twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުރުވާހަކަ – ޑައިރީ

Sep 4, 2011

އަމާނީ އަބްދުއްލަތީފް

ފާތުން އޭނާގެ 28 އަހަރުވީ ބޭބެގެ ކޮޓަރި ސާފު ކުރުމުގައި މަޝްޢޫލު ވެގެން އުޅުނެވެ. ކޮޓަރި ސާފުނުކޮށް ހުރިތާ ގިނަދުވަސްތަކެއް ވެފައިވުމުން ބޭބެގެ އެދުމުގެ މަތިންނެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ވަރަށް ބޮޑު ކަޅުކުލައިގެ ފޮތެކެވެ. އަތުގައި އޮތް ފިހިގަނޑު ބޭއްވުމަށްފަހު ފޮތް ހިފައިގެން އެނދުގައި އިށީނދެލީމެވެ. އަދި ހިރަފުސް ފޮޅާލުމަށްފަހު ފޮތް ހުޅުވާ ކިޔަންފެށީމެވެ.

****

އަހަރެންގެ އުމުރުން އެންމެ ވިހި އަހަރެވެ. އާއަހަރަކާ އަހަރެން ކުރިމަތިލީ ޙަޔާތް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ކުރަމުން ގެންދިޔަ ފޮނި އުއްމީދު ތަކަކާއި އެކުއެވެ. ވަޒީފާ އަދާކުރަމުން ގެންދަނީ އެ އަޒުމުގައެވެ. އެ އުއްމީދުގައެވެ. އެހެން ނަމަވެސް ހަޔާތް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ބައިވެރިއެއް އަދި އަހަރެންނަށް ނުފެނެއެވެ. އަންހެން ކުދިން ފެނެއެވެ. ރީތި ކުދިން ފެނެއެވެ. ނަމަވެސް އެކުއްޖެއްގެ މައްޗަށް އަހަރެންގެ ހަޔާތް ދޫކޮށްލެވޭފަދަ ކުއްޖެއް އަދި ނުފެނެއެވެ.

ދުވަހަކީ އާދައިގެ ދުވަހެކެވެ. ވަކިން ހާއްސަކަމެއް ނެތެވެ. އޮފީހުގެ މަސައްކަތުގައި އަހަރެން މަޝްޢޫލުވެފައި ވުމުން މިއަދު މިއީ އާކުދިންތަކެއް އޮފީހަށް ވެއްދުމަށް އިންޓަވިއު ކުރަން ހަމަޖެހިފައި އޮތް ދުވަސްކަން ހަނދާނެއް ނެތެވެ. އޮފީހުގެ ބޮޑުމީހާ ގުޅުމާއިއެކު، އެވަގުތު ކުރަން އިން ކަންތައް ހުއްޓާލާފައި ބޮޑުމީހާގެ ކޮޓަރިއަށް ދިޔައިމެވެ. އަދި އަލަށް ވައްދާކުދިންގެ އިންޓަވިއުގެ ކަންތައް އަހަރެންނާ ހަވާލުކުރިއެވެ. އެހެންކަމުން އެކަންކުރުމަށް ދެފަޔަށް ބާރުލާފައި ހިނގައި ގަތީމެވެ.

އަހަރެންގެ ކޮޓަރިއަށް ވަދެގެން އެއަންނަނީ ރީތި ޖިންސުއްލަތީފެކެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ދޮން މޫނެކެވެ. ލައިފައިވާ ހެދުމާއި ގުޅޭނެހެން އޭނާހުރީ މޭކަޕްކޮށްގެންނެވެ. ލުއި މޭކަޕެކެވެ. އޭނާ މަޑު ހިނގުމެއްގައި އައިސް އަހަރެންގެ މޭޒު ކުރިމަތީ އިށީނެވެ. އަހަރެން އޭނާގެ ފެންވަރު ބަލާ ހެދުމަށްފަހު ވަޒީފާއަށް ހޮވޭނެ ކަމުގެ ހެޔޮ ހަބަރު އޭނާއަށް ދިނީމެވެ.

****

ދޮރުގައި މީހަކު ހިފިއަޑަށް ފާތުން ސިހުނެވެ. ފާތުންގެ މަންމަ ދޮރު ހުޅުވާލުމަށްފަހު ކާންއައުމަށް ބުންޏެވެ.

“އަޅުގަނޑު މިވަގުތު ބަނޑުހައެއްނޫން.” ފާތުން ދާން ބޭނުން ނުވުމުން މަންމަ އެނބުރި ދިޔައެވެ. އަދި ފާތުން އެނބުރި ފޮތަށް ބަލާލިއެވެ. އަދި ލަސްނުކޮށް ކިޔަންފެށިއެވެ.

