twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުރުވާހަކަ – ވަގުތު ފާއިތުވީފަހުން

Aug 13, 2011

ލުބުނާ މުހައްމަދު

ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ދުއްވާ އެއްޗެހިން މަގުތައް ފުރިފައި ވީނަމަވެސް އެއަށް ބެލުމެއް ނެތި ނަޝްފާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. އޭރު ގަޑިން އެގާރަގަޑި ތިރީސްވަނީއެވެ. ކުލާސް ނިމުނުތާ އޭރު ގަޑިއެއް ހާއިރު ވެއްޖެއެވެ. އެހެނަސް ވާރޭވެހޭތީ ސައިރިކްސް އަސްކެނި ދަށުގައި މަޑުކޮށްލައިގެން ހުރީއެވެ.

މާވެޔޮ މަގުން ހިނގަމުން ދިޔައިރު ނަޝްފާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ. ވާނީވެސް އެހެންތާއެވެ. މާލޭގެ މަގެއް މަތީ ރޭނގަޑު އެކަނި ހިނގާފައި ދިއުމަކީ ބިރުބޮޑު ކަމެއް ވިއްޔާއެވެ. ހިނގަމުންގޮސް މަޖީދީ މަގަށް ނުކުމެވުނު ތަނާހެން އަނެއްކާވެސް ވާރޭ ބޯކޮށްލައިފިއެވެ. ނަޝްފާ އަނެއްކާވެސް ފިހާރައެއްގެ އަސްކެނި ދަށުގެ ހިޔާހޯދިއެވެ. ކުއްލިޔަކަށް ނަޝްފާގެ ހާސްކަން އިތުރުވީ އަސްކެނި ދަށަށް ހިޔާހޯދުމަށް ފިރިހެން ކުއްޖަކު އައިސް ވަނުމުންނެވެ.

އިސްތަށިގަނޑު ދިގު، ކަރުގައި ފަށެއް އަޅާފައިވާ އެޒުވާނާ ނަޝްފާއަށް ބަލަމުންދިޔައީ ދަހިވެތި ނަޒަރަކުންނެވެ. އެއީ މިހާރުގެ އެންމެ ތަހުޒީބީ ފިރިހެން ކުދިންގެ ތެރެއިން ކުއްޖެކެވެ. މިހާރުގެ ގޮތުންނަމަ “ޕާޓޭ” އެކެވެ.

“އަހަރެންނަށް ކިޔަނީ މިހާދު.” ލައިފައި ހުރި ޖިންސް ފައިބާފައިވާތީ، ޖިންސް މައްޗަށް ނަގަމުން މިހާދު ތައާރަފް ވެލިއެވެ.

ނަޝްފާ ފުރަތަމަ ހުރީ ވާހަކަ ނުދައްކަން ވެގެންނެވެ. ނަމަވެސް ބޯވާރޭގެ ސަބަބުން ދެވޭނެ އިތުރު ތަނެއްނެތެވެ. އެހެންކަމުން ނަޝްފާވެސް ބިރު ކަނޑާލައިފައި ތައާރަފްވެލިއެވެ. މިހާދު އަކީ ހީކުރި ކަހަލަ ގޯސްކުއްޖެއް ނޫންކަން ނަޝްފާއަށް ފާހަގަ ކުރެވުނެވެ. އޭނާ ދައްކަމުން ދިޔައީ ރަނގަޅު ވާހަކަ ތަކެކެވެ. އެކަނި ރޭނގަޑު ބޭރުގައި ނޫޅުމަށް މިހާދު ނަސޭހަތްތެރިވިއެވެ. ނަޝްފާއާމެދު މިހާދު ބެހެއްޓި ގާތްކަން އޭނާއަށް ވަރަށް ކަމުދިޔައެވެ. ކޮންމެ ގޮތަކަށް ސްޓައިލް ބަހައްޓާފައި ހުރިކަމުގައި ވިޔަސް މިހާދު އަކީ ރީތި ޒުވާނެކެވެ. ރީތި ލޮލެއްގެވެރި ފިރިހެނެކެވެ. ނަޝްފާ ހިތްކިޔާކަހަލަ ސިފަތަކެއް މިހާދުގެ ސޫރައިގައާއި ވާހަކަ ދެއްކުމުގައި ހުރުމުގެ ސަބަބުން ނަޝްފާގެ ހިތް މިހާދުއަށް ލެނބިގެން ދިޔައެވެ.

