ޝިފާ ޢުމަރު
އޮއްސެމުންދާ އިރާ ދިމާލަށް ބަލަހައްޓައިގެން ގޮނޑުދޮށުގައި އިން ޝިޔާނާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. މިއަދު ފުރޮޅުލީ ގޮނޑިއެއްގައި ޝިޔާނާ އިންކަމުގައި ވިޔަސް އެއީ އޭނާ އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމެއް ނޫނެވެ. އޭނާއަށް މިފަދަ ބޮޑު ވޭނެއް އުފުލަން ޖެހިފައި މިވަނީ ޚުދު އޭނާގެ ސަބަބުންކަން ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ނަފުސު ދެކެ ރުޅިއާދެއެވެ. ނަފްރަތު ކުރެއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ. ތަޤްދީރުގެ ނިޔާއަކީ އެކަކަށްވެސް ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ.
އެ ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މީގެ ހަ އަހަރު ކުރިންނެވެ. އެއިރު ޝިޔާނާގެ އުމުރުން އެންމެ 18 އަހަރެވެ. ޝިޔާނާއަކީ ރީތިކަމުގެ މިސާލެއް ފަދަ އަންހެން ކުއްޖެކެވެ، އޭނާގެ ރޭގަނޑެއްފަދަ ފަން އިސްތަށިގަނޑާއި އަޖައިބެއްފަދަ ދަމާބާރެއް އެކުލެވޭ އެ ރީތި ދެލޮލުގެ ޖާދޫގައި ނުޖެހޭނެ ހަމަ އެކަކުވެސް ނުވާނެކަން ކަށަވަރެވެ. އެއްވެސް އައިބު ކަމެއް ނެތް ހިމަ ނޭފަތުގެ ތިރީގައިވާ ރަތް ފިނިފެންމަލެއްފަދަ ތުންފަތުގެ އެންމެ ހިނިތުންވުމަކަށް އެދިއެދި ތިބި ޒުވާނުން ކިތަންމެހައިވެސް ގިނައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާގެ ހިތުގައި ރަސްކަން ކުރެވޭފަދަ މީހަކަ ބައްދަލު ނުވަނީ ކަމުގައި ވެދާނެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އިރުގެ ރަން ދޯދިތައް ދުނިޔެއާއި އަލްވަދާއު ކިއުމަށްފަހު ރޭގަނޑުގެ އަދިރި ކަމުގެ ތެރެއަށް ވަންނަން ތައްޔާރު ވަނީއެވެ. ޖެހެމުންދާ ފިނިފިނި ވައިރޯޅިތައް ހިތްތަކަށް އިތުރު ތާޒާކަމެއް ގެނެސްދެމުން ދިޔައެވެ. ޝިޔާނާވެސް ހުރީ ވަރަށް ގަޔާވެ އެހިތްގައިމު މަންޒަރުގެ ހިތްހަމަޖެހުން ލިބިގަންނާށެވެ. އޭނާއަށް ހޭވެރިކަންވީ މީހަކު ގޮވާލި އަޑަށެވެ، އެއީ އޭނާގެ ބެސްޓް ފްރެންޑް ރޭޝްމާއެވެ.
“ގުދުރަތީ މަންޒަރުތަކަށް ލޯބި ކުރިޔަސް ތިވަރު ތަންފުކެއް ބޮޑު އިނގޭ ޔާނާ! އަހަރެން މިހާރު ކިހާއިރެއް މިތާ ހުންނަތާ؟ ދެންވެސް ހިނގާބަލަ އަވަހަށް ރެޑީވެގެން ޑައިންމޯއަށް ދާން. އެންމެން އެބަތިބި އެތަނުގައި. އަހަރެން ތިރީގައި މަޑުކޮށްލާނަން. އަވަސް ކުރައްޗޭ!” ޝިޔާނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ރޭޝްމާ ކޮޓަރިން ނުކުމެގެން ދިޔައެވެ. ޝިޔާނާ ހުރީ އެގަޑީގައި ބޭރަށްދާ ކަހަލަ މޫޑެއްގައި އެއްނޫނެވެ. ނަމަވެސް ޜޭޝްމާގެ އެދުމަށް ނޫނެކޭ ބުނާކަށް އޭނާއަކަށް ނުކެރުނެވެ.
