twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ – ޑައިރީ

Aug 21, 2011

ޒާހިރާ ހަސަން

އައިޝާ އޭނާގެ ބޭބެ ނާޒިމްގެ ކޮޓަރި ސާފުކުރަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު އެވެ. ކޮޓަރީގެ އެތަންމިތަނުގައި އަންނައުނާއި ރީތިވާ ސާމާނާއި އޭނާގެ ފޮތް ކަބަޑުގައި ހުރިނަމަ ހުރި ފޮތެއް އުކާލެވިފައި ހުއްޓެވެ. ބަލާބެލުމަށް ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އެތަނަށް އައިސްފައި ވާހެންނެވެ. ކޮޓަރީގެ ތަރުތީބެއް ނެއްތާ، ސާފު ތާހިރުކަމެއްވެސް ނެތެވެ. މުޅި ކޮޓަރީގައި ވަނީ ހިރަފުހާ ކިލައެވެ. ނުވިތާކަށް ސީލިންގް ގައި ހަރުކޮށްފައި ހުރި ފަންކާގެ ފިޔަތަކުގެ ކުލަވެސް ވަކިނުވެއެވެ.

ކޮޓަރި ސާފުކުރަމުން ދިޔައިރު އައިޝާގެ ހިތަށް އޭނާގެ ބޭބެގެ ޚިޔާލުތައް ތަސައްވުރު ކުރެވެމުން ދިޔައެވެ. ނާޒިމްއަކީ ކުޑައިރުންސުރެ ވެސް އޭނާގެ އަމިއްލަ ކަންކަމަށް ވަރަށް ފަރުވާތެރި ކުއްޖެކެވެ. ހާއްސަކޮށް އަމިއްލަ ސާފުތާހިރު ކަމަށެވެ. ނަމަވެސް މިއަދު ނާޒިމްގެ އުޅުމަށް އައިސްފައިވަނީ ވަރަށް ބޮޑު ބަދަލެކެވެ. ސަކަ، އޯގާތެރި މިޒާޖުގެ ނާޒިމްވަނީ ހަމަހިމޭންވެ ގަބުވެފައެވެ. ދިރިއުޅުމުގެ އެއްވެސް ކަމަކާމެދު ފަރުވާލެއް ހުރިހެން ހިޔެއް ނުވެއެވެ. އައިޝާގެ އެޚިޔާލުތައް ފޫދުއްވާލީ ނާޒިމްގެ އެނދުދަށުން ފެނުނު ކަޅު ބަނޑޭރިލީ ފޮތެވެ. ފޮތުގެ އަނެއްފުށުގައި ރީތި އަންހެން ސޫރައެއް ކުރަހާލާފައި ހުއްޓެވެ. އަދި ކައިރީގައި ރަންއަކުރުން “ނިޝާ” ފަވާލާފައި ވެއެވެ. ވަގުތުން އެއީ އައިޝާގެ ބޭބެގެ ޑައިރީކަން އޭނާއަށް އެނގުނެވެ.

އެކޮޓަރިން ނުކުމެގެން އައިޝާ އެޑައިރީ ހިފައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެންމެ ވަގުތުކޮޅެއްވެސް ބޭކާރުނުކޮށް ޑައިރީ ހުޅުވާލިއެވެ.

***

އަހަރެންގެ ހަޔާތަށް ބަހާރު މޫސުން ގެނުވީ މާބަގީޗާގައި ފަރިވެ ފޮޅިފައި އިން ރަތް ފިނިފެންމަލެއް ފަދަ ނިޝާއެވެ. އަހަރެންގެ ހަޔާތައް ދިރުން ގެނުވީވެސް ހަމަ ނިޝާއެވެ. ލޯބީގެ މައިދާނަށް އަހަރެން ނުކުތުމަށް އަހަރެންނަށް ކަލާ މަޖުބޫރު ކުރުވިއެވެ.

އެހެންނަމަވެސް އެމައިދާނާ އަހަރެން ކުރިމަތިލީ ހިތްވަރާއި އުއްމީދާއެކުއެވެ. ކަލާއަށް އެދޭވަރުންނެވެ. ތިމަލުގައި ބީހިލުމުގެ ޝަރަފް ހަމައެކަނި އަހަރެންނަށް ލިބެން ބޭނުންވާތީއެވެ.