ވާރޭ ތުނިކުރިއިރު ނަޝްފާގެ ހިތްވެސް ތުނިވެފައިވާ ކަހަލައެވެ. އެރޭ ނަޝްފާގެ ހަޔާތުގެ ވާހަކަތައް މިހާދުއާ ހިއްސާކުރިއެވެ. ނަޝްފާ މާލެއައިސް ހުރީ ކޯހެއް ހަދަން ކަމަށާއި އެއްބަނޑުގައި ހުންނަނީ އެންމެ އަންހެން ކޮއްކޮއެއް ކަމަށް ބުންޏެވެ. އަދި މަންމައާއި ކޮއްކޮ ދިރިއުޅެނީ ރަށުގައިކަން ކިޔައިދިނެވެ. ވަރަށް ކުޑައިރު ބައްޕަ ނިޔާވެފައި ވާކަން ބުނެދިނެވެ، މިވާހަކަތައް އަހާފައި މިހާދު ނަޝްފާއަށް ހަމްދަރުދީ ވާކަން ފާޅުކުރިއެވެ. އަދި ނަޝްފާއާއެކު ގެއާހަމައަށް ލައިދޭން މިހާދު ދިޔައެވެ. ނަތީޖާއަކަށްވީ ނަޝްފާގެ ނަންބަރުވެސް މިހާދަށް ދިނުމެވެ.

އޭގެފަހުން ދެމީހުން ފޯނުގައި ގިނަވަގުތު ހޭދަކުރަމުން ދިޔައެވެ. އަދި އެރޭގެ ފަހުން އެދެމީހުންގެ ނަންވެސް ލޯބިވެރިންގެ ލިސްޓަށް އިތުރު ވެގެންދިޔައެވެ. ދެމީހުން އެކުގައި ވަގުތު ހޭދަކުރުން ގިނަވެ ލޯބީގެ ސަފްހާތައް އުކަންފެށިއެވެ.

މިހާދުގެ ލޯބީގައި ނަޝްފާ ޖެހުމުގެ ސަބަބުން ކިޔެވުމަށް ދެމުންދިޔަ ސަމާލުކަންވެސް ނަޝްފާއަށް ކުޑަކުރެވުނެވެ. ދެމީހުންގެ ލޯބީގެ ގުޅުމުގެ ސަބަބުން އޭގެ އަސަރު ނަޝްފާގެ ކިޔެވުމަށް ފޯރައިފިއެވެ. ކޯހުގައި ދެވޭ އެސައިންމެންޓްތައް ފުނިޖެހެމުން ދިޔައެވެ. ނަޝްފާގެ އާދައަކީ އަބަދުމެ މިހާދުއާއެކު ވަގުތު ހޭދަކުރުމެވެ. ހެނދުނާއި ރޭގަނޑެވެ. ދަންވަރާއި ފަތިހެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުހުރި އަދި އެންމެ މުހިއްމު ހަޒާނާ މިހާދުގެ ލޯބީގައި ޖެހި ނުއަގުގައި ވިކިއްޖެއެވެ. މުޅިން ހަފުސްވެއްޖެއެވެ.

އެކަން މިހާރު ނަޝްފާގެ ހަށިގަނޑުން ހެކިދެއެވެ. އާނއެކެވެ. މިހާރު ނަޝްފާއަކީ މާބަނޑު އަންހެނެކެވެ. ނަމަވެސް އެހިސާބުން މިހާދު ނަޝްފާއަށް ފުރަގަސް ދޭންފަށައިފިއެވެ. އެއީ މިހާދުގެ ދަރިއެއްކަމަށް މިހާދު އެއްބަހެއް ނުވިއެވެ. ނަޝްފާ ކުރި އާދޭހުގައި ކޮޅުފައި ޖަހާފައި މިހާދު ދިޔައީއެވެ. މާބުރުވެސް މަލެއްގެ ފޮނިބޯލުމަށްފަހު އެހެން މާތަކުގެ ކައިރިޔަށްދާ ބީދައިންނެވެ. ފޮނި ބޯލުމުން އެމަލުގެ ރީތިކަން ގެއްލިގެން ދެއެވެ. ފިޔަތައް ރޫޅި މާ ބިންމައްޗަށް ވެއްޓިގެން ދެއެވެ. ނަގާނެ މީހެއްނުވެ މާ އެތަނަށް ގިނަވެ އެކަނިވެރި ވެދެއެވެ. ނަޝްފާއަށްވެސް ވީއެހެންނެވެ.

