ސީމާ ހަސަން
“މަންމާ މިދަނީ!” އަހަރެން ކުޑަދޮރުން ބޯ ދިއްކޮށްލުމަށްފަހު ތިރީގައި ހުރި މަންމައާ ދިމާއަށް ގޮވާލީމެވެ.
އޭރު މަންމަ، ކާރަށް ފޮށިތައް އަރުވަނީއެވެ. އަހަރެން އަނެއްކާވެސް ކޮޓަރިއަށް ނަޒަރު ހިންގާލީމެވެ. ރަށަށް ދަމުން ގެންދަން ބޭނުންވާ އެހެން އެއްޗެއް އޮތްތޯއެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ފޮތް ހަރުގަނޑަށް ބަލާލީމެވެ. ލޮލުގައި އަޅައިގަތީ ރަތްކުލައިގެ ވިދާ ކަރުދާހެއް ލައްވާފައި އޮތް ފޮތެވެ. އެއީ އަހަރެން މީގެ ފަސް އަހަރު ކުރިން އެތަނަށް ފޮރުވަންލީ، އަހަރެންގެ ފުރާވަރު އުމުރުގެ ޑައިރީއެވެ. އެ ހަނދާންތަކާ ދުރުވަން ބޭނުންވާތީ، ނަމަވެސް އެހަނދާން ކުރަން ބޭނުންވާތީ މާލެ ގެނައި ޑައިރީއެވެ.
ޑައިރީ ހުޅުވާ ނުލާތާ ފަސް އަހަރު ވަނީއެވެ. ކޮންމެ ފަހަރަކުވެސް ބޭރު ބަލާލާފައި ބާއްވަނީއެވެ. ކޮންމެއަކަސް ރަށަށް ގެންދިއުމަށްޓަކައި ޑައިރީ ނެގީމެވެ. ނެގިތަނާހެން އެވެއްޓުނީ ފޮޓޯ ގަނޑެކެވެ. އެއީ ގްރޭޑް ދިހައެއްގެ ކްލާސް ޕާޓީގައި އަސްލަމާއެކީ ނެގި ފޮޓޯއެވެ. އެއީ ކުޑައިރުންސުރެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އުޅުނު އަސްލަމެވެ. ނަމަވެސް އެ އެކުވެރިކަން އަހަރެންގެ ހިތުގައި ލޯތްބަށް ބަދަލުވީއެވެ. އަހަރެން ލޯބި ހުށައެޅުންވީ ކުރެވުނު އެންމެ ބޮޑު މޮޔަކަމަށެވެ.
“އައިޝާ!” އަހަރެންގެ މާޒީގެ ހަނދާންތަކުގެ ފުން ކަނޑުން ބޯހިއްލައިލެވުނީ މަންމަ ގޮވާލި އަޑަށެވެ.
ޑައިރީ މޭގައި ޖައްސާލައިގެން އަހަރެން ތިރިޔަށް ފޭބީމެވެ. މަންމަ އިނީ ކާރަށް އަރައިގެން ކަމުން އަހަރެންވެސް އެރީމެވެ.
“ދަރިފުޅާ، އަދިވެސް އަސްލަމް މަތިން ހަނދާން ކުރަނީތަ؟” މަންމަ ބަލަހައްޓައިގެން އިނީ އަހަރެންގެ އަތުގައި އޮތް ފޮޓޯއަށެވެ.
އަހަރެންނަށް އިނދެވުނީ ފޮޓޯގަނޑު ހިފައިގެންކަން އެނގުނީ ދެނެވެ.
“ދަރިފުޅު ތިއުޅެނީ މީހަކާ އިންނާށޭނުން.” މަންމަގެ ވާހަކަ ދެއްކުމުގައި ހުރީ އަޅާލުމާ ނަސޭހަތް ދިނުމުގެ ރާގެވެ.