ނިޝާއާއި އަހަރެން އެންމެ ފުރަތަމަ ބައްދަލުވީ ކޮލެޖުންނެވެ. އެކީގައި ކިޔަވަން އުޅެންޖެހުމުން އަހަރެންނަށް އޭނާއާއެކު ވަގުތު ހޭދަކުރަން ފުރުޞަތު ލިބުނެވެ. އަދި ކެރިހުރެ ލޯބިވެސް ހުށަހެޅީމެވެ. އަހަރެންގެ ނަސީބު ހީނުކުރާހާ ރަނގަޅެވެ. ނިޝާ އަހަރެންގެ ހުށަހެޅުމަށް އާނއެކޭ ބުންޏެވެ. އެއީ އަހަރެންގެ ހަޔާތައް އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. ހަޔާތުގައި ވޭތުވެދިޔަ 20 އަހަރު ނުކުރާފަދަ ތަޖުރިބާއަކަށް ވުމުން ހިތުގެ ވިންދު ދެގުނައަށް އިތުރުވެސް ވިއެވެ.

ނިޝާއާއި އަހަރެންގެ ލޯބީގެ ހަޔާތް ފެށިގެން ދިޔައެވެ. ކޮލެޖްގައި ސިއްރު ބައްދަލުވުންތައް ބާއްވަމުން ދިޔައިމެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޭގަނޑު އެކުގައި ހޭދަކުރާ ވަގުތުތައް އިތުރުވެގެން ދިޔައެވެ. ހަނދުވަރުގެ އަލީގައި ދެމީހުން އަތުގުޅާލައިގެން މާލޭގެ ހިއްކި ސަރަހައްދުގައި ހިނގާލަން ދަމެވެ. އެފަދަ އެކިކަންކަމުގައި އަހަރެމެންގެ ލޯބި ހެދި ހެދިބޮޑުވަމުން ދިޔައެވެ. ވަރަށްވެސް ފުރިހަމަ ކަމާއި ސިއްހަތު ރަނގަޅު ކޮށެވެ. އަހަރެމެންގެ ލޯބީގެ މެހެފިލުގައި ވޭތުވެދިޔަ ފުރަތަމަ 6 މަސް ދުވަހަކީ އަހަރެންގެ މުޅި ދިރިއުޅުމުގައި އެންމެ ހިތްހަމަޖެހިގެން އުޅުނު ދުވަސްތަކެވެ.

ނަމަވެސް އޭގެފަހުން ނިޝާގެ އުޅުން ބަދަލުވަމުން ދިޔައެވެ. އަހަރެމެންގެ ބައްދަލުވުންތަކުގައި ކުރިންހުރި ލޯބީގެ އޮއިވަރު ކުޑަވާން ފެށިއެވެ. ބާރު ދަށްވަމުން ދިޔައެވެ. ނިޝާގެ ޚިޔާލުތަކުން އަހަރެން ނެއްޓެމުންދާހެން ހީވާން ފެށިއެވެ. ނިޝާގެ ވާހަކަ ދެއްކުމުގެ ރާގަށް ފޫހިކަން އަންނަން ފެށިއެވެ. އަހަރެންގެ ކޯލްތަކަށް ޖަވާބުދިނުން މަދުވިއެވެ. ޖަވާބުދޭ މަދު ފަހަރުތަކުގައި ވެސް ޝައުގުވެރިކަން ކުޑަވެފައިވާ ކަހަލައެވެ. ނަމަވެސް އަހަރެންނަށް ނިޝާދެކެ ވެވިފައިވީ ތެދުވެރި ލޯބީގެ ހައްގުގައި އެއީ އަހަރެންނަށް ހީވާ ހީވުމެއް ކަމުގައި ދެކުނީމެވެ. ނިޝާ އަހަރެންދެކެ ލޯބިވާ ކަމަށާއި އެއީ އޭނާއަށް ގޭތެރޭގައި ބުރަކޮށް އުޅެން ޖެހޭތީ ވާގޮތެއް ކަމަށް އަހަރެންގެ ހިތާއި ސިކުނޑިއަށް ވިސްނައިދިނީމެވެ. އެހެނަސް އަހަރެންގެ ދިރިއުޅުމުން ނިޝާ ދުރަށްދާން އުޅޭކަން އަހަރެންނަށް އެނގުނީ ހުދު އަހަރެން ލޮލުން އެކަންދެކި އަތުން ހިފުމުންނެވެ.

އަހަރެން ނިޝާއާ ބައްދަލުކުރުމަށް ނިޝާގެ ގެޔަށް ދިޔައީ އެކަން އެދޭވަރުން ކެއްނުވެގެންނެވެ. ދިއުމުގެ ކުރިން އެތައް ފަހަރަކު އަހަރެން ނިޝާއަށް ގުޅަންވެސް ގުޅީމެވެ. ނަމަވެސް ނިޝާ ދިޔައީ އަހަރެންގެ ކޯލްތައް ގަސްތުގައި ކަނޑަމުންނެވެ. އެހެންކަމުން އަހަރެން އެގެޔަށްގޮސް ނިޝާގެ ކޮޓަރި ކައިރިޔަށް ހުއްޓި އޭނާއަށް ގޮވާލުމަށް އަނގަހުޅުވާލީމެވެ. ނަމަވެސް ނިޝާގެ ނަން ކިޔުމުގެ ކުރިން އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ.

