ދުނިޔެއަށް ލެވުނު ފުރަތަމަ ނޭވާ އާއި އެކު ދެފަރާތް ހޯދާ ރަނގަޅަށް ބަލާލީމެވެ. އަހަރެން އޮތީ ކޮންތާކު ކަމެއް ނޭނގޭތީއެވެ. ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ބިޔަ މެޝިނެއްގައި ތައިލެންޑް މަނިޓަރީ ފެކްޓަރީ އޭ ޖަހާފައި އޮތްތަން ފެނުމުން އެއީ ތައިލޭންޑްގެ ރުފިޔާ އުފައްދާ ކާރުހާނާކަން އަހަރެންނަށް ޔަގީން ކުރެވުނެވެ. އަދި އަހަރެންނަކީވެސް ތައިލޭންޑްގެ ރުފިޔާ ފޮއްޗެއް ކަމުގައި ގަބޫލު ކުރެވުނެވެ.

އަހަރެން ދުނިޔެއަށް އައި އިރު އޮތް ކޮންޓޭނަރުގައި އަހަރެން ކަހަލަ އެތައް ބައިވަރު ރުފިޔާ ފޮތިތަކެއް ހުއްޓެވެ. މިޒަމާނުގެ ގޮތަށް ބުނާނަމަ ކޮއިންސް ތަކެކެވެ. އޭގެތެރޭގައި އަހަރެންގެ ނަސްލުގެ ކޮއިންސްގެ އިތުރުން ތަފާތު ނަސްލުތަކެއްގެ ކޮއިންސް ހުއްޓެވެ. އެގޮތުން އަހަރެންގެ ނަސްލުގެ އެންމެން ރިހިވެފައި ގައިގައި ޖަހާފައި އިންނަނީ ނަމްބަރު އެކެކެވެ. ނަމަވެސް އެހެން ނަސްލު ތަކުގެ ކޮއިންސް ތަކުގައި ތަފާތު ނަމްބަރުތައް ޖަހާފައި ވަނިކޮށް އަހަރެން ދުށީމެވެ.

ނަސްލު ތަފާތުވިއެއް ކަމަކު އަހަރެން އެ ކޮއިންސްތަކަށް ތަޢާރަފްވެ ރަހުމަތްތެރިކަން އުފެދޭކަށް މާގިނަ އިރެއް ނުނަގައެވެ. މިކަމާ އަހަރެން ވަރަށް އުފާވިއެވެ. އަދި ދުވާލުގެ ގިނަ ވަގުތު އެކުވެރިންނާއި އެކު ހީ ސާމާސާ ކުރުމުގައި ހޭދުކުރީ އެއްވެސް ފިކުރެއް ހިޔާލެއް ނެތިއެވެ. ދާއިމަށް ދިރިއުޅޭނެ ގެއަކީ އެއީ ކަމުގައި ދެކިގެންންނެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން އެ ކޮއިނެއް އެ ކޮއިންގެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދާން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. ދުވަސްތައް އުފަލާއި މަޖަލުގައި ހޭދަކުރަމުން ދިޔައިރު ހިތާމަ އާއި އެކަނިވެރި ކަމަކީ ކޯޗެއްކަންވެސް އަހަރެން ނުދަންނަމެވެ.

ހަފްތާއެއްހާ ދުވަސްފަހެވެ. ކާރުހާނާގައި މަސައްކަތްކުރާ ފަސް މީހުން އައިސް އަހަރެންގެ ގިނަ އެކުވެރިންތަކެއް އަހަރެންނާއި ވަކިކުރަން ފެށުމުން އަހަރެން ކަންބޮޑުވާން ފެށިއެވެ. ބިރުގަތެވެ. އަހަރެންނާއި އެކު އެ ކޮންޓެއިނަރުގައި ތިބި ކޮއިންސްތައް އެ ކޮއިން އެއްގެ ނަސްލާއި އެއްގޮތަށް އެކިއެކި ފުޅިތަކަށް އަޅާ ވަކިކުރެވުނެވެ. ހަޔާތުގައި އަހަރެންގެ އެކުވެރިންނާއި ދެން ބައްދަލުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން އަހަރެންގެ ހިތް މަރުވިއެވެ. ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އަދި ވީނުވީއެއް ނޭނގި އަހަރެންގެ ހަބަރު ހުސްވިއެވެ.

