twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ – ޝިޔާނާ

Aug 19, 2011

އަނާން ފަރީދު

އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން އިން ޝިޔާނާގެ ލޮލުންވަނީ ކަރުނަ ހިލިފައެވެ. މިއަދު ފުރޮޅުލީ ގޮނޑިއެއްގައި ޝިޔާނާ އިން ކަމުގައި ވިޔަސް އެއީ އޭނާ އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމެއް ނޫނެވެ. އޭނާ އެތަނުގައި އިންއިރު އޭނާގެ ހިތި މާޒީގެ ހަނދާން އާވިއެވެ.

މީގެ ދެއަހަރެއްހައި ކުރިން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ޝިޔާނާއާއި، އޭނާގެ ފިރިމީހާ އަހުމަދާއި، އޭނާގެ ފަސް އަހަރުގެ ދަރިފުޅު ދިޔައީ އިންޑިއާއަށެވެ. އިންޑިއާގައި އެއާއިލާ ހަފްތާއެއްހައި ދުވަހު ވަރަށް އުފާވެރިކޮށް އުޅުނެވެ. އެނބުރި ރާއްޖެއަށް އައުމަށްޓަކައި އެއާޕޯޓަށް ދިއުމަށް ޝިޔާނާ ކާރަށް އެރީ އުފާވެރި ހިނިތުންވުމަކާއި އެކުއެވެ. ނަމަވެސް އެއާޕޯޓަށް ދިޔަމަގުމަތީގައި އޭނާގެ ހިނިތުންވުން، ހިތާމަވެރިކަމަށް ބަދަލުވިއެވެ. އެމީހުން ދުއްވަމުންދިޔަ ކާރުގައި، ގަވާއިދާ ޚިލާފަށް ބާރަށް ދުއްވާފައި އައި ކާރެއް ޖެހި އެކްސިޑެންޓް ވީއެވެ. ދެންވީގޮތެއް އޭނާއަކަށް ނޭނގެއެވެ.

ޝިޔާނާ ހޭއެރިއިރު އޭނާ އޮތީ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައެވެ. އޭނާއަށް ދެން ވިސްނުނީ އޭނާގެ ފައި ހަރަކާތް ނުކުރެވޭކަމެވެ. ޑޮކްޓަރު އޭނާ ކައިރީގައި ބުނުއްވީ އޭނާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ފައިގެ ބޭނުން ނުހިފޭނެކަމަށެވެ. ދެން ކުއްލިއަކަށް ޝިޔާނާއަށް އޭނާގެ ފިރިމީހާއާއި ދަރިފުޅުގެ މަތިން ހަނދާންވިއެވެ. އަދި ޑޮކްޓަރުގެ ގާތުގައި އެމީހުން ކޮބައިތޯ ސުވާލުކުރިއެވެ. ދެން ޑޮކްޓަރު ވަރަށް ހިތާމައާއެކު ޝިޔާނާގެ ފިރިމީހާއާއި ދަރިފުޅު ނިޔާވި ވާހަކަ ބުނުއްވިއެވެ.

އެވަގުތު ޝިޔާނާ ވީދެރައިން ރޯން ފެށިއެވެ. އޭނާގެ ލޯބިވާ އަލަތު ފިރިމީހާއާއި ކުޑަދަރިފުޅު އޭނާއާ އަބަދަށް ވަކިވީއެވެ. އެހާދިސާއަށްފަހު ރާއްޖޭގެ ހައިކޮމިޝަން މެދުވެރިވެގެން ޝިޔާނާ ރާއްޖެ ގެނައެވެ. އަދި ރަށަށް ބަދަލު ވިއެވެ. އޭގެ ފަހުން އޭނާ ބަލަމުން ދިޔައީ އޭނާގެ މުސްކުޅި މަންމައެވެ. އޭނާގެ މަންމަގެ ކައިރީގައި ކޮންމެ ދުވަހަކުވެސް އެވާހަކަތައް ދައްކައެވެ. ޝިޔާނާގެ މަންމަވެސް ހުންނަނީ ޝިޔާނާ ރޯތީ އެކަމާ ވަރަށް ދެރަވެފައެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ.

“ދަރިފުޅާ. މަންމައަކަށް ހިޔެއް ނުވޭ މިހާލުގައި މަންމައަށް ދަރިފުޅު ބެލޭނެހެންނެއް. މާދަމާވެސް މަންމަ މަރުވެދާނެ. އެހެންކަމުން މަންމައަށް ފެންނަނީ ދަރިފުޅު އެހެން ކައިވެންޏެއް ކުރަން.” ސައި ތައްޔާރު ކުރަން ހުރެފައި މަންމަ ބުންޏެވެ.

ނަމަވެސް ޝިޔާނާގެ މަންމަ އެވާހަކަތައް ދައްކަން ފެށުމުން އޭނާ އެކަމާ ދެކޮޅު ހެދިއެވެ.

ޝިޔާނާގެ މަންމައާއެކު އޭނާއަށް އުޅެވުނީ ތިން މަސްދުވަހެވެ. އޭނާގެ މަންމަވެސް މިދުނިޔެ ދޫކޮށްފައި ދިޔައީއެވެ. ޝިޔާނާގެ ހިތާމަތަކަށް އިތުރު ހިތާމައެއް ލިބުނީއެވެ. އޭގެ ފަހުން ޝިޔާނާ އުޅެމުން ދިޔައީ އެކަނިމާއެކަނިއެވެ.