އަވަސް އަވަހަށް ތައްޔާރު ވެލައިގެން އޭނާ ތިރިޔަށް ފޭބިއިރު ކެއްމަދުވެފައި ހުރި ރޭޝްމާ ސޯފާގައި އިނެވެ. ޝިޔާނާ ނުކުތްތަން ފެނުމުން އަވަހަށް އަންނާށޭބުނެ ބޭރަށް ނުކުންނަން ހިނގައިގަތެވެ. ފަނަރަ ވަރަކަށް މިނިޓްގެ ކުޑަ ދަތުރަކަށްފަހު ޑައިންމޯއަށް ދެވިއްޖެއެވެ. ޝިޔާނާއާއި ރޭޝްމާ އެކުއެކީގައި ހިނގާލާފައިގޮސް ރެސްޓޯރަންޓްގެ ތެރެއަށް ވަނުމުން އެތަނުގައި ތިބި ހުރިހާ ޒުވާނުންގެ ލޯތައް ޝިޔާނާއަށް ހުއްޓުނެވެ. ހުދުކުލައިގެ ދޯޕައްޓާ ހެދުމެއްގައި ހުރިއިރު ފަތްމިންޏަކަށް ވުރެވެސް އޭނާ ފުރިހަމަ ކަމަށް ދައްކައެވެ. އަޅާލުން ކުޑަގޮތަކަށް ވަށައިގެން ނަޒަރު ހިންގާލުމަށްފަހު އޭނާގެ އެކުވެރިން ތިބި މޭޒާ ދިމާލަށް ދިޔައެވެ.
މޭޒުކައިރީގައި އިށީނުމާއި އެކު އޭނާގެ ލޮލުގައި އަޅައިގަތީ ޖެހިގެން އިން މޭޒު ކައިރީ އެކަނި މާއެކަނި އިން ޒުވާނާއެވެ. އެހެން ފިރިހެން ކުދިންނާ ހިލާފަށް އެޒުވާނާ ޝިޔާނާއަށް އެއްވެސް ސަމާލުކަމެއް ނުދޭކަން ފާހަގަ ކުރެވުމުން އޭނާގެ ހިތަށް އަސަރެއް ކުރުވައިފިއެވެ. އެއްފަހަރު އިސްއުފުލައި ބަލާލުމަށްފަހުވެސް މާބޮޑު ސަމާލުކަމެއް ނުދީ އެޒުވާނާ އަނެއްކާވެސް އިސްދަށަށް ޖެހީއެވެ. އެޒުވާނާގެ އެ އަޅާލުން ކުޑަކަން ފެނިފައި ޝިޔާނާއަށް އެހާ އަސަރު ކުރަމުން އެދަނީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނޭނގުނެވެ.
ޑައިންމޯއިން ކައިނިމުމުން ގެޔަށްއައިސް އެނދުގައި އޮށޯވެ އޮވެގެންވެސް ޝިޔާނާއަށް ވިސްނެނީ ހަމައެގޮތްނޭނގޭ ޒުވާނާއާ ދޭތެރޭއެވެ. އެކުޑަކުޑަ ވަގުތު ކޮޅުގެ ފެނިލުމުން ވެސް ޝިޔާނާގެ ހިތް އެރީތި ޒުވާނާ މިލްކު ކޮށްލި ކަހަލައެވެ. ދެވަނަ ފަހަރަށް ޝިޔާނާ އެމޫނު ދެކިލުމަށް ޝައުގުވެރިވާން ފެށިއެވެ. އެހެން ފިރިހެން ކުދިންނާ އޭނާ ތަފާތުވީ ކީއްވެގެންތޯ ސުވާލު ކުރަން ބޭނުންވިއެވެ. މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ނިދުނު އިރެއްވެސް އޭނާއަކަށް ނޭނގެއެވެ.
އޭގެ އަނެއްދުވަހު ހަވީރު ވަންދެން ޝިޔާނާ ކެތްކުރީ ވަރަށް އުނދަގުލުންނެވެ. ހަވީރު ވުމުން ވަރަށް ރީތިކޮށް ނަލަހެދިލައިގެން ޑައިންމޯއަށް އޭނާ ދިޔައީ، އެންމެ ނަޒަރަކުން އެހިތަށް ބާރުފޯރުވި ޒުވާނާ ދެކިލުމުގެ އުއްމީދުގައެވެ. އޭނާގެ އުއްމީދުތަކުގައި ކުލަޖެހިގެން ދިޔައީ ރެސްޓޯރަންޓް ތެރެއިން އެރީތި ޒުވާނާ ފެނުމުންނެވެ. ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެ ޖެހިޖެހިގެންހުރި ދެމޭޒުގައި ތިބިއިރު ޝިޔާނާއަށް އިރުއިރުކޮޅާ އެޒުވާނާއަށް ބަލާލެވެއެވެ. ނަމަވެސް އެޒުވާނާ ހަމައިންގޮތަށް އިސްޖަހައިގެން އިނީއެވެ.
