twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުރުވާހަކަ – ފުނޑުފުނޑުވި ހުވަފެން

Aug 12, 2011

ޒިޔާދާ އާދަމް

ބަރާބަރު އަށްގަޑިއިރު ބަނޑުގައި ރިހުމަށްފަހު އަސްރާ ވިހައިފިއެވެ. އުފުލަމުން ދިޔަ ވޭނުގެ ސަބަބުން މޫނުމައްޗަށް ވެރިވެފައިހުރި ލޮޑުކަމުގެ އަސަރުތައް، އުފާވެރި ހިނިތުންވުމަކަށް ބަދަލުވީ އޭނާގެ އަލަތު ދަރިފުޅުގެ މޫނު ފެނުމުންނެވެ. ފިރިހެން ކުއްޖަކު ލިބުމަށްއެދި ކުރަމުންއައި އުންމީދުތައް ހަގީގަތަކަށް ވުމުން ގައުމަށް ވަފާތެރި ހެޔޮލަފާ ދަރިޔަކަށް އެދަރިފުޅު ހެދުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ހަތްދުވަސް ވުމުން ވަރަށް ކުލަގަދަ ހަފްލާއެއް ބާއްވާ އަސްރާގެ ދަރިފުޅަށް ނަންކިޔުނެވެ. ކުލަބޮކިތަކުން މުޅިމާހައުލު ވަނީ ޖަރީކުރެވިފައެވެ. އެންމެންނަށްވެސް ގަބޫލު ކުރެވެމުން ދިޔައީ އެއީ ވަރަށް ފުރިހަމަ ހަފްލާއެއްގެ ގޮތުގައެވެ. ނަމަވެސް އަސްރާ އެންމެ ބޭނުންވާ ކަންތައް ވަނީ ފުރިހަމަ ނުކުރެވިއެވެ. ދަރިފުޅަށް ހަތްދުވަސް ވެގެން ދިޔައިރު އެދަރިފުޅުގެ ބައްޕަ ދަރިފުޅު ދެކިލާކަށް ނާދެއެވެ. އަސްރާ އެންމެ ބޭނުންވެފައި ހުރީ އެމީހުންގެ ފުރަތަމަ ދަރިފުޅުގެ ނަން އެދަރިފުޅުގެ ބައްޕަ ކަނޑައެޅުމަށެވެ. ނަމަވެސް އެކަންވެސް ފުރިހަމަ ކުރަން ޖެހުނީ އަސްރާއަށެވެ.

އަހުމަދަށް އެންމެ މުހިއްމީ އޭނާގެ އެކުވެރިންނާއި އޭނާގެ ނޭދެވޭ އަމަލުތައްކަން އަސްރާއަށް އެނގެއެވެ. އަހުމަދަކީ މަސްތުވާތަކެތި ބޭނުންކޮށް ވައްކަންކުރާ މީހެއްކަން ކައިވެނީގެ ކުރިން ނޭނގުނީތީ އަސްރާ ހިތާމަ ކުރެއެވެ. ނަމަވެސް މިހާރު ކުރާނެ ކަމެއް ނެތެވެ. ނަސޭހަތް ދެވޭނެވަރަށް އަސްރާ އަހުމަދަށް ނަސޭހަތް ދީފިއެވެ. ނަމަވެސް އަހުމަދު އެވާހަކަތަކަށް ދިނީ ބީރު ކަންފަތެކެވެ. އަހުމަދުގެ އުޅުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އަސްރާ އިޒާން ބޮޑުކުރަމުން ދިޔައީ އަހުމަދުގެ އެއްވެސް އެހީތެރިކަމަކާނުލާ އެކަނިމާ އެކަނިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު އިޒާންގެ އުމުރުން ފަނަރަ އަހަރު ވެއްޖެއެވެ. ޒުވާން ކަމުގެ ހަރުފަތްތަކަށް ވާސިލު ވަމުން އަންނަ އިޒާންއަކީ އަސްރާ ބޭނުންވި ކަހަލަ ހެޔޮލަފާ ދަރިއެކެވެ. ކިޔެވުމުގައިވެސް ރަންވަނަތައް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އޯލެވެލް އިމްތިހާނާ ކުރިމަތިލަމުންއަންނަ އިޒާނަށް އަސްރާދޭ ނަސޭހަތަކީ ރަނގަޅު ނަތީޖާއެއް ހޯދާ ވަފާތެރިކަމާއެކު ގައުމަށް ހިދުމަތް ކުރުމަށެވެ.

