twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުރުވާހަކަ – ޑައިރީ

Aug 10, 2011

ޝިބާ އަލީ

އެއީ މީގެ 5 ވަރަކަށް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން ހަމަ އެންމެ 16 އަހަރެވެ. ގްރޭޑް އެކަކުން ފެށިގެން މިއަދާ ހަމައަށް ތަޢުލީމް ހާސިލް ކުރަމުން އައީ އަހަރެންގެ އަމިއްލަ ރަށުގައެވެ. ދިރިއުޅެ ބޮޑުވީ ނިކަމެތި މުސްކުޅިވެފައިވާ މާމައެއްގެ ކައިރިންނެވެ. އަހަރެން ކޮބައިތޯވެސް އަދި މާމަގެ ހާލުވެސް އަހަރެންގެ މައިންބަފައިން ބަލައެއް ނުލައެވެ. އެމީހުންނަކީ އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި އުޅޭ ބައެކެވެ.

އަހަރެންގެ އުމުރުން އެންމެ އެއް އަހަރުގައި އަހަރެންގެ މާމަގެ އަތަށް އަހަރެން އެއްލާލައިފައި އެމީހުން ދިޔައީ ކޮން ބޭނުމަކު ކަމެއްވެސް އަދި އަހަރެންގެ ހާލު ބަލާ އެމީހުން ނަހަދަނީ ކީއްވެ ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މަންމަ އަކާއި ބައްޕަ އެއް ހުންނަ ކަމެވެ. އުޅެނީ ކޮންތާކު ކަމެއް، ހުންނަނީ ކިހެނެއް ކަމެއް ނޭނގެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެއްގައި އަހަރެން ބޭރަށް ގޮސްލާފައި އައި އިރު މާމަ އުޅެނީ ވަރަށް ބޮޑަށް ނޭވާ ހިއްލާތީއެވެ. ތަނެއް ދޮރެއް ވަކި ނުކުރެވިގެންނެވެ. އަހަރެން އައިސް މާމައަށް މާމުތާއި ލުނބޯފެން ދިނީމެވެ. ނަމަވެސް ހިލާ އެއްވެސް އަސަރެއް ނުކުރިއެވެ. އެންމެ ފަހުން ގޮތް ހުސްވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީމެވެ. ވީހާވެސް އަވަހަކަށެވެ. އެރަށު ދެތިން މީހެއްގެ އެހީތެރިކަމާއެކުގައެވެ.

މިހާރު މާމަ އައިސީޔޫގައި އޮންނަތާ މިއަދު މިވަނީ ތިން ދުވަހެވެ. އަހަރެން ދުޢާ ކުރަމުން ގެންދިޔައީ މާމަ ހެޔޮ ހާލުގައި ރަނގަޅު ވުމަށެވެ. އެރޭގެ މެންދަމުގެ ވަގުތެއްގައި މާމަ ވަރަށް ބޮޑަށް ނޭވާ ހިއްލާއަޑަށް ހޭލެވުނެވެ. އަތުގައި ގުޅާފައިވާ ހޮޅިތަކާއި އޮކްސިޖަން ފުޅިތައްވެސް ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. އަހަރެން އަވަހަށް ޑޮކްޓަރަށް ގުޅައިގެން ގެނެސް މާމައަށް މިވަނީ ކީއްތޯ ސުވާލު ކުރަމުން ގެންދިޔައީމެވެ. ޑޮކްޓަރު އަހަރެންނަށް އެއްވެސް ޖަވާބެއް ނުދެއެވެ. އެންމެ ފުރަތަމަވެސް އޮކްސިޖަން ފުޅިތަކާއި އެހެނިހެން ހޮޅިތައް ރަނގަޅަށް ބަލަން ފެށީއެވެ. މިހެން ބަލަ ބަލާ ހުއްޓާ ކުއްލިއަކަށް މާމަގެ އަޑު މަޑުވިއެވެ. އަހަރެންނަށް ކުއްލި ސިހުމަކުން ބަލާލެވުނެވެ. މާމަ އަހަރެންނަށް އަލްވަދާޢު ކީއެވެ. އަހަރެންނަށް ހުރިތަނަށް ހުރެވިފައި ރޮއެގަނެވުނެވެ. އެދުވަހުގެ ފަތިސް ނަމާދަށް ފަހު މާމަގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމާލާފައި މާމަ ވަޅުލައިފިއެވެ. އަހަރެން މި ދުނިޔޭން ބާކީ ވީއެވެ.