އެގޮތުގައި 3 ހަފްތާ ވޭތުވެގެން ދިޔައިރު ދުވަހެއް ދުވަހަކަށް އެޒުވާނާއަށް ދެވިފައިވާ ލޯބި ދިޔައީ އިތުރު ވަމުންނެވެ. ކޮންމެ ދުވަހަކުވެސް އެއްގަޑިއެއްގައި ޑައިންމޯ ތެރެއިން މިދެޒުވާނުން ބައްދަލުވީ ކަމުގައި ވިޔަސް އެދެމެދުގައި ވަނީ ބީރައްޓެހިކަމެކެވެ. އެކަކުވެސް އަނެކަކާ ވާހަކަ ދައްކާކަށް ނުކެރެއެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ޝިޔަނާ ގަސްތުކުރީ، އަންހެން ކުއްޖެއް ކަމުގައި ވީނަމަވެސް، ހިތުގެ ހާލު ބަޔާން ކޮށްދިނުމަށެވެ.
ޖެހިގެން އައިދުވަހު ޝިޔާނާ ގޮސް އިށީނީ އެޒުވާނާ އިން މޭޒު ދޮށުގައެވެ. މީހަކު އައިކަމުގެ އިހްސާސް ކުރެވުމުން އެޒުވާނާ އިސްއުފުލައި ބަލައިލިއެވެ. ދެމީހުންގެ ލޮލާލޯ ސީދާވެގެން ދިޔަ ވަގުތު ޝިޔާނާގެ އެތެރެ ހަށީގައި ހީވީ ކަރަންޓެއް އުފެދުނުހެންނެވެ. ޝިޔާނާ ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ.
“އަ… އަހަރެންނަށް ކިޔަނީ ޝިޔާނާ! އެނގޭ މިއީ ރީތި ގޮތެއް ނޫންކަންވެސް… އެކަމަކު އަހަރެންގެ ހިތަށް ކެތް ނުކުރެވިގެން މިއަދު ވިވާހަކަ ބުނަން މަޖުބޫރުވީ. އެކަކަށްވެސް ނުދީ ފޮރުވާފައި މިވާ އަހަރެންގެ ހިތް، އެންމެ ތިން ހަފްތާ ތެރޭ، ކަލާ ގެންދިޔައީ ކިހިނެތް ކަމެއްވެސް އަހަރެންނަކަށް ނޭނގުނު. އެނގޭހާވެސް އެއްޗަކީ ކަލާއާއި ނުލާދެން އަހަރެންނަށް ނޫޅެވޭނެކަން…” އެހިސާބަށް ދިޔަތަނާ ޝިޔާނާގެ އަޑު ބެދޭގޮތް ވެއްޖެއެވެ. އެޒުވާނާ މަޑުމަޑުން ޝިޔާނާގެ އަތުގައި ހިފާލިއެވެ.
“އަހަރެންނަށް ކިޔަނީ ފާރިޝް. ޝިޔާނާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުގައި ތިރީތި ސޫރަ ބިންވަޅު ނެގިފައިވޭ. އެކަމަކު ތިފަދަ ހޫރު ޕަރީއަކާ އަހަރެންނާ އެކަށީގެން ނުވާތީ ބުނަން ނުކެރިފައި މިހުރީ…” ފާރިޝްގެ ވާހަކަ އިވުމުން ޝިޔާނާއަށް ހީވީ ވަރަ ފަޅައި އުދުހިގަނެވުނު ހެންނެވެ. ބަޔާން ކުރަންދަތި އުފަލަކުން އޭނާގެ ހިތް ފުރިގެން ބަންޑުންވިއެވެ. އެދެލޯބިވެރިން އެދުވަހު ވަކިވީ ޖެހިގެން އަންނަ ދުވަހު ބައްދަލު ކުރުމަށް ވަޢުދު ވެފައެވެ.