އޯލެވެލް ރަންވަނަތަކާއެކު އިޒާން މިސްރާބު ޖެހީ އޭލެވެލްގައިވެސް ރަންވަނަތަކެއް ހޯދާ މަންމަގެ އެދުމާއި ހުވަފެންތައް ފުރިހަމަ ކޮށްދިނުމަށެވެ. އިޒާންފަދަ ހިތްވަރާއެކު މަސައްކަތް ކުރާ ކުއްޖަކަށް އެއީ މާއުނދަގޫ ކަމަކަށް ނުވާނެއެވެ. ވީވެސް އެހެންނެވެ. އޯލެވެލް އިން ހޯދި ނަތީޖާއަށް ވުރެ އެތައް ގުނައެއް ރަނގަޅު ނަތީޖާ އެއް އޭލެވެލް އިމްތިހާނުން އިޒާން ހޯދިއެވެ.

އިތުރަށް ކިޔަވަން ބޭނުންވި ނަމަވެސް އިޒާން ގަސްދުކުރީ މަންމައަށް އެހީތެރިކަމުގެ އަތެއް ދިނުމަށްޓަކައި ވަޒީފާއެއް އަދާކުރުމަށެވެ. އަސްރާ އެކަމަށް ވަރަށް އިންކާރު ކުރިއެވެ. ނަމަވެސް އިޒާން ގޮތްދޫނުކޮށް ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. އިޒާންގެ ރަންވަނަތަކުގެ ސަބަބުން ވަރަށް ފަސޭހައިން އިޒާންއަށް އޭނާ ހިތްހަމަ ޖެހޭފަދަ ވަޒީފާއެއް ލިބުނެވެ. ކަސްޓަމްސްގެ ވަރަށް ރަނގަޅު ވަޒީފާއެކެވެ.

އިޒާނަށް ވަޒީފާއެއް ލިބުނުފަހުން އިޒާންގެ ބައްޕަ އަހުމަދު ހުންނަނީ އިޒާންއާ ވަރަށް ގުޅާލާފައެވެ. މިކަމުގައި ކޮންމެވެސް ގޯހެއް ވާނެކަން އަސްރާގެ ހިތް ބުނަމުންދިޔައެވެ. އަދި ވިސްނައިގެން އުޅުމަށް އަސްރާ އިޒާންއަށް ނަސޭހަތްތެރިވިއެވެ. މަންމަގެ ނަސޭހަތް ގަބޫލު ކުރާނެކަމަށާއި މަންމަދިން ރަނގަޅު ތަރުބިއްޔަތުގައި ހިފަހައްޓައިގެން ހުންނާނެކަމަށް އިޒާން ބުނަމުންދިޔައެވެ.

ނަމަވެސް ކަންވީ އެއާމުޅިން ހިލާފަށެވެ. އިޒާންގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އޮފީހުން ގެޔަށް އައުން ލަސްވުމާއި ރޭގަނޑު ބޭރަށް ދިއުމާއި ދަންވަރު ދެޔެއް ތިނެއް ޖަހާފަހުން ގެއަށް އައުމަކީ އާއްމު ކަމަކަށް ވެއްޖެއެވެ. މިކަމާބެހޭގޮތުން އަސްރާ ސުވާލު ކޮށްފިނަމަ އޮފީހުގައި މާ މަސައްކަތް ބުރައީ ކަމަށް އިޒާން ބުނެއެވެ.

އަސްރާ އިނީ ދެޔެއްގެ ހަބަރު ބަލާށެވެ. ފަހަރަކު ހަބަރެއް ކިޔަމުން ގޮސް އެންމެ ފަހުން ކީހަބަރު އިވުމާއެކު އަސްރާއަށް ހީވީ އަސްރާގެ މެޔަށް ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ހޭނެތިގެން ނުވެއްޓުނީ ކިރިޔާއެވެ. ގިނައަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އޭނާގެ ހުރ ހަމައެކަނި ދަރިފުޅު ފުލުހުން ހައްޔަރު ކުރީއެވެ. އަސްރާ ހުރީ ގަބޫލު ކުރަން ދަތިވެފައެވެ. ފުލުސް އޮފީހަށް ދިއުމަށްޓަކައި އަސްރާ ދުއްވައިގަތެވެ،

އިޒާނަށް ގޮވަމުން ގޮވަމުން ގޮސް ފުލުސް އޮފީހަށް ވަންއިރު އިޒާން އިސްޖަހާލައިގެން އިނެވެ. އަސްރާ ގޮވުމުން މަންމައާ ހަތަރު ކަޅި ހަމަކޮށްލާކަށްވެސް އިޒާނަކަށް ނުކެރުނެވެ. އިޒާނަށްވުރެ ބޮޑަށް މިއަދު އަސްރާ ލަދުގަނެއްޖެއެވެ. ދެރަވެސް ވެއްޖެއެވެ. ރުޅިވެސް އައިސްފިއެވެ.

އަސްރާ ގިސްލަމުން ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅާ! މަންމަ ދުވަހަކުވެސް ހިއެއް ނުކުރަން ދަރިފުޅު ތިކަހަލަ ކަމެއް ކޮށްފާނެކަމަކަށް. ތިއީ މަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތެއް ނޫން. މަންމަ އޭރުވެސް ބުނިން ބައްޕާއެކު އުޅޭއިރު ވިސްނައިގެން އުޅޭށޭ. ދެރަ ގޮތެއް ވެދާނެޔޭ. ނަމަވެސް ދެން ކުރާނެކަމެއް ނެތް. މިހާރު މިވަނީ ވަގުތު ފާއިތުވެފައި. މަންމަ ގަބޫލު ކޮށްގެން ހުރީ ދަރިފުޅަކީ ބަސްއަހާ ރަނގަޅު ކުއްޖެއް ކަމަށް. ނަމަވެސް ދަރިފުޅުވެސް ތިޔަ ހިނގީ ދަރިފުޅުގެ ބައްޕަ ހިނގި މަގުން. ދަރިފުޅަށް މަންމަ ބޭނުންވި ކަހަލަ ކުއްޖަކަށް ނުވެވުން.” އިޒާން އެއްވެސް ވާހަކައެއް ނުދައްކާ އިނުމުން ހުރިހާ ވާހަކައެއް ދެއްކީ އަސްރާއެވެ.

އަސްރާގެ ހިތުގައި ހުރި އުދާސްތައް ދުލުން ބޭރުކޮށްލުމަށްފަހު އެތަނުން ނުކުމެގެން ދިޔައީ އިޒާން މައާފަށް އެދި އާދޭސް ކުރަނިކޮށެވެ. މިއަދު އިޒާނަށް ވިސްނިއްޖެއެވެ. މަންމަގެ ބަސް ގަބޫލު ނުކުރުމުން ދިމާވެދާނެ ދެރަގޮތްވެސް އެނގިއްޖެއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ވަގުތު ފާއިތު ވެއްޖެއެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ  ގްރޫޕްގެ ޒިޔާދާ އާދަމް، ގްރޭޑް 10 އީ، ލިޔެފައިވާ ވާހަކައެކެވެ. ޒިޔާދާގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355