އެ ކައިވެންޏަކީ މަންމަ އާއި ބައްޕަގެ އެދުމަށް ކުރާ ކައިވެންޏެކެވެ. އަހަރެން އިންނަން އުޅޭ މީހަކީ އަހަރެން އެހާ ދަންނަ މީހެއްވެސް ނޫނެވެ. އެނގޭހާވެސް އެއްޗަކީ، އަލީ ދެކެ އަހަރެން ކުޑަކޮށްވެސް ލޯބި ނުވާކަމެވެ. އެކަމާ ނުވިސްނަންވެގެން އަހަރެން ޑައިރީ ހުޅުވާލީމެވެ. ހުޅުވާލެވުނީ އަސްލަމްއަށް ލޯބި ހުށަހެޅި ދުވަހުގެ ޞަފްހާ އަށެވެ. އަހަރެން ކިޔަން ފެށީމެވެ.
****
އަހަރެން އަސްލަމް ގާތު އެވާހަކަ ބުނުމުން އޭނާ މޫނު މައްޗަށް ވެރިވީ އިންތިހާ ހައިރާން ކަމެކެވެ. އޭނާ އެކައްޗެއްވެސް ނުބުނެ އިނެވެ. އަހަރެމެން އެގޮތަށް ދެތިން މިނެޓް ވަންދެން އެހެން ތިބީމެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަހަރެން ހިތަށް އެރިއެވެ. އަނެއްކާ އަހަރެމެންގެ އެކުވެރިކަމަށް އަހަރެންގެ ހުށަހެޅުމުގެ ސަބަބުން ލޮޅުމެއް އަރާފާނެބާއެވެ. އެންމެފަހުން ކެތްނުކުރެވިގެން އަހަރެން ރެސްޓޯރަންޓުން ދުވެފައި ނުކުތީމެވެ.
އޭގެ ދެދުވަސް ފަހެވެ. ދެދުވަސް ވީއިރުވެސް އަސްލަމްގެ ހަބަރެއް ނުވިއެވެ. އޭގެ އަނެއް ދުވަހަކީ އަހަރެން ކޯހަށް މާލެދާން ހަމަޖެހިފައިވާ ދުވަހެވެ. އެއީވެސް އެއްގޮތަކުން ރަނގަޅު ކަމެކެވެ. އެއީ ގަނެފައިވާ ލަދު ފިލައިގެން ދާނެތީއެވެ. މިއަދު އަހަރެންގެ އެކުވެރި ޒުލްފާ އައެވެ. އޭނާއައީ އަހަރެންގެ އެކުވެރި އަސްލަމްއާ ވާހަކަ ދެއްކުމަށްފަހުއެވެ. ޒުލްފާ ދިނީ އަހަރެންގެ ހިތް ކުދިކުދިވި ވާކަހަލަ ހަބަރެކެވެ. އަސްލަމް އެހެން ކުއްޖެއް ދެކެ ލޯބިވެއެވެ. އަދި އުޅެނީ އެއްވެސް މީހެއްގެ ކައިރީ ނުބުނެ ސިއްރުކޮށްގެންނެވެ. އަސްލަމް އަހަރެންގެ ކައިރީ އެވާހަކަ ބުނަން އޮތް ދުވަހު، އަހަރެން އެވާހަކަ ބުނުމުން ވަރަށް ބޮޑަށް ޝޮކެއް ލިބުންވާހަކަ އަސްލަމް ބުނިކަމަށް ވެސް ޒުލްފާ އަހަރެން ކައިރީ ބުންޏެވެ.
ޒުލްފާ ދިއުމުން އަހަރެން ފޮއްޓަށް އެއްޗެހި އަޅަން ފެށީމެވެ. ފުރަނީ މާދަމާ ކަމުގައި ވިޔަސް ރަށް ދޫކޮށްފައި ދާން ބޭނުންވާލެއް ބޮޑު ކަމުންނެވެ. އަދި މިއަދަށްފަހު އަހަރެން މި ޑައިރީގައި ނުލިޔާނަމެވެ. އެކަމަކުވެސް މިހިތާމަ އަހަރެންގެ އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި ބޭނުންވާތީ އަހަރެން، މި ޑައިރީ މާލެ ގެންދާނަމެވެ. މި ޑައިރީއަކީ އަހަރެންގެ އުފަން ދުވަހުގައި އަސްލަމް ދިން ހަދިޔާއެއް ކަމުން މިޑައިރީގެ ބޭރު ފެނުމުންވެސް ހިތް ފުރޭނެއެވެ. “ޑައިރީ އާއި އަސްލަމް އޭ، ވައްސަލާމް އަލައިކުމް.”