ނަޝްފާ އެނބުރި ރަށަށް ދިޔައީ ހުތުރު ނަމަކާއި އެކުގައެވެ. އޭނާގެ މަންމަ ލަތީފާއާއި ކޮއްކޮ ނައުހާވެސް އޭގެ ސަބުބުން ރަށަށް ގިނަވިއެވެ. ފާގިރު އާއިލާގެ ފަގީރުކަން އިތުރުވިއެވެ. މީހުންގެ މަލާމާތްލިބި އެކަހެރި ކޮށްލުމުގެ ސަބަބުން އެކަމުގެ ހިތާމައިގައި ނަޝްފާގެ މަންމަ ލަތީފާވެސް މިދުނިޔެ ދޫކުރިއެވެ، ނަޝްފާގެ ކޮއްކޮ ނައުހާއަކީ ރަށުގެ އެންމެ ގިނަ ފިރިހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދަމުން އައި ޖިންސުއްލަތީފެކެވެ. ނަމަވެސް މިހާރު ނައުހާއާވެސް ވާހަކަ ދައްކާނެ އެންމެ ރަހުމަތްތެރިއެއްވެސް ނެތެވެ. ނައުހާގެ ކަމަކީ ދައްތަ ނަޝްފާއާއެކު ހިތާމަ ކުރުމެވެ. އެދެމީހުންނަށްވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަނީ އެގެޔާ ޖެހިގެން ހުންނަ ގޭގެ ރާމިޒުއެވެ.

ނަޝްފާގެ ދަރިފުޅުގެ ބައްޕަގެ ހުރިހާ ވާހަކަތަކެއް ނަޝްފާ ކިޔާދީފައިވަނީ ހަމައެކަނި ނައުހާ އަށެވެ. ނުވަމަސް ވަންދެން ނައުހާ އޭނާގެ ދައްތަ ބެލިއެވެ. ހުރިހާ ކަމެއް ކޮށްދިނެވެ. ދައްތަ ނަޝްފާ ދެކެ ލޯބިވާ ފަދައިން ދައްތަގެ ބަނޑުގައިވާ ދަރިފުޅުދެކެވެސް ނައުހާ އެހާ ލޯބިވެއެވެ. އެދަރިފުޅު ބެލުމަށް ނަޝްފާއަށް ވެވުން ހުރިހާ އެހީއެއް ވެދޭނެކަމަށް ނައުހާ އަބަދުވެސް ބުނަމުން ދިޔައެވެ.

ނުވަމަހަށް ފަހު ކަންތައްތައް ދިޔައީ ގޯހުން ގޯހަށެވެ. ޅައުމުރުގައި ބަލިވެއިނދެ، ވިހެއުމުގެ ތެރޭގައި ނަޝްފާއަށް އެތައް އަނިޔާތަކެއްވެ ވިހެއުމުގައި ދޭންޖެހޭ ފަރުވާތައް ނުދެވުމުގެ ސަބަބުން ނަޝްފާ މިދުނިޔެ ދޫކުރިއެވެ. އެކަން ވެގެން ދިޔައީ ނައުހާގެ ހިތް ހަލާކު ކޮށްލިކަމަކަށެވެ. ނަމަވެސް ނަޝްފާ ދުނިޔެ ދޫކޮށްފައި ދިޔައީ އެހެންފުރާނައެއް މިދުނިޔެ ގެނެސްފައެވެ. ނަޝްފާގެ ދަރިފުޅު ބެލުމުގެ ހުރިހާ ކަމަކާ ނައުހާ ހަވާލުވިއެވެ.

މުއީދު އެއީ ނަޝްފާއަށް ފިރިހެން ކުއްޖެއް ލިބިއްޖެނަމަ ކިޔުމަށް ބޭނުންވި ނަންކަމުން އެއެދުން ނައުހާ ފުއްދައިދިނެވެ. އެކަނިވެރިކަމާއެކު ނަޝްފާގެ ދަރިފުޅު މުއީދު ބަލަމުން އައީ ނައުހާއެވެ. ރާމިޒުގެ އެހީތެރިކަމާއެކު މުއީދަށް ބޭނުންވާ ކޮންމެ އެއްޗެއްވެސް ނައުހާ ހޯދައިދެމުން ދިޔައެވެ. ހިތްވަރާއެކު ނައުހާ ދިރިއުޅުމުގެ މައިދާނުގައި ފައިތިލަ ސާބިތު ކުރަމުން ދިޔައެވެ. ނައުހާގެ އާއިލާއަށް ބިކަހާލު ޖެހުމުގެ އެންމެ ބޮޑު އަސްލު މިހާދުގެ ކިބައިން ބަދަލު ހިފުމަކީ ނައުހާގެ އުއްމީދެކެވެ. ނިޔާވި ދައްތަ ނަޝްފާގެ ހައްގުގައެވެ. ކުޑައިރުންސުރެ ބަލާ ބޮޑުކުރި މަންމަގެ ހައްގުގައެވެ. އަދި ކުޑަކުޑަ މުއީދުގެ ހައްގުގައެވެ.