އެކަނިވެރިވީއެވެ. ތިމާގެ ބައްޕައެއް މަންމައެއް ނޭނގޭހާ ހިނދެއްގައި އެންމެފަހުން މާމަވެސް މަރުވީއެވެ. ކޮންމެ މީހަކަށްވެސް ނިމުމެއް އަންނާނެކަން ހަނދާން ކޮށްގެން އަހަރެން ގެއަށް ދިޔައީމެވެ.

މާމަގެ ބޮޑުފޮށި ހުޅުވާލުމަށްފަހުގައި އޭގެތެރެއިން ފަހަރަކު އެއްޗެއް ނަގަމުން ގޮސް މާމަގެ އަންނައުނު ތަކުގެ އެންމެ ދަށުގައި ފޮރުވިފައިވާ ފޮތެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެން ވަރަށް ރީތިކޮށް އެފޮތް ނަގައި ހުޅުވާލީމެވެ. އޭގައި ވަނީ ސާދާ ރީތި ލިޔުމަކުން ލިޔެފައިވާ ފޮޅުވަތް ތަކެކެވެ. އަހަރެން އެ ގަނޑުތައް އެއްލަމުން ދަނިކޮށް ކުއްލިއަކަށް ލޮލޮގައި އަޅައިގަތީ ވަރަށް މިޒަމާނުގެ ފޮޓޯއެކެވެ. އޭގައިވާ ދެމީހުންވެސް ވަރަށް އަހަރެންނާ ވައްތަރެވެ. އެވަށް މޫނެވެ. އެ ރީތި ދެލޮލެވެ. އެފަން އިސްތަށިގަނޑެވެ. އަހަރެން އެ ފޮޓޯގަނޑު ނަގައި ރަނގަޅަށް ބަލާލީމެވެ. އަދި އެފޮޓޯ ގަނޑުގެ ފަހަތުގައި ލިޔެފައިވާ ލިޔުން ކޮޅު ކިޔާލީމެވެ. އޭގައިވަނީ އެއީ މާމަގެ ހަމައެކަނި ދަރިފުޅު ލިއުޝާގެ ދެމަފރިންގެ ފޮޓޯ ކަމަށެވެ. އަދި އެއީ އަހަރެންގެ މަންމަ އާއި ބައްޕަ ކަމަށެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭ ބުނާފަދައިން އަހަރެން ވަރަށް އުފާވިއެވެ. އަދި އެ ފޮޓޯ އެއްކައިރި ކޮށްލާފައި އަތުގައި އޮތްފޮތަށް ރަނގަޅަށް ބަލާލީމެވެ. އޭގައި ލިޔެފައިވަނީ އަހަރެންގެ މަންމަ އާއި ބައްޕަ އުޅޭ ތަނާއި ގެއެވެ. އަދި އެފަދަ އެހެނިހެން މަޢުލާމާތެވެ. ނަމަވެސް މާމަ އަހަރެންނަކަށް މިއިން އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދެން ފަށިއިފިއެވެ. އެންމެ ފަހުން އަހަރެން ނިންމީ އެ ފޮޓޯ އާއި ފޮތް ހިފައިގެން މާމަ އެ ލިޔެފައިވާ އެޑްރެހަށް ދިއުމަށެވެ.