****
އެންމެ ފަހު ޖުމްލަކޮޅު ކިޔާ ނިމުނުއިރު އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަފައިބައެވެ. އޭރު ކާރުވެސް ހުއްޓައިފިއެވެ. އަހަރެން ދެއަތުން ކަރުނަތައް ފޮހެލާ، ދޯންޏަށް އެރީމެވެ. ފުރީންސުރެ ރަށަށް ދެވެންދެން އަހަރެންނަށް އޮވެވުނީ އަސްލަމްގެ ހިޔާލުތަކުގެ ތެރޭގައެވެ. އަހަރެންނަކަށް އަސްލަމް ނޫން އެހެން މީހަކުދެކެ ލޯތްބެއް ނުވެވޭނެއޭ އަހަރެންގެ ހިތަށް އެރިއެވެ.
ކޮންމެއަކަސް ހުކުރު ދުވަހުގެ އިރު އެރުމާއެކީ ދޯނިވެސް ރަށަށް ލަފައިފިއެވެ. އަހަރެންނާއި މަންމަ ލެއްޕުމަށް ބައްޕަ އައިސް ހުއްޓެވެ.
“ކޯހުން ފާސްވީމަ ވަރަށް ބޮޑު ހަދިޔާއެއްވެސް އޮންނާނެ.” ބައްޕަ ވަރަށް އުފާވެފައި ބުންޏެވެ.
“ހަދިޔާ ނުދިނަސް ވެދާނެއޭނުން.” އަހަރެން ބައްޕައާ ސަލާމް ކޮށްލަމުން ބުނީމެވެ. އަދި ބައްޕައާއެކު ގެޔަށްދާން ހިނގައިގަތީމެވެ.
އަހަރެން އެހެން ބުންޏަސް ހުރީ ވަރަށް ޝައުގުވެރި ވެފައެވެ.
“އަނެއްކާ ކޯޗެއްބާ؟” އަހަރެން ސަމާސާ ރާގަކަށް އަހާލީމެވެ.
“އެއީ ކައިވެންޏާ ވަރަށް ގުޅޭ ހަދިޔާއެއް” ބައްޕަ އެހެން ބުނުމާއެކު އަހަރެންގެ މޫޑު ކަޓައިފިއެވެ.
“ބައްޕާ. އަހަރެން ބޭނުމެއްނޫން ކައިވެނި ކުރާކަށް.” އަހަރެން ކުސްތަޅުވަން ފެށީމެވެ. “ކައިވެނި ކުރަން އުޅޭ މީހަ ރަނގަޅަށް ދަސްވެގެންނޭނުން ކައިވެނި ކުރެވޭނީ”
އެހެން ބުނެވުނު އިރު ގެޔާހަމައަށް އާދެވިއްޖެއެވެ.
“ބައްޕަ އަންނާނަން ބާކީ ހުރި ފޮށިތައް ހިފައިގެން. ދަރިފުޅު ދޭއެތެރެއަށް. ހަދިޔާ ވާނެ ސިޓިންގ ރޫމްގަ.” ބައްޕަ ލާނެއް ގޮތަކަށް އެހެން ބުނެފައި ހިނގައިގަތެވެ. ނަމަވެސް އަހަރެން ގެޔަށް ވަނީ އެއްވެސް ޝައުގުވެރި ކަމެއް ހުރެގެންނެއް ނޫނެވެ.