ދުވަސްކޮޅެއްފަހުން ނައުހާގެ ދިރިއުޅުން ރާމިޒުއާއެކު މާލެއަށް ބަދަލު ކުރިއެވެ. އެއްބޭނުމަކީ 4 އަހަރުގެ ކުޑަކުޑަ މުއީދަށް ރަނގަޅު ތައުލީމެއް ހޯދައިދީ، ރަށުގެ އެކަނިވެރި ދިރިއުޅުމުގެ މަތިން ހަނދާން ނައްތާލުމެވެ. އަނެއް ބޭނުމަކީ މިހާދުގެ ކިބައިން ބަދަލު ހިފުމެވެ.

މިހާދުގެ ހުރިހާ ވާހަކައެއް ނަޝްފާ ކިޔާދީފައި ވުމުން މިހާދުގެ ގެއާއި އޭނާ އާއްމުކޮށް އުޅޭ ތަންތަން ހޯދާކަށް ނައުހާއަކަށް އުނދަގުލެއް ނުވިއެވެ. އަދި ފޮޓޯއިން ފެނިފައިވުމުން މިހާދު ހަމަ ފެންނައިރަށް ވަކިކުރަންވެސް އެނގުނެވެ.

ނައުހާގެ އެންމެ ބޮޑު އެޑްވާންޓޭޖްކީ އޭނާއަށް ލިބިފައި ހުރި ރީތި ދޮން ހަށިގަނޑެވެ. ނައުހާގެ ރީތިކަން އުކުޅަކަށް ބޭނުންކުރަން އޭނާ ނިންމިއެވެ. މިހާދު ހޯދުމަށްފަހު އޭނާ ފެންނަ ހިސާބުތަކުގައި ނައުހާ ގިނަގިނައިން އުޅެންފެށިއެވެ. އިސާހިތަކު މިހާދުގެ ހިތުން ނައުހާ ޖާގަހޯދައިފިއެވެ. އެކަހަލަ ފިރިހެނުންގެ ބަލިގައި ނައުހާއަށް އެނގޭކަހަލައެވެ. ނައުހާގެ ޖާދުލުގައި މިހާދު ޖައްސައި މަސްތު ކުރުވިއެވެ. ކުރީ ފަހަރާއި ހިލާފަށް މިފަހަރުގެ “ކޮންޓްރޯލް” އޮތީ ނައުހާގެ އަތުގައެވެ. މިހާދުއަށް ނައުހާގެ އިޝްގުގެ ދަލުގައި ޖައްސައި ވާވައްދާލިއެވެ. އަދި މިހާދަށް ނައުހާދެކެ ލޯބިވެވުނެވެ. ހަގީގީލޯބި ވެވުނެވެ.

އޭގެކުރިން މިހާދު އެކިކުދިންގެ ކައިރިޔަށް ދަނީ ހިތް އުފާ ކޮށްލުމަށެވެ. ޒަވާޖީ ހަޔާތެއް ފެށުމުގެ ނިޔަތެއްގައެއް ނޫނެވެ. ނަމަވެސް މިފަހަރު މިހާދު އެގޮތަށް ކަނޑައަޅާ ކުރީގެ އުޅުން ދޫކޮށްލައި ނައުހާގެ ކައިރިޔަށް ލޯތްބަށްއެދި ސަލާން ޖަހަމުންދިޔައެވެ. ނައުހާ އެލޯބި ގަބޫލު ކުރިއެވެ. އަދި އެކުގައި ވަގުތު ހޭދަކުރަން ފެށިއެވެ. މިހާދުގެ އުޅުން މުޅިން ބަދަލުވެއްޖެއެވެ. ރަނގަޅު މީހަކަށް އޭނާވިއެވެ. މިހާދުގެ މަންމައަށާއި ބައްޕައަށް ނައުހާ ދައްކައިފިއެވެ. އެމީހުންގެ ރުހުން ލިބި ކައިވެނީގެ ތައްޔާރީތައް ވާންފެށިއެވެ.