****

އަހަރެންނަށް ގިނަވަގުތު އުޅެން ޖެހެނީ އެޒުވާނާ އާއެކުއެވެ. އެއީ ލައިޝާއެވެ. ލައިޝާގެ ކިބައިގައި މަސައްކަތުގެ ހުނަރު އެބަހުއްޓެވެ. ފާޑުވެރިކަން އެބަހުއްޓެވެ. މިހުރިހާ ކަމެއް އެކުވުމުން ލައިޝާ އިތުރަށް ފުރިހަމަ ކޮށްދެއެވެ. މާގިނަދުވަހެއް ނުވެ އަހަރެންނަށް ލައިޝާއާމެދު ހާއްސަ ގޮތެއް ބެހެއްޓެން ފެށުނެވެ. އެކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ޔަގީނުން ލައިޝާއަށްވެސް ހުންނާނީ އެކަން ފާހަގަ ކުރެވިފައެވެ.

އަހަރެން ލައިޝާއަށް ލޯބި ހުށަހެޅީ ފޯނުންނެވެ. އަންހެން ކުދިންނަށް ކަމުދާނޭފަދަ ފިނިފެންމަލެއް ބޭނުމެއް ނުކުރަމެވެ. އަދި ކީއްހެއްޔެވެ. އެފަދަ އިބާރާތެއްވެސް އަހަރެންގެ ހިތަށް އެދުވަހު ނައެވެ. އަހަރެންނަށް ބުނެވުނީ ހަމައެކަނި “އަހަރެން ލައިޝާދެކެ ލޯބިވަމޭ” މިހެންނެވެ. އޭނާވެސް އެވަގުތު އަހަރެންގެ ލޯބި ގަބޫލު ކުރިއެވެ. އަހަރެން ހައިރާނެއް ނުވެއެވެ. އެއީ އަހަރެން ގަބޫލު ކުރާގޮތުގައި މިވީހާދުވަހު އަހަރެން އެހެން ބުނެފައި ނުވީ ނަމަވެސް އޭނާއަށް އަހަރެން ލޯބިވާކަން އިހްސާސް ވާނެކަން އަހަރެންނަށް އެނގޭތީއެވެ.

އަހަރެން ލައިޝާދެކެ ލޯބިވަމެވެ. އަދި ލައިޝާވެސް އަހަރެން ދެކެ ލޯބިވާ ކަމުގައި އަބަދުމެ ބުނެއުޅެއެވެ. އޭނާ “ފަރުހާދު” އޭ ކިޔާ ގޮވާލާނޭ ވަގުތެއްގެ އިންތިޒާރުގައި އަހަރެންގެ ދެކަންފަތް އިންތިޒާރު ކުރެއެވެ. އޭނާ ފެނުމުގެ އިންތިޒާރުގައި އަހަރެންގެ ދެލޯ ނުނިދައެވެ.

****

ޑައިރީ ކިޔަމުން ދިޔައިރު އެކިއެކި ހިޔާލުތައް ފާތުންގެ ހިތަށް ވެރިވަމުން ދިޔައެވެ. ވަރަށް ހަލުވިކޮށް ޑައިރީ ކިޔަމުންގޮސް ފޮޓޯގަނޑެއް ލައިފައި އޮތް ސަފްހާއަކާ ޖެހުމުން ފޮޓޯއަށް ބަލާލުމަށް މަޑުޖެހިލުމަށްފަހު އަނެއްކާވެސް ކިޔަން ފެށިއެވެ.

****

ފުރަން ދާން އަހަރެން ނުކުތީ ދާހިތަކުން ނޫނެވެ. ލައިޝާއާއި ނުލާ 5 އަހަރު ދުވަހު އަހަރެން ބޭރު ގައުމެއްގައި އުޅޭނީ ކިހިނެތް ހެއްޔެވެ. އޭނާ އަހަރެންނަށް އިންތިޒާރު ކުރާނޭކަމަށް ބުންޏެވެ. ލޯބީގައި ކެތްކުރާނެ ކަމަށް ބުންޏެވެ. ވަދާއުގެ ސަލާމުގެ ގޮތުގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ލައިޝާ ދިނެވެ. އަހަރެންގެ ހިތަށް އަދިވެސް ސިފަވެގެން ދަނީ އެލޯބި އަޑުން “އިންތިޒާރު ކުރާނަން” މިހެން ބުނިއަޑެވެ. ބައްޕައާއި ފާތުންވެސް އަހަރެން ފުރުވަންދާން ކާރަށް އެރިއެވެ. އޮފީހުގެ ފަރާތުން އެފަދަ ކޯހެއް ލިބުނީތީ އެމީހުންތިބީ އަހަރެންނަށްޓަކައި ފަހުރުވެރި ވެފައެވެ. ފާތުން ކޮއްކޮ ދެރަވެފައި ހުރިތަން ފެނުމުން އަހަރެން ސަމާސާ ކޮށްލުމަށްފަހު އެއާޕޯޓުގެ އެތެރެއަށް ވަނީމެވެ.

ބޭރަށް ދެވުމާއި އެކު އަހަރެން ލައިޝާއަށް ގުޅީމެވެ. އޭނާގެ ދެރަވެފައިވާ އަޑުއިވުމުން އަހަރެންގެ ހިތް ރޫޅުނު ފަދައެވެ. ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު ކޯހުގެ ފުރަތަމަ ކްލާހަށް ތައްޔާރު ވީމެވެ.