ސިޓިންގ ރޫމަށް ވަނުމާއެކު އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ، އެތެރޭގައި ދޮރަށް ފުރަގަސް ދީގެން ހުރި ޒުވާނެކެވެ. އެއީ ކިތަންމެ ދުވަހެއް ވިޔަސް އަހަރެންގެ ހަނދާނުން ފުހެވިގެން ނުދާނެ ސޫރައެކެވެ. އަހަރެން ވެފައިހުރި ހައިރާނެއްގެ ބޮޑުކަމުން އެއްޗެއް ބުނަން ނޭނގިފައި ހުރެވުނީއެވެ. އަހަރެން ގޭތެރެޔަށް ވަތްއަޑަށް އޭނާ އެނބުރުނެވެ. އެއީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ލޯބިވެރިޔާ އަސްލަމްއެވެ.
“އެނގޭ ގަބޫލު ކުރަން ދަތިވެފައިކަން ތިހުރީ. މީއޭ އައިޝާ އިންނަން ތިއުޅޭ މީހަކީ. އަދި ބައްޕަ އެބުނި ބޮޑު ހަދިޔާއަކީވެސް މިއީ. އަހަރެންނަށް ކިޔަނީ އަލީ އަސްލަމްކަން އައިޝާ ހަނދާން ނެތުނީދޯ.” އަސްލަމް އައިޝާގެ ކައިޔަށް ހުއްޓިފައި ހީލާފައި ބުންޏެވެ.
އަދިވެސް އަހަރެންނަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އަހަރެން ހިތަށް އެރިއެވެ. އަސްލަމް ލޯބިވީ ކުއްޖާ ކޮބައި ބާވައެވެ؟
“އައިޝާ ލޯބި ހުށަހެޅި ދުވަހުން ފެށިގެން އަހަރެންނަށް ވިސްނެނީ އައިޝާ ދެކެ. އަހަރެން އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅުނު ކަމުގައި ވިޔަސް އަބަދުވެސް ހަމަ ހަނދާން ވަނީ އައިޝާ މަތިން. އެހެންވެ އޭނަޔާ އަހަރެން ރުޅިވީ. އައިޝާއަށް ގުޅާގުޅާ ފޯނެއް ނުނަގާ. އައިޝާ މަތިން ހަނދާން ކުރެވެން ދެން އޮތީ އަހަރެންގެ ޑައިރީ.” އަސްލަމް އަށް އަހަރެންގެ ހިތުގައި ހުރި ސުވާލުތައް އެނގޭ ކަހަލައެވެ.
މިއީ ހާދަބޮޑު އިއްތިފާގެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ.
“އައިޝާ ކޯސް ނިމެންދެން މިމަޑުކުރީ. އައިޝާ މަންމައާ ބައްޕައާ ވާހަކަ ދައްކައިގެން އައިޝާއަށް ސަޕްރައިޒް ދޭންވެގެން ހުރީ. ސަޕްރައިޒް ވެއްޖެދޯ.” އަސްލަމް އަހަރެންގެ ކޮލުގައި ހިފާލައިފާ އަހާލިއެވެ.
“ސަޕްރައިޒް އަށްވުރެ ބޮޑަށް އުފާވެއްޖެ.” އަހަރެން އަސްލަމްގެ ގައިގައި ބައްދާލީމެވެ.
އަސްލަމްގެ ޑައިރީއަކީ އަހަރެން އަސްލަމްގެ އުފަންދުވަހު އޭނާއަށް ދިން ހަދިޔާ އެކެވެ. ދެމީހުން މިގުޅުނީ ހާދަ އެހެން ކަހަލަ ގޮތަކަށޭ އަހަރެން ހިތަށް އެރިއެވެ. ޑައިރީގެ ސަބަބުން ބާއޭވެސް ހިތަށް އެރިއެވެ.
-ނިމުނީ-
ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖޫނިއަރ ގްރޫޕްގެ ސީމާ ހަސަން، ގްރޭޑް 9 އީ، ލިޔެފައިވާ ވާހަކައެކެވެ. ސީމާގެ މިވާހަކަ ޖޫނިއަރ ގްރޫޕްގެ އެންމެ މޮޅު 5 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.