އަހަރެންނަށް ހޭވެރިކަމެއް ވީއިރު އަހަރެން އޮތީ އަހަރެންގެ އެހެން އެކުވެރިންނާއި އެކަހެރި ކުރެވިފައި ކަމުގައިވުމުން އަހަރެން އިތުރަށް “ހާސް”ވިއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެންނަށް މި އޮވެވެނީ ބޭންކެއްގެ ކައުންޓަރު މަތީގައިކަން އެނގުނެވެ.

ކޯޓު ފަޓުލޫނު ލައި ޓައީ އަޅާ ވަރަށް ފަރިއަށް ހެއާ ސްޓައިލް ހަދާފައި ހުރި ފިރިހެނެއް ކައުންޓަރު ކައިރީގައި އޭރު ހުއްޓެވެ. ޖަހާފައި ހުރި “އަލްޓްރާވައިލެޓް” ސެންޓުން މުޅި ބޭންކް ވަނީ އެއްވަސް ކުރުވާފައެވެ. ކުއްލިއަކަށް އޭނާގެ އަތުން އަހަރެންގެ ގައިގައި ޖެހިއެވެ. ވީ ތަދެއްގެ ބޮޑުކަމުން އަހަރެންނަށް ރޮއިގަނެވުނެވެ. އަދި، އޭނާގެ އަތްދަށުލައި، ކައުންޓަރު މަތީގައި ދަމާފައި ގެނެސް އޭނާގެ އަނެއް އަތަށް އަހަރެން ވައްޓާލިއެވެ. ގައިގެ އެތަން މިތަން މަށައިގެން ނުދިޔަ ކަމުގައިވިއަސް ވަރަށް ގަދަ ދިލައެއް އަހަރެންނަށް އިހްސާސް ކުރެވުނެވެ. އިންސާނުންނަކީ ހާދަ ރަހުމް ކުޑަ މަޚްލޫގުން ތަކެކޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެނަސް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އޭނާގެ ކިބައިން ސަލާމަތްވެ ދުއްވައި ގަންނާނެ ދެފައެއް އަހަރެންނަށް ލިބިފައެއް ނުވެއެވެ. ގައިގާ އަޅާވޭން ބުނެ ހާމަކޮށްދޭނެ ދުލެއްވެސް ނުމެނެތެވެ. އެހެންގޮތެއް ނެތުމުން އެމީހާގެ ކިބައިން ސަލާމަތް ކޮށްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ކޮށްލަކޮށްލާ އޮތީއެވެ.

ބޭންކުން ނިކުމެގެން އެމީހާ ދިޔަގޮތަށްގޮސްވަނީ ހަމަ އެމަގުގައި ހުރި ކަންމަތީފިހާރައަކަށެވެ. ފިހާރައިގެ ކައުންޓަރުގައި ލޭންދޭން ކުރެވެން ނެތް ވާހަކަ ލިޔެފައިއޮތެވެ. އެ ރަހުމްކުޑަ މީހާ އަހަރެން ފިހާރައިގެ ސޭޓަށް ދިއްކޮށްލުމުން އަހަރެންނާއި ދިމާލަށް ވަރަށް އޯގާތެރިކަމާއެކު ބަލާލިއެވެ. އަދި ރިހުން އަޅަމުން ދިޔަ އަހަރެންގެ ހަށިގަނޑުގައި ފިރުމާލުމަށްފަހު ފިހާރައިގެ ވަތްގަނޑުގައި ވަރަށް ފަރުވާތެރިކަމާއެކު ބޭއްވިއެވެ. އަހަރެން އުފަލުން ފޮޅުނެވެ. ވަތްގަނޑުން އާއިލާގެ އިތުރު މެންބަރުންތަކަކާއި ބައްދަލުވީމާއެވެ. ނަމަވެސް ވަކިވާން ޖެހޭނީ ހަމަ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށްވެސް ވެދާނެތީ އެކަމާ އަހަރެންގެ ހިތްދަތިވިއެވެ.