ހުރިހާ ތައްޔާރީއެއް މިހާރު އެވަނީ ވެނިމިފައެވެ. އެތައް ފައިސާއެއް ހަރަދުކޮށް ނަސަންދުރާ ވަނީ ޒީނަތްތެރިކޮށްފައެވެ. ކައިވެނީގެ ހަފްލާއަށް ހާޒިރުވެފައިވާ އެތައް ބަޔެއް އިންތިޒާރު ކުރަމުން އެދަނީ ނައުހާއަށެވެ.

އިރުކޮޅަކުން ނައުހާ އައިސްވަނީ މުއީދުއާއި ރާމިޒުއާއެކުގައެވެ. އަދި ކައިވެނި ކުރަން ބޭނުންނުވާކަން އެހެންމެންގެ ކުރިމަތީގައި ހާމަކުރިއެވެ. ކައިވެނީގެ ހެދުމުގައި ނައުހާ އެތަނަށް ހާޒިރުވެ ހެދިގޮތުން މިހާދުގެ ބައްޕަ ނައުހާއަށް ހަޅޭލެވިއެވެ. ނަމަވެސް ނައުހާ އެންމެ ތަންކޮޅެއްވެސް ނައުހާ ދުލެއް ނުދިނެވެ. ހިތްވަރުކޮށްފައި އޭގެ ރައްދު ނައުހާ ދިނެވެ. ކުޑަކުޑަ މުއީދު އެމީހުންގެ މެދުގައި ބެހެއްޓިއެވެ. މުއީދުގެ ސިފަ މިހާދުއާ އެއްވެސް ތަފާތެއް ނެތެވެ. އެންމެން ތިބީ ހައިރާންވެ އެކަކު އަނެކެއްގެ މޫނަށް ބަލާށެވެ. އެހިނދު ނައުހާ ހުރިހާ ވާހަކަތަކެއް އެތަނުގައި ހުރެ ކިޔާދިނެވެ. އެއާއެކު މިހާދު އައިސް މުއީދުގެ ކައިރީގައި ދެކަކޫ ޖަހާފައި ދަރިފުޅާއޭ ކިޔާފައި ގޮވާލިއެވެ. އަދި މިހާދުގެ މަންމައާއި ބައްޕަވެސް މުއީދުއަށް ދަރިފުޅާއޭ ކިޔާ ގޮވާލިއިރު އެމީހުންގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އަދި ލަދުވެސް ގަނެފައެވެ. ނަމަވެސް އެކުޑަކުޑަ މައުސޫމް ކުއްޖާއަށް އެއީ ކޮން ބަޔެއް ކަމެއް ނޭނގެއެވެ. އެވަގުތު ނައުހާ މުއީދު ޖަހައިގަނެގެން ގޮސް ކާރަށް އަރައިގެން ރާމިޒުއާއެކު ނައްޓާލިއެވެ. ފަހަތުން މިހާދު ނުކުތް ކަމުގައި ވިޔަސް ކާރު އޭރު އޮބާލަނީއެވެ.

މިހާރު މިހާދަށް ވިސްނިއްޖެއެވެ. ގަތްލަދެއްގެ ބޮޑުކަމުން މަންމައާއި ބައްޕައަށް ބަލާލަންވެސް މިހާދުއަކަށް ނުކެރުނެވެ. މަންމައާއި ބައްޕަ މިހާދު ދެކެރުޅިއައިސް ގެއިންވެސް ބޭރުކޮށްލިއެވެ. ކުރިން ކުރެވުނު ކަންތައްތަކަކީ ވަރަށް ވިޔާނުދާ ކަންތައްތައްކަން މިހާދުއަށް މިހާރު އެނގިއްޖެއެވެ. އަދި އަންހެން ކުދިންގެ ދިރިއުޅުން ކުޅޭކުޅޭ އެއްޗަކަށް ހަދާ ބަރުބާދު ކުރަމުންއައި މިހާދުގެ ދިރިއުޅުން މިވަނީ މިހާރު ބަރުބާދުވެފައެވެ. ރަނގަޅުގޮތް ވިސްނި އިސްލާހުވީއިރު ވަގުތު މިވަނީ ފާއިތުވެފައެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ ލުބުނާ މުހައްމަދު، ގްރޭޑް 11 ބީ، ލިޔެފައިވާ ވާހަކައެކެވެ. ލުބުނާގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355