ނިޝާގެ ކޮޓަރިން އިވުނީ އަހަރެންގެ އެންމެ އެކުވެރި ނަރީންގެ އަޑެވެ. އަދި ނިޝާ ހީސަކަރާތްޖަހާ އަޑެވެ. އެމީހުންގެ އަޑުން އެއީ ކީއްކުރާ ބަޔެއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގުނެވެ. ނަމަވެސް ގަބޫލުކުރާކަށް އަހަރެންނަކަށް ކުޅަދާނައެއް ނުވިއެވެ. އެހެންކަމުން ބޭއިހްތިޔާރުގައި ނިޝާގެ ކޮޓަރީގެ ތަޅުގައި އަހަރެންނަށް ހިފާލެވުނެވެ. ދޮރު ހުރީ ތަޅުނުލާކަމުން ތަޅު އަނބުރާލުމާއެކު ދޮރު ހުޅުވުނެވެ. އަހަރެންނަށް ފެނުނު މަންޒަރުން އަހަރެންނަށް ހީވީ ބޯމައްޗަށް ހޫނު ފެންއެއްޗެއް އަޅާލިހެންނެވެ. ނިޝާގެ އެނދުމަތީގައި އޭނާއާއެކު އެއޮތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، ނައުރީން އެވެ.

އަހަރެންގެ ދެލޯ ކަރުނައިން ފުރިގެންދިޔައެވެ. އެމީހުން ލަދުގަތުމުގެ ބަދަލުގައި އެވަގުތުވެސް އަހަރެންގެ ކުރިމަތީގައި ލޯބީގެ މަންޒަރެއް ކުޅެލިއެވެ. ހިތަށް ލިބުނު ޒަހަމުން އަހަރެން މަރުނުވީ ކިރިޔާއެވެ. ގެޔަށް އާދެވުނީ ކޮން ހާލެއްގައި ކަމެއް ހުދު އަހަރެންނަށްވެސް ނޭނގެއެވެ.

އެދުވަހަށްފަހު އަހަރެންގެ ހަޔާތް ބަނަވެގެން ދިޔައެވެ. ލޯބީގެ މައިދާނުގައި ލިބުނު ކެއްސަކީ އަހަރެންގެ މުޅިހަޔާތުގެ އުއްމީދުގެ ހުޅުކޮޅު ނިއްވާލި ސަބަބެވެ. އަހަރެންނަށް އަހަރެންގެ ނަސީބާއި މެދު ނަފުރަތު ކުރެވުނެވެ. އެންމެ އިތުބާރު ކުރި ދެފަރާތުގެ ކެހިލިބިއްޖެއެވެ. ލޯބީގައި އަހަރެންވީ ވަފާތެރިކަމަށް ލިބުނު އިނާމަކީ ބޭވަފާތެރިކަމެވެ. ހިތި ސަޒާއެކެވެ. އެއަށްފަހު ދުނިޔޭގައި އުޅެން އަހަރެން ފޫހިވިއެވެ. އަންހެނަކަށް އިތުބާރު ކުރުމުގެ އިތުރުން ތިމާގެ އެންމެ ގާތްއެކުވެރިންނަށް ވެސް އިތުބާރުކުރުން ގެއްލުނެވެ. ލިބުނު ފުންހިތާމައިގައި މަރުވުމަށްވެސް އެތަށް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް މުސްލިމަކަށް ވެހުރެ އެފަދަ ކަމެއް ކުރުމަށް އަހަރެންގެ ޒަމީރެއް ހުއްދައެއް ނުދިނެވެ. ލޯބީގެ ޓެސްޓުން ފެއިލްވުމުން ދިރިއުޅުން މަތިން ފޫހިވެއްޖެއެވެ.

***

ޑައިރީގެ ފަހު ޞަފްހާ ކިޔާލިއިރު އައިޝާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. އޭނާގެ ބޭބެއަށް އައިސްފައިވާ ބަދަލުގެ ސިއްރު ހާމަވުމުން ހަމްދަރުދީ ވެވުނެވެ. އަދި ބޭބެއަށް ކާމިޔާބު ދިރިއުޅުމެއް ހޯދައިދިނުމަށް އައިޝާގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ ޒާހިރާ ހަސަން، ގްރޭޑް 11 ބީ، ލިޔެފައިވާ ވާހަކައެކެވެ. ޒާހިރާގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355