ނިއުމާ އަބްދުއްރަހްމާން
ދަރިފުޅު އުނގުމައްޗަށް ލައިގެން ‘އޫނ އޫނ’ ކިޔާލަ ކިޔާލާ އިން އައިޝާ އިނީ ޚިޔާލުތަކެއްގެ ތެރެޔަށް ގެއްލިފައެވެ. ނިދާފައިއޮތް ކުޑަކުޑަ އައުޝަންގެ މައްޗަށް ލޮލުގެ ކަޅި ހުއްޓިފައި ވީކަމުގައި ވިޔަސް އައިޝާއަށް ފެންނަމުން ދިޔައީ އޭނާގެ މާޒީއެވެ. އުކެމުން ދިޔައީ އޭނާގެ މާޒީގެ ސަފްހާތަކެވެ. ޑައިރީގެ ގަނޑުތަކެވެ.
ރޭގަނޑުގެ މަޑުމައިތިރިކަން ގެއްލިގެން ދިޔައީ ބިއްލޫރި އެއްޗެއް ތެޅުން އަޑަށެވެ. ހަމައެއާއެކު އަންހެނެއްގެ ވޭނީ ރުއިމުގެ އަޑުވެސް އިވިގެން ދިޔައެވެ. ކުޑަކުޑަ އައިޝާއަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. މަންމަގެ ރުއިމުގެ އަޑާއެކު އޭނާއަށް ބައްޕަގެ ރުޅިވެރި ބަސްތައްވެސް އިވެމުން ދިޔައެވެ. އެއަޑުތައް އިވޭމިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެތައް ރެޔަކު އެއަޑުތަކާހުރެ ރޮއިރޮއި އައިޝާ އިނދެއެވެ. އޭނާ ހަނދާން ހުންނަން ފެށީންސުރެ އޭނާގެ މަންމައަށް އެއަނިޔާތައް ލިބެމުން ދެއެވެ. ބައްޕަ ގެޔަށް އަންނައިރު ކާންހެދިފައި ނެތިއްޔާ ބަދިގޭގައި ގެންގުޅޭ ކޮންމެވެސް އާލާތަކުން ޖަހާނެއެވެ. ގަމީހެއް އިސްތިރި ނުކުރެވި ހުރިއްޔާ ހޫނު އިސްތިރި މަންމަގެ ގައިގައި ޖައްސައި ފިއްސާލީ ކިތައްތަން ބާވައެވެ. ބައްޕަ ގެޔަށް ލަހުން އައުމުން މަންމަ ޝަކުވާ ކޮށްފިނަމަ ރޭގަނޑުވެސް އެއަޑުތައް އިވޭނެއެވެ.
ނަމަވެސް މަންމައަށް އެހީވުމަށް އައިޝާއަށް އެއްވެސް ކަމެއް ނުކުރެވެއެވެ. ހަލާކުވެފައިވާ ތަންތަނުގައި ބޭސްއެޅުން ފިޔަވައެވެ. މަންމަގެ ލޮލުން ކަރުނަ ފުހެދިނުން ފިޔަވައެވެ. ބައްޕަ އެހެން ހަދަނީ ކީއްވެތޯ އަހާލުމުން މަންމަގެ ޖަވާބަކީ އަބަދުވެސް ހިމޭންކަމާއެކު މޫނު އަނެއްފަރާތަށް އަނބުރާލުމެވެ. އައިޝާގެ ހިތް ފުރިފައިވަނީ ޖަވާބުނެތް ސުވާލުތަކުންނެވެ. ބައްޕަ އެހާ ރުޅިއަންނަނީ ކީއްވެހެއްޔެވެ؟ މަންމަގެ ކުށަކީ ކޮބައިހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދަން އޭނާ ބޭނުންވިއެވެ. މަންމަ އެ ކަށިކުނބުރު ޖަންގަލިން ސަލާމަތްކުރަން އޭނާ ބޭނުންވިއެވެ.