ހަފްތާއެއް ތެރޭ އަހަރެން މާލެގޮސް އެގެއަށް ދިޔައީމެވެ. އަދި ވަރަށް ދުޅަހެޔޮ ދެމީހުން އެގޭގައި ދިރިއުޅެމުން ދެއެވެ. ބޭއިހްތިޔާރުގައި އަހަރެންނަށް ބަލާލެވުނެވެ. އަދި އަތުގައި އޮތް ފޮޓޯ ދައްކާލީމެވެ. އެދެމީހުން ވަރަށް ލޯބިން އެ ފޮޓޯ ބަލަހައްޓައިގެން ތިއްބެވެ. އަދި އަހަރެން މި ދެމީހުންނަކީ ކޮންބައެއްތޯ އެހުމުން އެއީ މިފޮޓޯގައިވާ ދެ މީހުން ކަމުގައި ބުންޏެވެ. އަދި އެމީހުން އަހަރެން މިއީ ކާކުތޯ އެހުމުން މިއީ މިފޮޓޯގައިވާ ދެމީހުންގެ ދަރިފުޅު ކަމަށް ބުނީމެވެ. އެ ދެމީހުން އައިސް އަހަރެންގެ ގައިގާ ބައްދައިގަތެވެ. ދަރިފުޅާއޭ ގޮވައިގަތެވެ. އަހަރެންވެސް ނުހަނު ލޯބިން އެދެމީހުންނަށް ގޮވާލީމެވެ. އަދި ކުރިން އަހަރެންނާ ވަކިން ދުރުގައި އުޅެނީ ކީއްވެތޯ ސުވާލު އެހީމެވެ. އެމީހުން ބުނީ އެއީ ވަރަށް ބޮޑު ވާހަކައެއް ކަމަށެވެ. އަހަރެން މާމަގެ ވާހަކަ އެމީހުންނަށް ކިޔައިދިނުމުން ވަރަށް ދެރަވެފައި ބުންޏެވެ. ދަރިފުޅު މަންމަމެންނާ ދުރުގައި އުޅެން ޖެހުނީ މާމަގެ ސަބަބުންނެވެ. ނަމަވެސް ދަރިފުޅު ތިހާ ރަނގަޅަށް ބަލަހައްޓައި ކިޔަވައި ދިނީތީ މާމައަށް ޝުކުރުވެރިވަމެވެ. މަންމަމެންގެ ވާހަކަ އަކީ އެއީއެވެ. ނަމަވެސް މާމަ އަހަރެން ކައިރީގައި ބުނަނީ ކޮންމެވެސް މަސައްކަތެއްގައި ރަށުން ބޭރަށް ދިޔަގޮތަށް ނާންނަނީ ކަމަށެވެ. އަހަރެން އެކަމާ މެދު އެރޭ ވަރަށް ވިސްނީމެވެ. އަހަރެންގެ ހިތް ބުނަނީ އަދި އެއްފަހަރު ނަމަވެސް އެ ފޮތް ކިޔައިލުމަށެވެ. މަންމަމެން އެ ބުނުއްވަނީ ތެދެކެވެ. އަދި މަންމަމެންގެ ރުހުމާއި އެއްގޮތަށް އަހަރެންގެ ދިރިއުޅުން މާލެއަށް އެމީހުންނާ އެކީ އުޅެމުން ގެންދިޔައީމެވެ.

16 އަހަރަށް ފަހު ނުލިބުނު ލޯބި ހަމަ އެންމެ ފޮތެއްގެ ސަބަބުން އަހަރެންނަށް ލިބުނެވެ. އެއީ މާމަގެ ޑައިރީއެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖޫނިއަރ ގްރޫޕްގެ ޝިބާ އަލީ، ގްރޭޑް 8 ބީ، ލިޔެފައިވާ ވާހަކައެކެވެ. ޝިބާގެ މިވާހަކަ ޖޫނިއަރ ގްރޫޕްގެ އެންމެ މޮޅު 5 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355