ވައުދު ވެވިފައިވާ ގޮތުގެ މަތިން އަނެއްދުވަހުގެ ހަވީރު ފާރިޝް ޝިޔާނާ ބަލާ އެގެޔަށް ދިޔައީ އޭނާގެ އަމިއްލަ ކާރުގައެވެ. ޝިޔާނާއަށް ފާރިޝްގެ ކާރު ފެނުމުން ބޭނުންވީ ފާރިޝްއާއެކީ “ލޯންގް ޑްރައިވް” އަކަށް ދާށެވެ. އެހެނަސް ކާރު ދުއްވާނީ ޝިޔާނާ ކަމުގައި އޭނާ ބުންޏެވެ. އެއްވެސް ދެކޮޅު ހެދުމަކާ ނުލާ ފާރިޝް އެކަމާ އެއްބަސްވިއެވެ.
ކާރު ދުއްވަމުން ދިޔައީ އާދައިގެ ބާރުމިނެއްގައެވެ. ފާރިޝް ކިޔައިދިން ޖޯކަކަށް ހެމުން އެއްފަރާތަށް އޮތް ގޯޅިން ޝިޔާނާ ކާރު އަނބުރާލީ މާބޮޑު ސަމާލުކަމެއް ދިނުމަކާ ނުލައެވެ. އެހެންކަމުން ކުރިމަތިން އައި ލޮރީއެއް ކުއްލިއަކަށް އައިސް ކާރުގައި ޖެހުނުއިރު އޭނާއަކަށް ކާރު ކޮންޓްރޯލްއެއް ނުކުރެވުނެވެ. ބިރުވެރި ހަޅޭކަކާއެކު ދެން ވީގޮތެއް ޝިޔާނާއަކަށް ނޭނގުނެވެ.
ހޭވެރިކަން ވީއިރު ޝިޔާނާ އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ. ނުކުޅެދޭ މީހެއްގެ ގޮތުގައެވެ. ފާރިޝް ކޮބާތޯ ތަކުރާރުކޮށް ސުވާލު ކުރުމުން، އެ ހިތާމަވެރި އެކްސިޑެންޓްގައި ފާރިޝް މިދުނިޔެއާ އަލްވަދާއު ކިޔައިފިކަން ޝިޔާނާގެ ގާތުގައި ބުނީ ރޭޝްމާއެވެ. ޝިޔާނާއަށް ހީވީ އޭނާގެ މެޔަށް ކަށިތަކެއް ހެރުނުހެންނެވެ. އެއީ ހުވަފެނެއް ނަމައޭ ޝިޔާނާގެ ހިތަށް އެރިއެވެ.
އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ޝިޔާނާ އެއިންނަނީ ފާރިޝްގެ ހަނދާންތަކާ ދުރަށް ނުދެވިފައެވެ. އޭނާގެ ލޯބިވެރިޔާގެ މަރުގެ ޒިންމާ އަމިއްލައަށް ބޮލުގައި އަޅުވައިގެން ދިރިހުރުމަކީ ކޮންމެ ދުވަހަކު އެތައް މަރަކުން މަރުވުމެކޭ އެއްފަދަ ކަމެކެވެ. ޝިޔާނާގެ ލޯތްބަށްޓަކައި ފެން ބޮވައިގަނެފައި ތިބި ޒުވާނުން މިއަދުވެސް މަދެއް ނޫނެވެ. އެހެނަސް ފާރިޝްއަށް އެހިތުން ދެވިފައިވާ މަގާމް އެހެން މީހަކަށް ދިނުމަކީ ޝިޔާނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. އޭނާ ދެކޭގޮތުގައި އެއީ ފާރިޝްއަށް ބޭވަފާތެރިވުމެވެ. އަދި އެއީ އެއްވެސް ހާލެއްގައި އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ޝިޔާނާ ދިރިހުރިހައި ދުވަހަކު ހުންނާނީ ފާރިޝްގެ ހައްގެއްގެ ގޮތުގައެވެ.
-ނިމުނީ-
ނޯޓް: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ ޝިފާ ޢުމަރު، ގްރޭޑް 11 ބީ، ލިޔެފައިވާ ވާހަކައެކެވެ. ޝިފާ ގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެންމެ މޮޅު 10 ވާހަކަ ތެރޭގައި ވަނީ ހިމެނިފައެވެ. މިމުބާރާތުގައި 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައެވެ.