މަރިޔަމް އަހްމަދު
މާލޭގެ ހަލަބޮލި މަސް މާރުކޭޓު ސަރަހައްދުން ދުއްވަމުން ދަނިކޮށް ކުއްލި ހުއްޓުމެއް ނާޖިދުގެ ސައިކަލަށް އައީ ސާޅީސް ސަފްހާގެ ފޮތެއް ސައިކަލުގެ ޓަޔަރުގެ ދަށުވެފައިވާ މަންޒަރު ފެނުމުންނެވެ. ފޮތް ނަގައިގެން އަނެއްކާވެސް ނާޖިދު ސައިކަލް އިސްޓާޓް ކޮށްލިއެވެ.
އޮފީހުގެ ބުރަ މަސައްކަތުން އަވަދިވެގެން ގެއަށް އައިސް ފެންވަރައިގެން ނާޖިދު އެނދުގައި އޮށޯވެލިއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ސާޅީސް ސަފްހާގެ ފޮތެވެ. އެނދުން ތެދުވެގެންގޮސް ޑްރެސިންގ ޓޭބަލް މަތީގައި އޮތް އެފޮތް ހިފައިގެން އައިސް އަނެއްކާވެސް އެތަނުގައި އޮށޯވެލިއެވެ.
***
ފޮތުގައިވަނީ އަންހެން ކުއްޖެއްގެ ހަޔާތުގެ ތެރެއިން ސަފުހާތަކެކެވެ. ރޯމިއޯ އެންޑް ޖޫލިއެޓް ފަދައިން ޝާއިންއާއި މިޝްގެ ލޯބީގެ ވާހަކަތަކެވެ. އޭ ކަލާއެވެ. އެނގޭހެއްޔެވެ! ކަލާގެ ނަންބަރަށް ފުރަތަމަ އަހަންނަށް ގުޅުނީ އޮޅުމަކުންނެވެ. ނަމަވެސް ކަލާގެ މަސްތީ އަޑު އަހަރެން އަބަދުވެސް އަހާހިތް ވާން ފެށިއެވެ.
ދެހާސް ހަތަރުވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތޭވީސް ވަނަ ދުވަހަކީ އަހަރެންގެ ފަނަރަވަނަ އުފަންދުވަހެވެ. އެދުވަހު އަހަރެންގެ އާއިލާ އަހަރެންނަށް ކޭކެއް ފަޅަން ދައުވަތު ދިނެވެ. އެވަގުތު ކަލާ ފޯނު ކުރިއެވެ. ކަލާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން އެހެން ހުރިހާ ކަމެއް ހަނދާން ނެތުން ކަހަލައެވެ.
***
“ނާޖިދު! ނާއިފް އައިސް އެބަހުރި.” ނާޖިދުއަށް ހޭލެވުނީ އޭނާގެ މަންމަ ދޮރުގައި ޓަކިދޭއަޑަށެވެ.
ފުންމައިގެން ތެދުވެ ހެދުންތައް އަޅާފައި ހުރި ދަބަސް ކޮނޑުގައި އަޅުވާލައިގެން ނުކުތެވެ. “މަންމާ! މިދަނީ ރިސޯޓަށް. އާދެވޭނީ ހަފްތާއެއް ފަހުން.” އެހެން ބުނެފައި ނާޖިދު ނުކުތްއިރު ދޮރުމަތީގައި ނާއިފްއާއި ލިތުވީނާ ހުއްޓެވެ. ތިންމީހުން ދެން ދިޔައީ ނާޖިދުގެ ލޯބިވެރިޔާ ނައުރީންގެ ގެއަށެވެ. އެގެޔަށް ދެވުންއިރު ނައުރީންވެސް ހުރީ ތައްޔާރުވެގެން ނުކުމެ ދޮރޯށި ކައިރީގައެވެ.
ރިސޯޓަށް ދެވުމުން އެންމެންވެސް ކައިލައިގެން ކޮޓަރިއަށް އަރާމުކޮށްލަން ވަނެވެ. ނާއިފު ނިދައިފިއެވެ. ނާޖިދު ތެދުވެ އެއްކަލަ ސާޅީސް ޞަފްހާގެ ފޮތް ނަގައި އަނެއްކާވެސް ކިޔަން ފެށިއެވެ.
***
ދެހާސް ހަތަރު ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހަކީ އަހަރެންގެ ހަޔާތް ބަރުބާދުވީ ދުވަހެވެ. މިދުވަހުގެ ވާހަކަ މިލިޔަނީ ދެހާސް ހަތްވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހެވެ. އަހަރެންގެ ފަނަރަ ވަނަ އުފަންދުވަހު އަހަރެންނަށް ކަލާޔާ ވާހަކަ ދައްކަން އޮވެވުނީ ކިހާ އިރަކުކަންވެސް ނޭނގެއެވެ. އޭގެ އަނެއް ދުވަހު އަހަރެންނަށް ހޭލެވުނީ އެގާރަ ޖަހަން އުޅެނިކޮށެވެ. ސްކޫލަށް ނުދެވުމުން އަހަރެން އެކަމާ ވަރަށް ދެރަވިއެވެ. އެދުވަހު މެންދުރެއް ހާއިރު ކޮއްކޮ އާއެކު މޫދު ކައިރީ ހުއްޓާ ކަލާ ފޯނު ކުރީއެވެ. ކަލާގެ ލޯބީގައި ދީވާނާވެހުރެ އަހަންނަށް ވަދެވުނީ ވަލަށެވެ. އޭރު ކޮއްކޮ މޫދަށް އެރެން އުޅުނެވެ. ކޮއްކޮގެ މަތިން ހަނދާން ވިއިރު ކޮއްކޮގެ ފުރާނައެއް ނެތެވެ. ކޮއްކޮ ގެނބިގެން މަރުވީ އަހަރެންގެ ސަބަބުންނެވެ.
އަހަރެންނަށް އޮންނަން ޖެހުނީ ފަން ޖިފުޑި ގަނޑެއްގައި ހުރި އެނދެއް މަތީގައި ހަތަރެސްފައި ބަނދެގެންނެވެ. އަހަރެން ވަކި ކުރާނީ ކީއްހެއްޔެވެ؟ އެންމެންވެސް ދެކެނީ އަހަރެންނަކީ ޖިންނި އަވަލައިފައި ހުންނަ ކުއްޖެއްގެ ގޮތުގައެވެ. ކޮންމެ ރެޔަކު އަހަރެންނަށް ފަންޑިތަހަދަން މީހަކު އާދެއެވެ. އެހެން ނަމަވެސް…
އަހަރެންނަށް އެމީހާ ދެނީ އަނިޔާއެވެ. ހަދަނީ ބޭނުންގޮތެކެވެ. އަހަރެން އެގޮތުގައި އުޅޭތާ ދުވަސްތަކެއް ފަހުން ރިސޯޓެއްގެ ވަޒީފާ ލިބޭތޯ އުޅުނީމެވެ.
އެއްދުވަހެކެވެ. އަހަރެންނަށް ލޯހުޅުވާލެވުނު އިރު އަހަރެން އޮތީ ރިސޯޓުގެ ސްޓާފް އެކޮމޮޑޭޝަންގައެވެ. “ޓްވެލް ނައިޓްސް”ރިސޯޓުން ވަޒީފާލިބި މަސައްކަތް ކުރަތާ އަދި މިވީ މަހެއް ހާދުވަހެވެ. އަދިވެސް އަހަރެން އޭނާގެ މަތިން ހަނދާނެއް ނުނެތެއެވެ. ބައްދަލުވާނެ ދުވަހަކަށް އިންތިޒާރު ކުރަމެވެ.
***
ނާޖިދުއަށް ފުންމައިގެން ތެދުވެވުނީ “ޓްވެލް ނައިޓްސް” ގެ ނަން އެޑައިރީގައި އައިސްފައި އޮތުމުންނެވެ. ނާޖިދު ބޭނުންވީ އެއީ ކާކުގެ ފޮތެއްތޯ ބަލާށެވެ. އެހެންކަމުން ފޮތުގެ ފުރަތަމަ ގަނޑު ބަލާލިއެވެ. އެއްކަނެއްގައި “މަރިޔަމް މިޝްކާ”މިހެން ޖަހާލާފައިއޮތެވެ. ނާޖިދުގެ ދެލޯބޮޑުވިއެވެ. އަދި ނާއިފަށް ގޮވިއެވެ.
“ނާއިފް. އަހަރެން ވަރަށް ބޭނުން މިރިސޯޓުގެ ބޮޑުމީހާއާ ބައްދަލުކުރަން.” ނާޖިދު ކުއްލިޔަކަށް މިހެން ބުނުމާއެކު ނާއިފް ތެދުވިއެވެ. އަދި ނާޖިދުގެ އަތުގައި އޮތް ފޮތަށް ބަލާލިއެވެ.
“ކިހިނެއްވީތަ؟ ތިއީ ކޮންފޮތެއް؟” ނާއިފް ސުވާލުކުރަން ފެށިއެވެ.
އެސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރީގައި ނާޖިދުގެ ހަޔާތުގެ 8 އަހަރު ކުރީގެ ވާހަކަތަކެއް ނާއިފްއަށް ކިޔައިދިއެވެ. ފޯނުން ރައްޓެހިވި ކުއްޖެއްގެ ވާހަކައެވެ. އެކުއްޖާދެކެ މިހާރުވެސް ލޯބިވާކަމަށް ނާޖިދު ބުންޏެވެ. ނައުރީން ދެކެވެސް އެވަރަށް ލޯބި ވެވިފައި ނެތްވާހަކަ ބުންޏެވެ. އަދި އެކުއްޖާގެ ނަމަކީ “މިޝްކާ” އޭ ބުންޏެވެ.“މިޝްކާ އަހަރެންނަށް ލޯބިން ކިޔަނީ ޝައިން.” ނާޖިދު އޭރުގެ ހަނދާން އާކުރަމުން ކިޔައިދިނެވެ.
ދެންއިވުނީ މީހަކު ދޮރުގައި ޓަކިދިން އަޑެވެ. ނާޖިދު ގޮސް ދޮރުހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރީ ހިމަތޮޅި ދޮން އަންހެން ކުއްޖެކެވެ. އޭނާއަށް ލިބިފައިވާ އިސްތަށިގަނޑުން އޭނާގެ ފުރިހަމަކަން އިތުރު ކޮށްދެއެވެ.
“ހެލޯ! އައިއޭމް މިޝްކާ” އެކުއްޖާ ތަޢާރަފްވިއެވެ. “އަރެންނަކީ ތިބޭފުޅުންގެ ގައިޑު”
“މިޝްކާ” ނާޖިދު ހުރިތަނަށް “ގާވެފައި” ހުރެ ބުނެލެވުނެވެ. އަދި ބޭއިޚްތިޔާރުގައި އޭނާއަތުގައި އޮތް ފޮތް މިޝްކާއަށް ދައްކާލަމުން ބުންޏެވެ. “އަހަރެން މިއީ މިޝްގެ ޝައިން. ވަޓްއަ ކޯއިންސިޑެންޓް.”
“ޝައިން ތިއީ މަގޭ ސަންޝައިންތަ؟” މިޝްކާއަށް ފޮތް ފެނުމާއެކު ބުނެލެވުނެވެ. އަދި ނާޖިދުގެ ގައިގައި ބައްދާލިއެވެ.
އޭރު ނައުރީން ކަޅި ޖަހައިވެސް ނުލައި މިޝްކާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާއަށްވެސް އެނގޭކަމެއް އޮވެއެވެ. ނައުރީން ދެކެ ނާޖިދު ލޯބިނުވާކަމެވެ. އެހެންކަމުން ނައުރީން ބޭނުންވީ ނާޖިދުގެ ރަހުމަތްތެރިއެއްގެ މަގާމުގައި ހުންނާށެވެ.
އެއީ ދެހާސް އެގާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހެވެ. ނާޖިދުއާއި މިޝްކާގެ ކައިވެނި ވަރަށް ކުލަގަދަ ގޮތެއްގައި ކުރެވުނެވެ.
-ނިމުނީ-
ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖޫނިއަރ ގްރޫޕްގެ މަރިޔަމް އަހްމަދު، ގްރޭޑް 9 ޖީ، ލިޔެފައިވާ ވާހަކައެކެވެ. މަރިޔަމްގެ މިވާހަކަ ޖޫނިއަރ ގްރޫޕްގެ އެންމެ މޮޅު 5 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.