****

ފާތުން އިނީ ވަރަށް ޝައުގުވެރިކަމާއެކު ޑައިރީ ކިޔާށެވެ.

****

ދެއަހަރު ފަހެވެ. ދެއަހަރު ވީއިރު އަހަރެންގެ ލައިޝާ ބަދަލު ވެއްޖެއެވެ. ގުޅިޔަސް ފޯނެއް ނުނަގައެވެ. ފޯނު ނެގިޔަސް ހުންނަނީ ބިޒީވެފައެވެ. ނޫނީ ފޫހިވެފައެވެ. އޭނާ އަހަރެންދެކެ ފޫހިވީ ބާވައެވެ. ނޫނެކެވެ. އަހަރެން ލައިޝާއަށް އިތުބާރު ކުރަމެވެ.

އެއްދުވަހަކު އަހަރެން މެއިލްތައް ބަލަން އިނީމެވެ. ހިތުގައި ވަނީ އުދާހެވެ. ބޭރުކޮށްލަން އުޅެއުޅެވެސް ބޭރުކޮށެއް ނުލެވުނެވެ. މެއިލްތަކުގެ ތެރެއިން ލައިޝާގެ މެއިލް އެއް ފެނުނެވެ. އެމެއިލްގައި އޮތީ މިހާރު ލައިޝާ އަހަރެންދެކެ ލޯބި ނުވާވާހަކައާއި އޭނާގެ އުމުރު އަހަރެން އެނބުރު އަންނަންވާއިރު މާ ދޮށީވެފަ ހުންނާނެ ވާހަކަ އާއި އެހެންކަމުން މިރޭ “ސުހެއިލް” އާ ކައިވެނި ކުރާ ވާހަކައެވެ. އަހަރެންނަށް ރޮއި ގަނެވުނެވެ. ސުހެއިލް އައިޝާ ހޯދުމަށް މިރޭވީ ކިހާ މޮޅު ރޭވުމެއް ހެއްޔެވެ. އަހަރެންގެ ބޮޑު މީހާ އަހަރެން 5 އަހަރުގެ ކޯހަކަށް ފޮނުވީ އަހަރެންނަށް ހެޔޮ އެދިގެންނެއް ނޫނެވެ، ލައިޝާ ޖަހައިގަތުމުގެ ބޭނުމުގައެވެ. ހިތާމައަކީ ލައިޝާވެސް ސުހެއިލްގެ ބަސްތަކަށް ހެއްލުމެވެ.

****

އެހިސާބަށް ކިޔުނުއިރު ފާތުންގެ މޫނުމަތިން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ. އެހެންނަމަވެސް ހުއްޓައިނުލައި ޑައިރީ ކިޔަމުން ގެންދިޔައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެންމެ ފަހު ޖުމްލައެވެ.

“އަންހެނަކަށް އިތުބާރު ނުކުރާށެވެ. އަންހެނަކަށް އިންތިޒާރު ނުކުރާށެވެ. އެ އިންތިޒާރުގައި އެއްވެސް ފޮނި ނިމުމެއް ނުވާނެއެވެ.”

ފާތުން މަޑުމަޑުން ފޮތް ލައްޕާލިއެވެ. އަދި އިންތަނުން ގުޑާލަން ނޭނގިފައި އިނެވެ. އޭނާގެ ބޭބެ ވަނީ ލޯބީގައި ނާކާމިޔާބު ވެފައެވެ. ބޭބެ ވަނީ އަންހެނުންދެކެ ފޫހިވެފައެވެ. 28 އަހަރު ވީއިރުވެސް ބޭބެއަށް ކަމުދާ ކުއްޖަކު ނުފެންނަނީހޭ އަހާލާ ކޮންމެ ފަހަރަކު އޭނާގެ ބޭބެ ދޭ ޖަވާބު ފާތުންގެ ހިތަށް އެރިއެވެ، “އަހަރެން މިހެން އެކަނި ހުންނާނީއެވެ. އޭނާގެ ބޭބެ މަޖާކޮށްފައި މިހެން ބުނިކަމުގައި ވިޔަސް އެއަޑުގައި އަސަރު އެކުލެވިފައި ވާކަން ފާތުންނަށް އިހުސާސްވީ މިއަދުއެވެ.

ފަރުހާދު ކޮޓަރިއަށް ވަދެގެން އަންނަތަން ފެނުމުން ފާތުން ދުވަފައިގޮސް ބޭބެގެ ގައިގައި އޮޅުލައިގަތެވެ. ފަރުހާދު ހުރީ ހައިރާންވެފައެވެ. އެވަގުތު އޭނާގެ އެނދުމަތީގައި އޮތްފޮތް ލޮލުގައި އަޅައިގަތެވެ. އަސަރު ހުރި ގޮތަކަށް ހިނިތުން ވެލުމަށްފަހު ފާތުންގެ ބޮލުގައި ފިރުމާލިއެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ އަމާނީ އަބްދުއްލަތީފް، ގްރޭޑް 12 ސީ، ލިޔެފައިވާ ވާހަކައެކެވެ. އަމާނީ ގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355