ބާރުއަޑުފައްގަނޑެއް އިވުމާއެކު އަހަރެންނަށް ނިދިން ހޭލެވުނެވެ. މުޅި ތަނަށް ވެރިވެފައި ވަނީ ކަނު އަދިރިކަމެވެ. އަހަރެން ހީކުރީ ވިއްސާރަވެ ބާރު ގުގުރިއެއްޖެހީ ކަމަށެވެ. ނަމަވެސް އެއިވުނީ ބާރުގުގުރިއެއް ނޫންކަން އަހަރެންނަށް ރޭކާލީ މޫނު ނިވާކޮށްފައި ހުރި ބިރުވެރި މީހެއް ވަތްގަނޑު ހުޅުވާލުމުންނެވެ. ގިނަވަގުތު ތަކެއް ބޭކާރު ކުރުމެއްނެތި އޭނާ ބެލީ އަހަރެންގެ އެކުވެރިންތައް އެނާ ގެންގުޅޭ ދަބަހަށް އެޅޭތޯއެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ބިރުވެރިކަމެވެ. އެންމެންހެން އެހީއަށް އެދި ހަޅޭލަވަމުން ދިޔައެވެ. ނަމަވެސް އެހީވާނެ އެއްވެސް މީހެއްނެތެވެ. އެ ވަގުކަލޭގެ ދަބަސް ހިފައިގެން ފިހާރައިން ނިކުންނަން އުޅުމުގެ ތެރޭގައި އަތުގައި އޮތް ދަބަސް ވެއްޓުނެވެ. އަދި އަހަރެން ސަލާމަތްވިއެވެ. އަހަރެން އެކަމާ އުފަލެއް ނުވެއެވެ. އަހަރެންގެ އެކުވެރިންނަށް ވާނެގޮތެއް ނޭނގޭތީއެވެ. ކަނުއަނދިރީގައި އަހަރެން ވަގުތުތައް ގުނަމުން ދިޔައީ ފިހާރަ ހުޅުވާނެ ވަގުތަކަށެވެ.

ފިހާރަ ހުޅުވުމަށްފަހު އާދައިގެ މަތިން ސޭޓް ފިހާރަ ކުނިކަހަން ފެށުމުން އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. ކުނިތަކާއި އެއްކޮށް އަހަރެންވެސް ޑަސްޓްބިނަށް ވައްޓާލަފާނެތީއެވެ. ކަންތައްވީ އަހަރެން ހީކުރި ގޮތަށެވެ. ސޭޓަކަށް އަހަރެންނެއް ނުފެނެއެވެ. އެހެންކަމުން ކުނިތަކާއެކު އަހަރެން ޑަސްޓްބިނަށް ލުމުން އަހަރެންގެ ޖާގައެއް ކަމުގައި މިއަދު ވެފައި މިވަނީ އެރަށުގެ ކުނިކޮށްޓެވެ.

ކުނިބުންޏާއި އެކުވެ ކުނިކޮށިތެރޭގައި އޮންނަތާ މިހާރުމީ ފަސްވަނަ ހަފްތާއެވެ. ގައިން ދުވަނީ ނުބައިވަހެވެ. އަހަރެންނަށް ވަނީ ތަފާތު އެތަކެއް ބައްޔެއް ޖެހިފައެވެ. ގައިގައި އެއްވެސް ހަކަތައެއްވެސް ނެތެވެ. ސަލާމަތްވާނެ ކަމުގެ އުއްމީދެއް މިހާރަކު އަހަރެންނެއް ނުކުރަމެވެ. ފެނުނަސް އަހަރެން ސަލާމަތްކޮށްގެން ގެންދާނީ ފަހެކާކު ހެއްޔެވެ؟ ހިތާމައާއި ހިތްދަތިކަމުގައި ވަގުތުތައް ގުނުންނޫން ގޮތެއް މިއަދަކު އަހަރެންނަކަށް ނެތެވެ. ދަބަރަށް ގިރެމުންދާ ރުފިޔާއެއް އެއްވެސް މީހަކު ބޭނުންވާނެ ހެއްޔެވެ؟ ދުނިޔެއަށް އުފަންވާ އަހަރެންފަދަ ކޮންމެ ފައިސާ ފޮއްޗެއްގެ ވެސް ދިރިއުޅުން ނިމިގެންދާނީ ހަމަ މިހެން ހެއްޔެވެ؟ ދިރިއުޅުމަކީ މިއީބާއެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355