ޖަވާބުތައް ހޯދުމަށް އައިޝާ ފުރަތަމަ އެޅި ފިޔަވަޅު ވީ ވަރަށްވެސް ނުރައްކާތެރި ކަމަކަށެވެ. މޮޔަ އައިޝާއަށް އެހުނީ ބައްޕަގެ ގާތުގައެވެ. އެހިނދު ބައްޕަގެ މޫނުމަތިން ރުޅިވެރިކަން ފާޅުވެ ރަތްވެގެން ދިޔައެވެ. ކުޑަކުޑަ އައިޝާ ބިރުން ފިއްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ބައްޕަގެ އަތުގެ ހޫނުކަން އައިޝާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ. ދެންވީގޮތެއް ނޭނގުނެވެ. ހޭއެރީ މަންމަ ރޮމުން ރޮމުން މޫނުގައި ފެން ހާކަނިކޮށެވެ. ބައްޕަގެ ފަސް އިނގިލީގެ “ތައްގަނޑު” އޭނާގެ ކޯތާފަތްމަތީ ހަފްތާއެއް ވަންދެން ހުއްޓެވެ.
ދެން އައިޝާ ސުވާލު ކުރީ މަންމަ ފަރާތު ބޮޑުދައިތައާއެވެ. ބޮޑުދައިތަ ވަރަށް އޯގާތެރިކަމާއެކު އައިޝާގެ ސުވާލުތަކަށް ޖަވާބު ދިނެވެ. އައިޝާގެ މަންމަ ޒޫބިޔާ އާއި ބައްޕަ ފަރުހާދު ކައިވެނި ކުރީ ދެއާއިލާގެ އެދުމުގެ މަތިންނެވެ. ޒޫބިޔާ ކައިވެނި ކުރީ ކައިވެންޏަށް އެއްބަސްވެގެންނެވެ. ނަމަވެސް ފަރުހާދު ކައިވެންޏަށް އެއްބަސްވީ ފަރުހާދުގެ ބައްޕަގެ މުދަލުން ބައެއް ނުލިބިދާނެތީއެވެ. ދެއާއިލާގެ ގުޅުން ވަރުގަދަ ކުރުމަށް ކުރެވުނު ކައިވެނީގެ ނަތީޖާ ފެންނަމުން ދިޔައީ ވަރަށް ހިތިކޮށެވެ. ޒޫބިޔާ ކޮށްޓެއްގައި ބަންދުވީ މިނިކާ ޖަނަވާރަކާއެކުއެވެ. އަހަރަކަށް ފަހު ބަލިވެ އިންކަމުގައި ވިޔަސް ދަރިފުޅު ބައިގެން ދިޔައީ ފަރުހާދުގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުންނެވެ. ދެއާއިލާއިންވެސް މަސައްކަތް ކުރީ ކައިވެނި ސަލާމަތް ކުރެވޭތޯއެވެ. ޒޫބިޔާ ސަލާމަތް ކުރާކަމަށް އެކަކުވެސް ނުވިސްނައެވެ.
އަހަރަކަށްފަހު އަނެއްކާވެސް ޒޫބިޔާ ބަލިވެއިނެވެ. އެފަހަރު ފަރުހާދުގެ އަނިޔާ ކުޑަވިއެވެ. ގެޔަށް ނައިސްވެސް ދެތިންދުވަސް ވެގެންދެއެވެ. ޒޫބިޔާއަށް ލިބުނީ ވަގުތީ ހިތްހަމަ ޖެހުމެކެވެ. ރަށުތެރޭގައި ދެކެވެން ފެށީ ފަރުހާދު އެހެން އަންހެނުން ކައިރިޔަށް ދާވާހަކައެވެ. ރޭގަނޑު ޒޫބިޔާ ރޮއިރޮއި އޮވެވެނީ އޭނާގެ ފިރިމީހާ ވީ އެހެން އަންހެނެއްގެ ގާތުގައިކަން އެނގޭތީއެވެ. ނުވަމަސްފަހުން ކުޑަކުޑަ އައިޝާ ދުނިޔެއަށް އުފަންވިއެވެ. ފަރުހާދު ހަސްފަތާލަށްވެސް ނުދެއެވެ. ގެޔަށްގެނައިމާވެސް އަޅާވެސް ނުލައެވެ. ނަމަވެސް ޒޫބިޔާ ވަރަށް ލޯބިން އޭނާގެ އައިޝާ ބަލަމުން ދިޔައެވެ. ލިބެމުންދިޔަ ހުރިހާ ވޭނަކަށް ކެއްކުރަމުންނެވެ. އައިޝާއަށްޓަކައެވެ. ހަމައެކަނި އައިޝާއަށްޓަކައެވެ.