ޝިޔާނާ އެކަނި އުޅޭ ހާލު އެނގިފައި ހަމްދަރުދީ އުފެދިގެން އޭނާގެ ސްކޫލު ދައުރުގެ ރަހުމަތްތެރިއެއް ކަމަށްވާ ނަވާޒު އެގެޔަށް އަންނަން ފެށިއެވެ. އަދި ޝިޔާނާއަށް އަޅާލާ އޭނާ ބަލަންފެށިއެވެ. އަދި ދުވަސްކޮޅެއްފަހުން ނަވާޒުއާ ކައިވެނިކުރުމަށް ޝިޔާނާކައިރިން އެހިއެވެ. ޝިޔާނާ ވަރަށް އުނދަގުލުން އެކަމަށް އާނއެކޭ ބުންޏެވެ.

އޭގެ ހަފްތާއެއް ފަހުން ޝިޔާނާގެ ދެވަނަ ކައިވެނި ނަވާޒާ ކުރެވުނެވެ. އޭގެ ފަހުން ޝިޔާނާ އުޅެންފެށީ ނަވާޒުގެ ގޭގައެވެ. ނަވާޒުގެ މައިންބަފައިންވެސް އޭނާއަށް ވަރަށް ރަނގަޅެވެ. އޭނަ ނަވާޒުއާއެކު އުޅުނީ ވަރަށް އުފަލުންނެވެ. ނަމަވެސް އޭނާގެ ފުރަތަމަ ފިރިމީހާ އަހުމަދުގެ މަތިން ހަނދާނެއް ނުނެތެއެވެ. އަދި އޭނާގެ ދަރިފުޅުގެ މަތިން އަބަދުވެސް ހަނދާން ކުރެއެވެ.

ޝިޔާނާއަށް ގޭގައި ކޮޅަށް ތެދުވެގެން މަސައްކަތް ނުކުރެވޭތީ، ނަވާޒުގެ ބޭބެގެ އަންހެނުން ހަފީޒާ ވަރަށް ރުޅިއާދެއެވެ. ނަވާޒު ގޭގައި ނޫޅޭ ވަގުތު ތަކުގައި ޝިޔާނާއާ ދިމާލަށް އެއްޗެހި ކިޔައެވެ. ނަމަވެސް ޝިޔާނާ އެއިން އެއްވެސް ވާހަކައެއް ނަވާޒު ކައިރީގައި ނުބުނެއެވެ. އެއީ އާއިލާގެ މަސްލަހަތަށްޓަކައެވެ. އޭނާ އެވާހަކަ ނަވާޒުގެ ގާތުގައި ބުނެފިނަމަ އާއިލާގެ ތެރޭގައި މައްސަލައެއް އުފެދިދާނެތީއެވެ.

އެއްދުވަހަކު ހަފީޒާ ސިއްރު ސިއްރުން ނަވާޒުގެ ވޮލެޓުގައި ހުރި ހުރިހާ ފައިސާތަކަކާއި ކޭޝްކާޑު ނަގާފައި ޝިޔާނާގެ އަލަމާރި ތެރޭގައި ބެހެއްޓިއެވެ.

އެދުވަހު ނަވާޒު އޮފީހުން ގެޔަށް އަންނަމުން ފިހާރައަކަށް ވަދެ އެއްޗެހި ނެގުމަށްފަހު ފައިސާ ދައްކަންވެގެން ވޮލެޓް ބެލިއިރު އޭގައި އެކައްޗެއްވެސް ނެތެވެ. މިކަމާ ރުޅިއައިސްގެން ނަވާޒު ގެޔަށްގޮސް އަހަރެންގެ ވޮލެޓްގައި ހުރި ރުފިޔާތައް ކޮބައިހޭ ވަރަށް ބާރަށް ބުންޏެވެ. އެއަށްފަހު ގޭތެރޭގެ އެތަންމިތަން ހޯދުމަށްފަހު އެންމެފަހުން ޝިޔާނާގެ އަލަމާރިބެލިއިރު ފައިސާތައް ފެނުނީ އެއަލަމާރި ތެރެއިންނެވެ.

މިކަމާ ރުޅިއައިސްގެން ކަމުގެ ހަގީގަތް ނޭނގިހުރެ ނަވާޒު ޝިޔާނާއާއި ދިމާލަށް އެއްޗެހި ކިޔެވެ. ޝިޔާނާގެ ބޮލުގައި ވަގު ބަދުނާމު އެޅުނެވެ. ދިފާއުގައި ޝިޔާނާ ދެއްކި އެއްވެސް ވާހަކައެއް ނަވާޒު ނާހައެވެ. އޭގެ ދެދުވަހެއް ފަހުން އެދެމީހުންގެ ކައިވެނި ރޫޅާލާ ޝިޔާނާ ވަރިކުރިއެވެ. އަނެއްކާވެސް ޝިޔާނާ އެކަނިވެރި ވީއެވެ. ޝިޔާނާގެ ހިތާމަތައް އިތުރުވީއެވެ.

އޭގެފަހުން ޝިޔާނާއަށް އެހީވެދިނީ އޭނާއާ ދެބޭންގެ ދެދަރި ކުއްޖެއް ކަމަށްވާ ފާތުމަތެވެ.

ކުއްލިއަކަށް ޝިޔާނާއަށް އޭނާގެ މާޒީން ބޭރަށް ނަޒަރު ހިންގާލެވުނީ ފާތުމަތު އޭނާގެ ގާތުގައި ގެޔަށް ދާން ހިނގާށޭ ބުނީމައެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު އޭނާގެ ފުރޮޅުލީ ގޮނޑީގައި ގެއާދިމާލަށް މިސްރާބު ޖެހިއެވެ.

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖޫނިއަރ ގްރޫޕްގެ އަނާން ފަރީދު، ގްރޭޑް 8 ބީ، ލިޔެފައިވާ ވާހަކައެކެވެ. އަނާންގެ  މިވާހަކަ ޖޫނިއަރ ގްރޫޕްގެ އެންމެ މޮޅު 5 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355