ބޮޑުދައިތަގެ ވާހަކަ ނިމުނު އިރު އައިޝާއަށް އިނީ ރޮވިފައެވެ. އޭނާގެ މަންމަ އޭނާއަށްޓަކައި ވީ ގުރުބާނީ ހިތަށް އަރާފައެވެ. ފަޔަށް ބާރުލާފައި އޭނާ ދުއްވައިގަތީ ގެޔާދިމާލަށެވެ. ލޯބިވާ މަންމަގެ ގައިގައި ބައްދާލައިގެން ރޮއިލާށެވެ. އެދުވަހު ދެމައިން އެކަކު އަނެކެއްގެ ކަރުނަ ފޮހެދިނެވެ. އަދި އައިޝާ އޭނާގެ މަންމަ ސަލާމަތް ކުރުމަށް އަޒުމް ކަނޑައެޅިއެވެ. އޭނާގެ އެހީތެރިޔަކަށްވީ ބޮޑުދައިތައެވެ.
އޭގެ އަނެއްދުވަހު ރަށުގައި ދެކެވެމުން ދިޔައީ އަނބިމީހާއަށް ދިހައަހަރު ދުވަހު އަނިޔާކުރުމުގެ ކުށުގައި ތިރީސް އަހަރުގެ ފަރުހާދު ހައްޔަރު ކުރެވުނު ވާހަކައެވެ. ޕޮލިހުން ފަރުހާދު ހައްޔަރު ކުރީ އަށް އަހަރުގެ ކުޑަކުޑަ އައިޝާ ދިން މައުލޫމާތަށްފަހު ޒޫބިޔާގެ ހަށިގަނޑުގައި ހުރި ލަކުނުތައް “ހެއްކެއްގެ” ގޮތުގައި ގަބޫލުކޮށްފައެވެ. ދެއާއިލާއާއި އަވައްޓެރިންގެ ހެކިބަހަށްފަހު ފަރުހާދަށް ހުކުމް އިއްވުނެވެ. އަދި ޒޫބިޔާއާއި އައިޝާ މިނިވަން ވިއެވެ.
އައިޝާއަށް ޚިޔާލު ތަކުގެ ތެރެއިން ނުކުމެވުނީ އޭނާގެ ފިރިމީހާ ފައުޒަން އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ފައުޒަންގެ އޯގާތެރި ހިނިތުންވުން ފެނުމުން އައިޝާގެ ނަސީބު ހާދަ ރަނގަޅޭ އޭނާ ހިތަށް އެރިއެވެ. އައިޝާގެ ކުޑަކުޑަ ދުނިޔެ ވަރަށްވެސް އުފާވެރިއެވެ. މަންމަ ދުނިޔޭގައި މިހާރު ނެތްކަމުގައި ވިޔަސް މަންމަގެ މަތިން ހަނދާން ނުވާ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. މަންމަ ވީ ގުރުބާނީގެ މަތިން ހަނދާން ވުމުން އައިޝާގެ ލޮލުން ކަރުނަ ހިލެއެވެ. މަންމަ ސަލާމަތް ކުރެވުނުކަން ހަނދާންވުމުން އައިޝާއަށް ފަހުރުވެރިވެވެއެވެ. ދަރިޔެއްގެ ޒިންމާ އޭނާއަށް އަދާކުރެވުނީމައެވެ.
މިގޮތަށް ކިތައް ޒޫބިޔާ މިކުޑަކުޑަ ދިވެހިރާއްޖޭގައި އުޅޭނެބާވައެވެ؟ އަނިޔާވެރި ކައިވެނީގެ ދަލުގައި ޖެހިފައި ކިތައް އަންހެނުން ތިބޭބާވައެވެ؟ ދަރިންނަށްޓަކައި ތިމާގެ ފުރާނަ ދޭން ތައްޔާރަށް ކިތައް މައިން ތިބޭބާވައެވެ؟ މިފަދަ މަންމަމެން ސަލާމަތް ކުރުމަށް ކިތައް އައިޝާ މަސައްކަތް ކުރޭ ބާވައެވެ؟
-ނިމުނީ-
ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ ނިއުމާ އަބްދުއްރަހްމާން، ގްރޭޑް 12 ބީ، ލިޔެފައިވާ ވާހަކައެކެވެ. ނިއުމާގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.